އަރިއަތޮޅުގެ ޢުމްރާނީ ތަރައްޤީއަށް ޤާސިމް އިބްރާހީމް ކުރެއްވެވި ހޭދަތަކާއި ތައުލީމަށް ކުރެއްވެވި ހޭދަތަކާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދެއްވަވަން ކުރެއްވެވި ހޭދަތައް ފަދަ ހޭދަ ތަކަކީ އަރި އަތޮޅުގެ ތަރައްޤީއަށް ކުރެއްވެވި ހޭދަތައް ނޫން ކަމަށް ސައީދަށް ހެދިދާނެތޯވެސް ގިނަ ބައަކު ދަނީ ސުވާލުކުރަމުންނެވެ.
ވަކި ރަށެއް ބެއްލެވުމެއް ނެތި ކޮންމެ ރަށަކުން އެދުނު ނަމަވެސް ތަރައްޤީގެ ކަންކަމުގައި ޤާސިމް އިބްރާހީމް ވެއްދެއްވި ދީލަތި އެހީފުޅުތައްވެސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ހަމަ މުޙައްމަދު ސަޢީދުއެވެ.
ޤާސިމް އިބްރާހީމް ކިޔަވައިދެއްވައި އަދި އިޤްޠިޞާދީ ވަޒީރުކަންވެސް ޤާސިމް ދެއްވުމުން ސަރުކާރުގެ ވަޒީރުކަމުގައި މިއަދު ހުންނެވި މުޙައްމަދު ސަޢީދު ޤާސިމް އިބްރާހީމްގެ ސަން އައިލަންޑް ރިޒޯޓުގައި ދިގު މުއްދަތެއްގައި ވަޒީފާ އަދާކުރައްވަވާފައިވުމުން މިދެންނެވި ކަންކަމުގެ ފުރިހަމަ ހަޤީޤަތް މުޙައްމަދު ސަޢީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.
"މިއަދުވެސް ރާއްޖޭގައި އޮތް އެންމެ ބޮޑު ރިޒޯޓު އަރިއަތޮޅުގައި ތަރައްޤީ ކުރެއްވީ މުޙައްމަދު ސަޢީދުތޯއެވެ؟ ތިއަ ކަމެއް ނުވާނެއޭ އެންމެން ބުނަމުން ދަނިކޮށް ރާއްޖޭގައި ފަޅު ހިއްކައިގެން ތަރައްޤީކުރި ފުރަތަމަ އެއާޕޯޓް އަރިއަތޮޅުގައި ތަރައްޤީ ކުރެއްވީ މުޙައްމަދު ސަޢީދުތޯއެވެ؟ މާލެ އާއި ނުބައްދަލު ޕޯޓެއް އަރިއަތޮޅުގައި ތަރައްޤީކުރެއްވީ މުޙައްމަދު ސަޢީދުތޯއެވެ؟ ރަށްރަށުގައި ސްކޫލްމަދުރަސާތަކާއި ކްލާސްރޫމްތައް އަޅުއްވައިދެއްވީ އަދި ރަށްރަށުގައި ބަނދަރު ހައްދައިވައިދެއްވީ މުޙައްމަދު ސަޢީދުތޯއެވެ؟" ރައްޔިތުން މުޙައްމަދު ސަޢީދު އާއި ކުރަން ބޭނުންވާ މިފަދަ ސުވާލުތައް ވަަރަށް ގިނައެވެ.
ޕޯޓާއި އެއާޕޯޓަށް ބެލި ނަމަވެސް އަރިއަތޮޅަށްވުރެ ކުރީގައި މިހާރުވެސް އޮތީ ކޮން އަތޮޅެއްތޯ ވެސް ސުވާލުކުރެއެވެ. އަދި އެފަދަ އަތޮޅެއް އޮތް ނަމަ އެ އަތޮޅެއް ތަރައްޤީ ކުރީ އެ އަތޮޅެއްގެ ކާކުތޯވެސް ސުވާލުކުރެއެވެ.
ދެން އޮތީ ޤާސިމް އިބްރާހީމްގެ ތަނަވަސްކަމެވެ. ޤާސިމް އިބްރާހީމްއަށްވުރެ އެތައް ގުނައެއް މަހުޖަނުކަން ބޮޑު މަހުޖަނުން ރާއްޖޭގެ އަތޮޅުތަކުގައި ރިޒޯޓުތައް ނުހިންގަނީތޯއެވެ؟ އެމީހުން ހިންގާ ރިޒޯޓުތަކަށް ގެސްޓުން ނުއަންނަނީތޯއެވެ؟
މުހައްމަދު ސަޢީދު ވިދާޅުވި ނަމަވެސް ނަތަޔާންހޫ ބުނި ނަމަވެސް އިރުއެރީމާ އެއީ ރޭގަނޑު ކަމަކަށް އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެއެވެ. މިސްތަކުންގެ ލޯތަކަށް އިރު ފޮރުވައި ނުލެވޭނެތީއެވެ. ހަމައެފަދައިން ޤާސިމް އިބްރާހީމް އަރިއަތޮޅަށާއި މުޅި ރާއްޖެއަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް އެއީ މުޙައްމަދު ސަޢީދު ވިދާޅުވުމަކުން ފަސްއަޅައި ފޮރުވޭނެ ކަންކަމެއް ނޫނެވެ.
2013 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައިހެން މުޙައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅުތައް މުޙައްމަދު ސަޢީދު މިއަދު ހަނދުމަފުޅު ނެތީކަމަށްވެދާނެއެވެ. އެއީ ވެދާނެ ކަމެކެވެ.
ސަރުކާރުގެ ވަޒީރުންނަށް ސަރުކާރުގެ ސިޔާސަތުތައް މާކެޓްކުރަންޖެހޭނެއެވެ. ނަމަވެސް ކަނޑައެޅިގެން ދޮގު ހެދުމުން އެނގޭ ކަމަކީ އިޤްޠިޞާދީ ވަޒީރަށް މިސަރުކާރު މާކެޓް ކުރައްވަންވެސް އެނގިވަޑައި ނުގަންނަވާ ކަމެވެ. މިސަރުކާރުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް އެއްފަރާތްކޮށްފައި ދޮގު ހަދަންޖެހެނީ މާކެޓްކުރުމަކީ ކޮބައިކަންވެސް ނުއެނގޭތީކަން މިވަނީ އެންމެންނަށް ވަރަށް ރަނގަޅަށް އެނގިފައެވެ.
ރާއްޖޭގައި ދާދިފަހުން ދޮގު ހަދަމުން ގޮސް ބޮޑު ދޮގާރީއެއް ވަނީ އުފަންވެފައެވެ. އަލަށް އުފަންވާ ދޮގުވެރިންނަށްވެސް ނަންނަން ދަނީ އުފަންވަމުންނެވެ. ތާރީޚުތަކުގައިވެސް ލިޔެވެމުންނެވެ.