ދަރިވަރުންގެ ހިތްތަކުގަ ޤައުމީ ލޯބި އުފެއްދޭނީ ދީނީ ލޯބި ޖެއްސުވިގެން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 1ސ
ދަރިވަރުންގެ ހިތްތަކުގަ ޤައުމީ ލޯބި އުފެއްދޭނީ ދީނީ ލޯބި ޖެއްސުވިގެން
ރާއްޖޭގެ ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ލޯބި ޖެއްސުވުމަށްޓަކައި ސަރުކާރުން ގެންދަނީ ޚާއްޞަ ަމަސައްކަތްތަކެއް ކުރަމުންނެވެ. "ތަރިކަ" ޕްރޮގްރާމުގެ ނަމުގައި މިހާރު ވަނީ ޚާއްޞަ ޕްރޮގްރާމެއްވެސް ފަށައިފައެވެ.

ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދޭނީ ދީނީ ލޯބި އާލާކުރެވިގެންނެވެ. އެކަން ޔަޤީންވަނީ މިހާރު ފެންނަމުންދާ ކަންކަމުންނެވެ.
ޤައުމަށް އެއްވެސް ލޯތްބެއް ކުލުނެއް ނެތިގެން ކަންބޮޑުވާންޖެހޭ މީހުންނަށް ބެލުމުން އެކަން ވަރަށް ރަނގަޅަށް ެއެނގިގެންދެއެވެ.

ޤައުމީ ލޯބި ނެތް ބައެއްގެ ގޮތުގައ ފާހަގަކުރެވޭ 99 އިންސައްތަ މީހުންނަކީ އެމީީހުންގެ ހިތްތަކުގައި އިސްލާމް ދީނަށް އެއްވެސް ލޯތްބެއް އޮތް ބައެއްކަން ޤަބޫލުކުރަން ވަރަށް ބޮޑެތި ދަތިތައް ހުރުމުންނެވެ.

ތައުލީމީ އައު މަންހަޖާއިއެކު މިކަންކަމަށް ބަދަލުތަކެއް ގެނެވޭނެ ކަމަށް ބުނަމުންދިއަ ނަމަވެސް އެކަންކަން އަމަލީ ގޮތުން ކުރެވޭތަނެއް އަދި ނުފެނެއެވެ. ނަތީޖާ ނެރެވެން ދުވަސްތަކެއް ނަގާނެ ވެސް މެއެވެ.

ދިވެހި ދައުލަތުން ތައުލީމަށް ކުރާ ހޭދައަށް ބަލައިފިނަމަ އެއީ ދުނިޔޭގެ ފެންވަރުގައި ވެސް ނިޞްބަތުން ރެކޯޑް އަދަދެކެވެ. މިއާއިއެކު ދަރިވަރުން ހޯދާ ނަތީޖާވެސް އަންނަނީ އަހަރުން އަހަރަށް ރަނގަޅުވަމުންނެވެ. ދުނިޔޭގެ ފެންވަރުގައި ރަން ވަނަތައް ހާޞިލުކުރާ ދަރިވަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ކަން މިހެން ހުރި ނަމަވެސް ދަރިވަރުންގެ އަޚްލާޤަށް މިފަދަ ހެޔޮ ބަދަލުތައް އަންނަމުންދާކަމަށް އަދި ބުނެވޭކަށް ނެތެވެ. އެފަދަ މަންޒަރުތައް ނުފެންނާތީއެވެ.

ތައުލީމީ ފެންވަރު މަތިކުރަން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ވަސީލަތްތައް ހަމަކުރުމަށާއި އެހެނިހެން ކަންކަން ކުރުމަށް ބޮޑެތި ހޭދަތަކެއް ކުރަންޖެހުނު ނަމަވެސް އަޚްލާޤީ ގޮތުން ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ އިތުރު ހޭދަތަކެއް ކުރަންޖެހޭ ކަމެއް ނޫނެވެ. ހަމައެކަނި ބޭނުންވަނީ ހަރުދަނާ ތަރުބިއްޔަތެވެ. އިސްލާމީ ރިވެތި އޫޞޫލުތަކަށް އަމަލުކުރުމެވެ.

އިސްލާމް ދީނުގައި ހުއްދަ ކަންތައްތަކާއި ހުއްދަ ނޫން ކަންތައްތައް ދަސްކޮށްދިނުމެވެ. ދުރޫސުލްއަޚްލާޤް ފޮތުގައި ހިމެނޭ ފިލާވަޅުތައް ދަސްކޮށްދޭން ފެށުމެވެ. ނަމާދަށްވުރެ އިސްކަމެއް ނެތްކަމާއި ބާލިޣުވުމުން ނަމާދުވާޖިބުވާކަން އަންގައި ދިނުމެވެ. އިސްލާމީ ސިޔަރަތު، ކުދިންގެ ހުރިހާ ގްރޭޑްތަކެއްގައިވެސް ކިޔަވައިދޭން ފެށުމެވެ. ހަމައެކަނި ނަމެއްގައި ކުރާ ކަމެއްގެ ގޮތް ދޫކޮށްލުމެވެ.

މިކަންކަން ކުރުމަށް އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ. މިސާލަކަށް އެއްވެސް ކަމެއްގައި ނަމާދު ވަގުތުތަކުގައި ސްކޫލްތަކުގައި ދަރިވަރުން ތިބޭނަމަ ބަންގި ގޮވުމުން ނަމާދުކުރުވަން ކުރަންޖެހޭނީ ކޮން ޚަރަދެއްތޯއެވެ؟ މިހެން ދެންނެވި ނަމަވެސް ވުޟޫކުރާނެ ފެން ފޮދެއް ބޭނުންވާނެއެވެ.

ބެލެނިވެރިންގެ ވެސް މަސްއޫލިއްޔަތުތަކެއް އެބަހުއްޓެވެ.

ނަމާދުވަގުތުތަކުގައި ސްޓޭޑިއަމްތަކަށް ދަރިވަރުން ނުގެންދަން އެއްވެސް ޚަރަދެއް ކުރަންޖެހޭނެތޯއެވެ؟ ފަތިހު ކުދިންނަށް ފަތަން ދަސްކޮށްދޭން ގެންދިއުމުގެ ކުރިން ނަމާދުކުރުވަން ބެލެނިވެރިން ކުރަންޖެހޭނީ ކޮން ޚަރަދެއްތޯއެވެ؟

ޓިޔުޝަނަށް ދާއިރުގަ އާއި މަގުމަތީގައި އުޅޭއިރު އައުރަ ނިވާކުރުވަން އިތުރަށް ބޭނުންވާނީ ކިހައި ފޮތްޗެއްތޯއެވެ؟

ރާއްޖޭގައި ސިންގަލް ޕޭރެންޓް ކުދިން ވަރަށް މަދުވާނެއެވެ. ކުދިން ލިބިފައި ތިބޭނީ ދެމަފިރިއަކަށެވެ. ކުދިން ހޯދުމަށްފަހު ކުދިންގެ މަންމަ އާއި ބައްޕަ އެކުގައި ކުދިން ތަރުބިއްޔަތުކުރުމުގެ މަސްއޫލިއްޔަތު އަދާކުރަން އެއްވެސް ޚަރަދެއް އިތުރަށް ކުރަންޖެހޭނެތޯއެވެ؟

ކޮފީ މޭޒުތަކުގައި އިނުމާއި މަގުމަތީގައި ލާހޫރުމުގެ ބަދަލުގައި ކުދިންނާއިއެކު ވަގުތު ހޭދަކުރުމަށާއި ނަމާދު ވަގުތު ޖެހުމުން ގޮވައިގެން މިސްކިތަށް ދިއުމަށް އެއްވެސް ޚަރަދެއް ކުރަންޖެހޭނެތޯއެވެ؟

ކުދިން ތަރުބިއްޔަތު ކުރުމަކީ އެކަމުގެ ވާހަކަ ދައްކައިގެން ކުރެވޭ ކަމެއް ނޫނެވެ. އެކަން ކުރުމުން ކުރެވޭނެ ކަމެކެވެ.
މިއަދު އޮންލައިން