ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 14 ބުރީގެ އިމާރާތެއް އަޅައިދޭން ޝައުޤުވެރިވާ ފަރާތެއް ހޯދަން ބީއެމްއެލްއިން އިއުލާންކޮށްފިއެވެ.
ބީއެމްއެލްއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 30000 އަކަފޫޓްގެ އޮފީސް ސްޕޭސް ހުންނަ ގޮތަށް މާލޭގެ 2500 އަކަފޫޓުގެ ބިމެއްގައި 14 ބުރީގެ އޮފީސް އިމާރާތެއް އިމާރާތްކުރުމަށް ނިންމާފައިވާކަމަށެވެ. އެހެން ނަމަވެސް، އިމާރާތް އަޅަން ހަމަޖެހިފައިވަނީ މާލޭގެ ކޮން ބިމެއްގައިކަމަށް ބީއެމްއެލް އިން ހާމަކޮށްފައެއް ނުވެއެވެ.
އެ އިއުލާންގައި ބީއެމްއެލްއިން ބުނެފައިވަނީ، އިމާރާތުގެ މަސައްކަތް ފަށާ ދުވަހުން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމަން ޖެހޭނެކަމަށެވެ. އަދި މި މަޝްރޫއުއާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން [email protected] އަށް އީމެއިލްކުރުމަށް ބީއެމްއިލް އެދިފައިވެއެވެ.
ބީއެމްއެލްގެ އޮފީސް އިމާރާތް އެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖެނުއަރީ 2018 ގެ މެންދުރު 2:00 ގެ ކުރިން ބީއެމްއެލްއަށް ހުށަހަޅަން ޖެހޭނެއެވެ.