އެސްޓީއޯއިން ތަރައްޤީކުރާ ފުޑް ކޯޓުގެ 13 ކެފޭއެއް އަލުން ބިޑަށް ހުޅުވާލަނީ

ކިޔުމަށް ހޭދަވާނީ 1މ 15ސ
އެސްޓީއޯއިން ތަރައްޤީކުރާ ފުޑް ކޯޓުގެ 13 ކެފޭއެއް އަލުން ބިޑަށް ހުޅުވާލަނީ
މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ތަރައްޤީކުރާ ފުޑް ކޯޓުގައި ހިމެނޭ 13 ކެފޭއެއް އަލުން ބިޑަށް ހުޅުވާލަން ނިންމައިފިއެވެ.

އެސްޓީއޯގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގެ ކެފޭތަކުގެ ތެރެއިން އަމީނީމަގާ ވީ ފަޅީގެ ކުއްޔަށްދޭން މިދިޔަ މަހު ބިޑަށް ހުޅުވާލި ނަމަވެސް އެ ކެންސަލްކުރަން ޖެހުނީ އެކަށީގެންވާ ތަރުހީބެއް ނުލިބުމުންކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ވިންގްގައި ހިމެނޭ 13 ކެފޭގެ ހުރިކާ މަސައްކަތެއްހެން ނިންމާފައިވާކަމަށާއި ނުނިމެ އޮތީ ހަމައެކަނި ފާރުނީޗަރުތައް ރޭވުމުގެ މަސައްކަތްކަމަށެވެ. އަދި އެ ކެފޭތައް ކުއްޔަށްދޭން އަލުން މިއަދު ބިޑަށް ހުޅުވާލާނެކަމަށާއި މި މަހުގެ ތެރޭގައި ބިޑްތައް އިވެލުއޭޓްކޮށް އެ ކެފޭތަކުގެ ޅިދުމަތް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުޑް ކޯޓުގެ ދެވަނަ ވިންގްގައި ވެސް 13 ކެފޭއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ދެވަނަ ވިންގްގެ މަސައްކަތް ވެސް ނިމޭނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ހުރި ކަޑަތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އެސްޓީއޯއާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ހައުސިން މިނިސްޓްރީން ބުނެފައިވަނީ ފުޑް ކޯޓުގެ މަޝްރޫއު ނިމިގެންދާއިރު، ސައިކަލާއި ކާރު ޕާކްކުރެވޭ ގޮތަށް، ދެ ފަރާތުގައި ރޮޓަރީ ޕާކިން ސިސްޓަމެއް ވެސް ޤާއިމްކުރެވިގެންދާނެކަމަށެވެ.
މިއަދު އޮންލައިން