ރާއްޖޭގެ އިސްލާމީ ވަންތަކަމަށް ފުރައްސާރަކޮށް ގޮންޖަހާފަ މާފަށް އެދުމުން ފުދޭތަ؟ ސަރުކާރަށް ލިބުނު ބޮޑު ގެއްލުން ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ރާއްޖޭގެ އިސްލާމީ ވަންތަކަމަށް ފުރައްސާރަކޮށް ގޮންޖަހާފަ މާފަށް އެދުމުން ފުދޭތަ؟ ސަރުކާރަށް ލިބުނު ބޮޑު ގެއްލުން ކޮބާ؟
މީލާދީ އައު އަހަރު ފާހަގަކުރަން މިއަހަރު މާލޭގައި ބޭއްވި މިޔުޒިކްޝޯގައި ވަނީ ރާއްޖޭގެ އިސްލާމީ ވަންތަކަމަށް ގޮންޖަހައި ފުރައްސާރަކޮށްފައެވެ. ރާއްޖޭގައި ތިބި އިސްލާމް ދީނަށް ލޯބި ކުރާ އެންމެ ހިތްތަކުގައި އަލިފާން ޖަހައިފައެވެ.

ހަމައެއާއިއެކު ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށް ނަގަހައްޓަން ސަރުކާރުން ކުރާ މަސައްކަތްތަކުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލުވާލައިފައެވެ. ގިނަ ބައެއްގެ ހިތްތަކުގައި ސަރުކާރުގެ އިސްލާމީ ސިޔާސަތަށް ނަފުރަތު އުފައްދުވައިފައެވެ.

ނަތީޖާއަކަށްވެގެންދިއައީ ސަރުކާރުން ޒުވާނުންގެ ރުހުން ހޯދަން ބޭނުންކުރި ފުރުޞަތު ފުށުންޖެހި ސަރުކާރަށް ގިނަބައަކު ނަފުރަތުކުރުމެވެ.

ޤަބޫލުކުރަން ބޭނުންވި ނަމަވެސް އަދި ނުވި ނަމަވެސް ކަންކަން ވެގެން ދިއައީ މިގޮތަށްކަން އޮތީ ހާމައަށް ފެންނާށެވެ.

ޕްރެޒެންޓަރު ފުރަތަމަ ނުކުތީ ވެސް އިސްލާމުން ބަލައިލަންވެސް ހެޔޮވާނެ ފަދަ ގޮތަކަށް ނޫނެވެ. އެއަށްފަހު ޑާންސް ގްރޫޕު ނުކުތީ ޝައިޠާނާ އެންމެ އުފާވާނެ ގޮތަށެވެ. ބަނޑާއި ފަޔާއި އުރަމަތީގެ ބޮޑުބައެއް ހާމައަށް ދައްކައިގެންނެވެ.

އެހުރިހައި ކަންކަންކުރުމަށްފަހު ޝޯ އިންތިޒާމުކުރި އެމްއައިޓީޑީސީ އިން މަޢާފަށް އެދޭކަމަށް ބުނުމުން ސަރުކާރުން އެކަން އެހިސާބުން ނިންމާލައިފިނަމަ އެމްއައިޓީޑީސީ ކަންކުރި މަގުން އެހެން ބައަކުވެސް ރާއްޖޭގައި ކަންކަން ކޮށްފައި މާފަށް އެދޭކަމަށް ބުނުމުން ފުދޭނެކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. އަދި ގިނަ ބައަކު ޤަބޫލުކުރަނީ މިއީ ވަރަށް ނުބައި ފެށުމެއް ކަމަށެވެ.

ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި މިފަދަ ކަންކަން މިހެން ވަމުން މިދަނީ ކަންކަން އިންތިޒާމުކުރާ ފެންވަރުގައި ޤާބިލު މީހުން ނެތުމުންނެވެ.

ރާއްޖޭގައި އޮތީ ސައްތައިން ސައްތަ އިސްލާމް ދީން ކަމާއި ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ އިންތަކެއްގެ ތެރެއިންކަން އެނގެން ވެސް ބޭނުން ނުވާ ބައަކު މަތީ މަޤާމުތަކުގައި ތިބުމުންނެވެ. ތިމާމެން ކުރާ ކަންކަމުގެ ސަބަބުން ތިމާމެންނަށް މަޤާމު ދިން ސަރުކާރަށް ބޮޑެތި ގެއްލުންތައް ލިބޭނެކަން ވެސް ޤަބޫލުނުކުރާ ބައަކު އިސް ބައެއްގެ ގޮތުގައި ބެއިތިއްބުމުންނެވެ.

ޝޯ ފެށިގެންއައިރު ޕްރެޒެންޓަރުގެ ސަބަބުން މައްސަލަތަކެއް ކުރިމަތިވީމާ ދެންވެސް ރައްކައުތެރިކަމުގެ ފިޔަވަޅެއް ނުއެޅީ ކީއްވެގެންކަން ބުނެދޭން ނުޖެހޭނެބާވައެވެ! މިކަންކަމަށް ދައުލަތުން ކުރިއަށް އޮތްތަނުގައި ވިސްނުމުގެ އިތުރުން މިއީ ބަލައި ތަޙްޤީޤްކޮށް ފިޔަވަޅު އަޅަންޖެހޭނެ ކަމެއްކަމަށް ގިނަ ބައަކު ޤަބޫލުކުރަނީ ގިނަ ސަބަބުތަކެއް ހުރުމުންނެވެ.





"އޯލް ސެޓް ތު ރޮކް މޯލްޑިވްސް" ބުނެ ޓްވީޓްކުރީ މިކަން މިގޮތަށް ކުރަންވެގެންނެވެ. އެމްއައިޓީޑީސީ އިން އެ ޓްވީޓް ރީޓްވީޓް ކުރިއެވެ. ހަމަ ހަޤީޤަތުގައި ވެސް އެ ޝޯގެ ސަބަބުން ރާއްޖެ ވަނީ ވަރަށް ރަނގަޅަށް ރޮކްވެފައެވެ. ރޮކް ކޮށްލައިފައެވެ.

މިއަދު އޮންލައިން