މާލޭގައި އަލަށް ހެދި ހުޅަނގު ދެކުނު ހާބަރ ސަރަހައްދުގައި އެސްޓީއޯ އިން ތަރައްޤީ ކުރާ ފުޑް ކޯޓުތައް، އަކަފޫޓެއް 53 ރ. އަށް ކުއްޔަށް ދޭން ނިންމައިފިއެވެ.
މިއަދު އެސްޓީއޯ އިން ނެރުނު އިއުލާނެއްގައިވާ ގޮތުން އާ ހާބަރުގައި ތަރައްގީކުރާ 26 ކެފޭ ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ ޖަނަވަރީ މަހުގެ 21 ގެ ކުރިން ޕްރޮ÷ސަލް ހުށަހަޅަން ޖެހެއެވެ. އަދި ބިޑް ހުށަހަޅާއިރު 100،000 ރުފިޠާގެ ބިޑް ސެކިއުރިޓީއެއް ވެސް ހުށަހަޅަން ޖެހޭ ކަމަށް އިއުލާނުގައިވެއެވެ.
އެސްޓީއޯ އިން ތަފާތު ތިން ސައިޒެއްގެ ކެފޭތަކެއް ހަދަމުންދާއިރު އޭގެ ތެރޭގައި ހިމެނެނީ 960 އަކަފޫޓާއި 1،260 އަދި 1،660 އަކަފޫޓުގެ ކެފޭތަކެވެ. އޭގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރެވެނީ އިއްޒުއްދީން މަގާވީ ފަޅީގައި ހުންނަ 12 ތަނެއްގައި އެކަނި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެސްޓީއޯ އިން ހާމަ ކޮށްފައިވާ ގޮތުގައި ބިޑް ކާމިޔާބުކުރާ ފަރާތްތަކަށް ތިން މަސް ދުވަހުގެ ސެކިއުރިޓީ ޑިޕޮޒިޓް ދެއްކުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށާއި އެއްބަސްވުމުގައި ސޮއި ކުރާނީ އެފައިސާ ދެއްކުމުން ކަމަށް ވެސް އެކުންފުނިން ނެރުނު އިއުލާނުގައިވެއެވެ.