ހަރުކަށި އަމަލުތައް ހިންގާ ޤައުމުތަކަށް ބަލާއިރު އާއި އެފަދަ އަމަލުތައް މަދު ޤައުމުތަކަށް ބަލާއިރު ހަރުކަށި އަމަލުތައް އެންމެ މަދީ އެންމެ އަދުލުވެރި ޤައުމުތަކުގައެވެ. ރައްޔިތުންނަށް ލިބެންޖެހޭ ހައްޤުތައް ހަމަހަމަކަމާއިއެކު ލިބޭ ޤައުމުތަކުގައެވެ.
ރައީސަކު ނެތި ވެރިކަން ހިންގާ ސްވިޒަލޭންޑަށް އެއްވަނަ ލިބެނީ މިފަދަ ސަބަބުތައް ހުރުމުންނެވެ. މުސްލިމް ޤައުމުތަކުގައި ތަޅާފޮޅުން އިތުރުވަމުން މިދަނީވެސް މައްސަލަތަކެއް ހުރުމުންނެވެ.
އެހެންކަމަށްވާއިރު މިއީ ހަރުކަށި އަމަލުތައް ނައްތައިލަން ކުރާ މަސައްކަތްކުރުމުގައި ވިސްނަންޖެހޭ ކަމަކަށްވަނީ ވެފައެވެ.
ހަރުކަށި އަމަލެއް ހިންގައިފިނަމަ އެންމެ މުހިންމީ އެކަން ހިނގުމަށް މެދުވެރިވި ސަބަބު ދެނެގަތުން ކަމަށް މާހިރުން ވިދާޅުވެއެވެ.
ރާއްޖޭގައި އެފަދަ އަމަލަކަށް ފާހަގަކުރެވެނީ ސަލްޓަން ޕާކުގައި އެއްޗެއް ގޮއްވައިލި ހާދިސާއެވެ. އެކަމުގެ ތަޙްޤީޤްތައް ފުރިހަމަކުރެވުނު ނަމަވެސް އެއީ ކީއްވެގެން ކޮން ބޭނުމަކު ކުރި ކަމެއްކަން ޢާންމުންނަށް އެނގިފައެއް ނުވެއެވެ. ގިނަ ބައަކު ދެކޭ ގޮތުގައި އެފަދަ ކަންކަން ހާމަކުރެވެން އޮންނަ މިންވަރަކަށް ހާމަކުރުން ރަނގަޅެވެ.
ރާއްޖެއަށް ފަތުރުވެރިން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ތަފާތު ފިކުރުތައް އަބަދުވެސް އޮވެއެވެ. ކުއްލިއަކަށް އެފަދަ ކަމެއް ހިނގަން މެދުވެރިވީ ކީއްވެގެންކަން އޮޅުންފިލުމުގެ ބޭނުމަކަށްވަނީ އެންމެންނަށް އިތުރަށް ވިސްނުމުގެ ފުރުޞަތު ދިނުމެވެ.
ދާދިފަހުން މަޝްހޫރު ޝައިޚް އަހްމަދު ސަމީރު ވިދާޅުވެފައިވަނީ ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތަށް އަމަލުކުރުމުގެ އިޚްތިޔާރު ނެތުމަކީ ހަރުކަށި ފިކުރުތަކަށް ޖާގަލިބޭ ކަމެއް ކަމަށެވެ. ރާއްޖޭގައި އެ ފުރުޞަތު އޮތްގޮތާއިމެދު ސުވާލު އުފައްދާ މީހުން މަދުކަމަށް ބުނެވިދާނެތޯއެވެ؟
މިސާލަކަށް ތުނބުޅި ބެހެއްޓުމަކީ ވަޒީފާއިން ވަކިކުރަންޖެހޭ ސަބަބެއް ކަމަށް ނިންމަން ފްރާންސުގެ ފަނޑިޔާރުންނަކަށް ނުކެރުނެވެ. ރާއްޖޭގައި އެކަން އޮތީ ކިހިނެއްތޯއެވެ!
ބައެއް ކަންކަމުގައި ޚިޔާލުތަފާތުވެދާނެއެވެ. ތުނބުޅި ބަހައްޓަނީވެސް ބައެއް މީހުންނެވެ. ނަމަވެސް ތުނބުޅި ބެހެއްޓުމަކީ ސުންނަތެއް ނޫން ކަމަށް އެއްވެސް ދީނީ ޢިލްމުވެރިއަކު ވިދާޅުވާ އަޑު އަދި އިވިފައެއް ނެތެވެ. ހަރުފަ ދުއްޔެއް ފަދަ ގަޔަށް ބާރު ހެދުން ލައިގެން އަންހެނުން އުޅުމަކީ ހުއްދަ ކަމެއް ކަމަށް ވިދާޅުވާ އަޑެއްވެސް ނުއިވެއެވެ. ބާލިޣްވެފައި ތިބޭ އަންހެނުންނަށް މިނި ސްކަރޓް ހުއްދަ ކަމަށް ވިދާޅުވާ އަޑެއްވެސް ނުއިވެއެވެ. ނަމަވެސް އެންމެ ކުޑަމިނުން ސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖެ ދުނިޔެއަށް އިޝްތިހާރުކުރާ އެއާހޮސްޓެސުން ތިބެނީ ކިހިނަކުންބާވައެވެ.
ބައެއް އޮފީސްތަކުން ހުޅުވައިލާ ވަޒީފާތަކަށް އިންޓަރވިޔުއަށް ދިއުމުން ތިއަހުރީ ބުރުގާ އަޅައިގެންނޭ ވަޒީފާ ނުދޭނަމޭ ނުބުނެއެވެ. ނަމަވެސް ވަޒީފާ ނުލިބެނީއެވެ.
މިފަދަ ގިނަ ކަންތައްތަކެއް ދަނީ ހިނގަމުންނެވެ. މިކަންކަން ވަރިހަމަ ނޫން މުސްލިމުން ރާއްޖޭގައި އެބަތިއްބެވެ. އެމީހުންގެ އިޙްޞާޞްތަކަށް ވިސްނައިލުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް ގިނަ ބައަކު ދެކެއެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅަކު ދާދިފަހުން ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. ލިބިވަޑައިގެންނެވި މުސާރަކޮޅުވެސް ދޫކޮށްލައްވައިފައެވެ. ސަބަބެއް ކަމަށް ވިދާޅުވީ ޕާޓީގެ ކަންކަމުގައި ބައްދަލުކުރައްވަން ޖެހިވަޑައިގަންނަވާ އަންހެން ބޭފުޅުން ހެދުންކޮޅު އަޅުއްވާ ގޮތުން ބިރުފުޅުން ކަމަށެވެ.