މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ، މާލޭގެ އާޓް ސްޓޫޑިއޯ އެއްގެ ތެރޭގައި، އުމުރުން 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރިކަމުގެ މައްސަލައެއް މިވަނީ ފެންމަތިވެފައެވެ.
ފުލުހުން އެމައްސަލަ ބަލަމުންދާކަމާއި، އެކަން ކޮށްފައިވަނީ ސިޔާސީ ލީޑަރެއްގެ ކޮއްކޮއެއްކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. އަންހެން ކުއްޖާ ބުނެފައިވާ ގޮތުގައި އާޓިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އެމީހާ އަންހެން ކުއްޖާއަށް ޖިންސީ ގޮތުން ފުރައްސާރަ ކޮށްފައިވަނީ، އާޓް ޕްރޮޖެކްޓެއްގެ މަސައްކަތަށް އެސްޓޫޑިއޯއަށް އެރޭ އެއަންހެން ކުއްޖާ ދިޔުމުންނެވެ. އަންހެން ކުއްޖާއަކީ ވެސް އާޓިސްޓެކެވެ.
މިމައްސަލައާއި ގުޅިގެން މުޅި ސޯޝަލް މީޑިއާގައި ވަނީ ތަފާތު އެކިއެކި ވާހަކަތައް ފެތުރިފައެވެ. މިކަން ކުރިކަމަށް ބުނާ މީހާ އާއި އިތުރު ބަޔަކުވެސް ވަނީ އެއީ ދޮގު ތުހުމަތެއްކަމަށް ބުނެފައެވެ. އަނެއްބަޔަކު ބުނެފައިވަނީ އެއީ ހަމަ ތެދެއް ކަމަށާއި ޙައްޤު އަދަބު ދޭން ޖެހޭނެ ކަމަށެވެ.
ކޮންމެހެނަކަސް، މިމައްސަލައާއި ބެހޭ ގޮތުން ފެތުރިފައިވާ އެކިއެކި ވާހަކަތައް ސޯޝަލް މީޑިއާއިން ކިޔަމުންގޮސް، މީހަކު ކޮށްފައިވާ ޕޯސްޓެއް ކިޔާލުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އެޕޯސްޓުގައި އެމީހާ ލިޔެފައިވަނީ "ފަތުއަޑު ގޮވާފައި މީސް މީޑިއާގައި ފެތުރެމުންދާ ހަބަރެއް. އަންހެން ދަރިންނަށް މިނިވަންކަން ދިނުމުގެ ނަތީޖާއަކީމީ. ދަރިން ހޯދުނީމަ މައިންބަފައިންނަށް ނިމުނީކީއެއް ނޫން. އެދަރިންނަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ވެސް ދޭން ޖެހޭނެ. އެންމެ ފުރަތަމަ ކުށްވެރިވަނީ މައިންބަފައިން."
ސުވާލަކީ، މިޕޯސްޓުގައި މިބުނަނީ ހަމަ ރަނގަޅު ވާހަކައެއް ހެއްޔެވެ؟
"އަންހެން ދަރިންނަށް މިނިވަންކަން ދިނުމުގެ ނަތީޖާއަކީމީ" އޭ ބުނެފައިވާއިރު، އޭގެ މާނައަކީ އަންހެން ދަރިން ނުވަތަ އަންހެން ކުދިން ގެންގުޅެންވީ އެއްވެސް މިނިވަންކަމެއް ނުދީ ގޭގައި ބަންދު ކޮށްގެން ހެއްޔެވެ؟
ކަމެއްވުމުން ކުށްވެރިވާ މީހާ ބަހައްޓާފައި އެހެން މީހުން ކުށްވެރި ކުރުމަކީ ބައެއް ދިވެހިން ގެންގުޅޭ ވަރަށް ނޭދެވޭ އާދައެކެވެ. މިޕޯސްޓު ކޮށްފައިވާ މީހާވެސް ކަންތައް ކޮށްފައިމިވަނީ އެފަދައިންނެވެ. ހަގީގަތް ބަލާނުލާ، އަންހެން ކުއްޖާގެ މައިންބަފައިން ކުށްވެރި ކުރީތީއެވެ.
އަންހެން ދަރިން ނުވަތަ ކުދިންނަށް މިނިވަންކަން ނުދޭން ދީނުގައި އަންގަވާފައިވޭތޯ ސުވާލު އުފެދެއެވެ. އަޅުގަނޑުމެންގެ އިސްލާމްދީނުގައި އަންހެނުންގެ ދަރަޖަ ނުލާހިކު މަތިވެރިއެވެ. އެހެންކަމުން މިނިވަންކަން ނުދޭން އަންގަވާފައިވާނެހެން ހިއެއް ނުވެއެވެ. ނަމަވެސް އަންހެން ދަރިން ހެޔޮ ގޮތުގައި ބަލާ ބޮޑުކުރަން އިސްލާމްދީނުގައި އަންގަވާފައިވެއެވެ.
ޒާތްޒާތަށް ހެދުން އުޅުމާއި އައުރަ ނިވާ ނުކޮށް އުޅުމަކީ ދީން ހުއްދަ ކުރާ އަދި އަންގަވާފައިވާ ގޮތެއް ނޫނެވެ. އެކަން ޤަބޫޅު ކުރެވެއެވެ. ނަމަވެސް އޭގެ މާނައަކީ، އެއަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރާށޭ ހެއްޔެވެ؟ އެފަދައިން ކަންތައް ކުރުމުން ފިރިހެން މީހާގެ ކުށެއް ނެތް ކަމަށް ވަނީ ކިހިނެއް ހެއްޔެވެ؟
މިދެއްކުނީ އައުރަ ނިވާ ނުކުރާ އަންހެން ކުދިންގެ ވާހަކައެވެ. ނަމަވެސް ހިތާމައަކީ، ޖިންސީ ގޯނާ ކުރުމާއި އެކި ކަހަލަ ފުރައްސާރަ ކުރުމާއި ހަމަ އެކަނި ކުރިމަތިވަނީ އެފަދައިން ހެދުން އަޅާ އަންހެން ކުދިންނަށް އެކަންޏެއް ނޫން ކަމެވެ. އައުރަ ރަނގަޅަށް ނިވާ ކޮށްގެން ތިބޭ ކުދިންނަށް ވެސް މިފަދަ ހިތްދަތި ކަންތައްތަކާއި ކުރިމަތިލާން ޖެހެއެވެ.
ދެން އޮތީ މައިންބަފައިން ދަރިންނަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދޭން ޖެހޭނެކަމަށް ބުނެފައިވާ ވާހަކައެވެ. ދަރިންދެކެ ފުރިހަމައަށް ލޯބިވާ މައިންބަފައިން ހަމަ ޔަގީނުންވެސް އެމީހެއްގެ ދަރިއަކަށް (އެއީ އަންހެން ނުވަތަ ފިރިހެން ދަރިއެއް ކަމުގައިވީ ނަމަވެސް) އެއްވެސް ގެއްލުމެއް ލިބޭކަށް ނޭދޭނެއެވެ. ދަރިން ހިމާޔަތް ކުރާނެއެވެ. ރައްކާތެރިވެސް ކުރާނެއެވެ.
އަންހެން ކުދިން ކޮންމެ ތަނަކަށް ދިޔަކަމުގައިވީ ނަމަވެސް މަހުރަމަކާއިއެކު ނޫނީ ނުދިޔުމަށް ދީނުގައި އަންގަވާފައިވެއެވެ. ނަމަވެސް ސުވާލަކީ، މައިންބަފައިންނަށް ނުވަތަ މަހުރަމަށް ވެސް ކޮންމެކޮންމެ ތަނަކު އަންހެން ދަރިފުޅާ ނުވަތަ ކުއްޖާއާއި އެކު އިނދެވޭނެ ހެއްޔޭއެވެ؟ އަންހެން ކުއްޖާ ކިޔަވަން ނުވަތަ ވަޒީފާއަށްދާއިރު، މައިންބަފައިންނަށް ނުވަތަ މަޙުރަމަށް އެއަންހެން ކުއްޖާއާއި އެކު އެތަނުގައި އިނދެވޭނެ ހެއްޔެވެ؟ ނޫނެކެވެ. އެންމެ ކައިރި ހިސާބަކަށް ވެސް މައިންބަފައިންނަށް ދެވޭނީ އެކުއްޖާއާއިއެކު އެތަނެއްގެ ދޮރުމައްޗާއި ހަމައަށެވެ.
ބޭރު ތެރެއިން އަންހެން ކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާތަކުގެ ވާހަކަ ބާއްވާފައި ގޭތެރޭގެ ވާހަކަ ދައްކަމާ ހިނގާށެވެ. ގޭތެރެއިން ނުވަތަ އާއިލާ މީހެއްގެ ފަރާތުން ޖިންސީ ގޯނާއާއި ފުރައްސާރަ ކުރުމާއި ކުރިމަތިލާން ޖެހިފައިވަނީ ރާއްޖޭގެ ކިތައް އަންހެން ކުދިންނަށް ހެއްޔެވެ؟ މައިންބަފައިން ދެރަވާނެއޭ، ހިތާމާއިން ގޮސް މަރުވެސް ވެދާނެއޭ، ނުވަތަ އެވާހަކަތައް ބުނެފިއްޔާ ކޮންމެވެސް ގޯނާއެއް ކުރާނަމޭ ބުނެ ބިރު ދައްކައިގެން، ކިތައް އަންހެން ކުދިންގެ އިއްފަތްތެރިކަން ފޭރިގެންފައިވޭ ހެއްޔެވެ؟
މިކަންކަމުން ވެސް ދޭހަވަނީ، ކުށްވެރިވަނީ މައިންބަފައިން ނޫން ކަމެވެ. މައްސަލަ އޮތީ އަޅުގަނޑުމެންގެ ސޮސައިޓީގައެވެ. ބައެއް މީހުންގެ ވިސްނުންތައް މާވަހުޝީއެވެ. ހެވާއި ނުބައި ނޭނގެނީއެވެ. އަންހެން ކުދިން ގެއިން ބޭރަށް ނިކުމެ އިތުރަށް ކިޔަވަން އުޅެނީ ނުވަތަ ވަޒީފާގެ މައިދާނަށް ނިކުންނަނީ، އެކުދިންގެ ވެސް މުސްތަޤުބަލު އުޖާލާ ކުރުމަށެވެ. ދިރިއުޅުމުގައި ދަތިތަކެއް ހުރުމުން އެކަންކަމަށް ޙައްލެއްގެނެސް، އެކުއްޖާއަށާއި އާއިލާއަށް ހަމަޖެހޭ ދިރިއުޅުމެއް ލިބޭތޯ މަސައްކަތް ކުރުމަށެވެ. އަމިއްލަ ފައިމައްޗަށް ތެދުވުމަށެވެ. އެޙައްޤަކީ ހަމައެކަނި ފިރިހެން ދަރިންނަށް ނުވަތަ ކުދިންނަށް ލިބެން ޖެހޭ އެއްޗެއް ނޫނެވެ.