އައިޑީބީ އިން އެސްޓީއޯ އަށް 100 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ހަމަޖައްސައިދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އައިޑީބީ އިން އެސްޓީއޯ އަށް 100 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ހަމަޖައްސައިދީފި
އައިޑީބީގެ ސަބްސިޑަރީ އިދާރާއެއް ކަމަށްވާ އައިޓީއެފްސީ އިން ދިވެހިރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގ ކޮމްޕެނީ (އެސްޓީއޯ)އަށް 100 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ހަމަޖައްސައިދީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ނަޒީމް ނޫރްދާހް އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަޙްމަދު ޝަހީރުއެވެ. މި ފެސިލިޓީ ވެގެންދާނީ އައިޑީބީ އިން ރާއްޖެއަށް މިހައިތަނަށް ދިން އެންމެ ބޮޑު ލޯނު ފެސިލިޓީ އަށެވެ.

މި ފެސިޅިޓީ އާއި ގުޅިގެން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ މި ފެސިލިޓީއަކީ އެސްޓީއޯ އިން ބޭނުންވެއްޖެ ނަމަ ވިޔަފާރީގެ ކޮންމެ ކަމަކަށްވެސް ބޭނުން ކުރެވިދާނެ ފެސިލިޓީއެއް ކަމަށެވެ.

"މިސާލަކަށް ކުއްލިއަކަށް ބޮޑު ތެޔޮ ޝިޕްމަންޓެއް ގެންނަން ބޭނުންވި ނަމަވެސް މި ފެސިލިޓީގެ ތެރެއިން އެކަން ކުރެވިދާނެ. އަދި އެނޫން ކަމަކަށްވެސް މި ފެސިލިޓީގެ ބޭނުން ކުރެވިދާނެ." ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އައިޑީބީ އިން މިފަދަ ބޮޑު ލޯނު ފެސިލިޓީއަށް އެސްޓީއޯއަށް ދިނުމުން ބައިނަލްއަޤްވާމީ ފެންވަރުގައި އެސްޓީއޯ އިން ހޯދަމުން ގެންދާ އިތުބާރުގެ ބޮޑުކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން