ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސް ފަރުވާ ނުލިބިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅާ އެމައްސަލަ ބާތިލު ކޮށްދިނުމަށް ސިވިލް ކޯޓުގައި މިއަދު ދައުލަތުން އެދިއްޖެއެވެ.
މިމައްސަލަ ޑިސްޕިއުޓް މަރުހަލާގައި ހައްލުނުވުމުން ޝަރިއަތަށް ފޮނުވާފައިވާއިރު، ލިޔެކިޔުންތައް ބަދަލުކުރުމަށް މިއަދު އަޑުއެހުމެއް ބޭއްވިއެވެ. ދައުލަތުން ވަނީ އެއަޑުއެހުމުގައި އިޖުރާއީ ނުކުތާއެއް ނަގާފައިވާއިރު، އަދީބުގެ ދައުވާއަށް ޖަވާބުދާރީ ނުވެ، ދައުލަތުން އެދުނީ އެމައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ގޮތުގައި ކަނޑައަޅައި ދިނުމަށެވެ.
އެމައްސަލައާއި ގުޅިގެން ޖަވާބު ދާރީވުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފުރުސަތު ދިނުމުގެ ގޮތުން މިއަދު ބޭއްވުނު އަޑުއެހުން ނިންމާލާ، އެހެން އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ.
މިއަދު އަދީބު މާލެ ގެންނެވިއިރު، ކުރިއާއި މިހާރާއި އޭނާ ހުރި ގޮތް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މީގެ ކުރިން ދިގު އިސްތަށިގަނޑެއް އޮތް އަޑިބުގެ ބޯ މިހާރު ވަނީ ވަރަށް ތުނިކޮށް ކޮށާފައެވެ. ސިއްޙީ ހާލު ގޯސްވެ، އުނދަގޫތަކެއް ވާތީ އަދީބުގެ ބޯބާލާފައިވާ ކަމަށް އޭނާގެ ވަކީލު މޫސާ ސިރާޖު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.