އާދައިގެ ހުމެއް ކަމަށް އައިޖީއެމްއެޗް އިން ބުނި، އަމިއްލައަށް އެދިގެން ބޭރަށް ގޮސް ދެއްކުމުން އެނގުނީ ދަރިފުޅުގެ ހާލު ވަރަށް ސީރިއަސްކަން- މިޝްޔާގެ ބައްޕަ

ކިޔުމަށް ހޭދަވާނީ 4މ 54ސ
އާދައިގެ ހުމެއް ކަމަށް އައިޖީއެމްއެޗް އިން ބުނި، އަމިއްލައަށް އެދިގެން ބޭރަށް ގޮސް ދެއްކުމުން އެނގުނީ ދަރިފުޅުގެ ހާލު ވަރަށް ސީރިއަސްކަން- މިޝްޔާގެ ބައްޕަ
އއ. އުކުޅަސް ރަސްފަރިގެ، އުމުރުން ފަސް އަހަރާއި ނުވަ މަހުގެ އައިޝަތު މިޝްޔާ ޙުސެއިން، އެންމެ ފުރަތަމަ އުކުޅަހު ސިއްޙީ މަރުކަޒުގެ ޑޮކްޓަރަށް ދެއްކީ ވަރަށް ބޮޑަށް ހުން އައިސްގެނެވެ.

ނަމަވެސް އެދެވިގެންވާ ފަރުވާއެއް ނުލިބުމުގެ ސަބަބުން މާލެ އައިސް އައިޖީއެމްއެޗް ގެ ޑޮކްޓަރަކަށް ދެއްކުމުން އެފަރާތުން ބުނީ އެއީ އާދައިގެ ހުމެއް ކަމަށެވެ. ހުންގަނޑު ރަނގަޅު ނުވެ ދުވަހުން ދުވަހަކަށް މިޝްޔާ ގެ ބަލި ހާލަތު ގޯސްވެގެން ދިޔުމުގެ ސަބަބުން، ހޮސްޕިޓަލުގައި އެދިގެން މިޝްޔާގެ މައިންބަފައިން އޭނާ ގޮވައިގެން ދިޔައީ އަވައްޓެރި ޝްރީ ލަންކާ އަށެވެ.

އެތަނަށް ގޮސް ޓެސްޓު ކުރުމުން އެނގުނީ މިޝްޔާގެ ބަލި ހާލަތު ވަރަށް ސީރިއަސް ކަމަށާއި އޭނާއަށްނިއުރޯ މައިލިއެޓިކް އޮޕްޓިކާ ނަމަކަށް ކިޔާ ބައްޔެއް ޖެހިފައިވާ ކަމެވެ. އަދި އެކަމުން އެއްކޮށް ފަރުވާ ހޯދުމަށްޓަކައި ދިގު މުއްދަތަކަށް ބޭސް ކުރަން ވެސް ޖެހޭ ކަމެވެ.



"މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި މިޝްޔާގެ ބައްޕަ ފުއާދު އަހުމަދު ވަނީ މިކަމުގެ ތަފްސީލު ހިއްސާކޮށްފައެވެ.

"ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހު ހުން ގަދަ ވެގެން އުކުޅަހު ސިއްޙީ މަރުކަޒަށް ދެއްކީ. ނަމަވެސް ހުމަށް ގޮތެއް ނުވުމުންނާއި ދަރިފުޅަށް ނުކެވޭތީ އައިޖީއެމްއެޗް އަށް ދެއްކިން ޑިސެމްބަރ މަހުގެ 29 ގައި. އަޅުގަނޑު ބުނިން ދަރިފުޅަށް ނުކެވޭ ވާހަކައާއި ދޫ ވެސް ހުދު ކުލަ އަރާފައި ހުރި ވާހަކަ. ނަމަވެސް އަޅުގަނޑު ދެއްކި ވާހަކައާއި ޑޮކްޓަރުން ދެކޮޅު ހެދި. ވިދާޅުވީ އެއީ ހަމަ އާދައިގެ ހުމެއް ކަމަށާއި ދަރިފުޅަށް ގަދަކަމުން ވިޔަސް ކާން ދިނުމަށް.

އަޅުގަނޑު ބުނިން ދަރިފުޅު ނުކާކަށް ނުއުޅެޔޭ، އެކަމަކު ދަރިފުޅަށް ފެން ފޮދެއް ވެސް ނުބޮވެއޭ. ނަމަވެސް އެބޭފުޅުން އަޅުގަނޑު ދެއްކި ވާހަކަ އަޑެއް ނޭހި.



އޭގެ ހަތަރު ދުވަސް ފަހުން ދަރިފުޅުގެ ބަލިހާލަތު މާބޮޑަށް ގޯސްވާހެން ހީވެގެން އަޅުގަނޑު ބުނިން ބޭނުމީ ދަރިފުޅު ގޮވައިގެން ބޭސް ކުރަން ރާއްޖެއިން ބޭރަށް ދާށޭ އެހެންކަމުން އެކަން އަޅުގަނޑަށް ހަމަޖައްސާ ދީ ލިޔުމެއް ދޭށޭ.



ޑޮކްޓަރުން ލިޔުމެއް ދެއްވި. އެހެންނަމަވެސް އެލިޔުމުގައި ލިޔެފައިވަނީ މިޝްޔާގެ ހުރީ ހަމަ އާދައިގެ ހުމެއް ކަމަށާއި ބޭސްފަރުވާއަށް ބޭރަށް ފޮނުވަނީ ބެލެނިވެރިޔާގެ އެދުމުގެ މަތިން ކަމަށް. ޑޮކްޓަރު ދެއްވި އެލިޔުމުގެ ސަބަބުން ބޭރަށް ގެންދިޔުމުގައި ދަތިތަކަކާއި ކުރިމަތިވި. އެއާޕޯޓް ޑޮކްޓަރުން ސުވާލު ކުރި ހުން އައިސްގެން ބޭރަށް ގެންދަނީ ކީއްވެގެންހޭ. އެހެންނަމަވެސް ޗައިނާ ސަދަރން އެއާލައިން މެނޭޖަރ ގެ އެހީތެރިކަމާއިއެކު ކުއްޖާ ބޯޓަށް އެރުވުނު." ޙުސެއިން ކިޔާ ދިނެވެ.

ނަމަވެސް މިޝްޔާގެ ބައްޕަ އެބުނި ލިޔުމުގައި ޑރ. ފާތިމަތު ނަޝްވާ (މެޑިކަލް އޮފިސަރ، ޕީޑިއަޓްރިކްސް) ލިޔެފައިވަނީ "މިވަގުތު ހުން މައިތިރި ކުރެވިފައިވާ ކަމަށާއި ނަމަވެސް ރަނގަޅަށް ނުކެވުމުގެ ސަބަބުން ބެލެނިވެރިޔާ ކުއްޖާ ގޮވައިގެން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށްދާން ބޭނުންވާ" ކަމަށެވެ.

ދަރިފުޅު ގޮވައިގެން ފުއާދު ދިޔައީ ޝްރީ ލަންކާ ގެ ނަވަލޮކާ ހޮސްޕިޓަލަށެވެ. ވަރަށް ގިނަ މީހުންގެ އެހީތެރިކަމާއިއެކު ލަންކާއަށް ދިޔަފަހުން އާސަންދަވެސް ހަމަޖެހުނު ކަމަށް ފުއާދު ބުންޏެވެ. އެތަނަށް ގޮސް ދެއްކުމުން، މިޝްޔާ ގެ ކަރުތެރެ ވަރަށް ބޮޑަށް އިންފެކްޓް ވެފައިވާ ކަމަށް އެތަނުގެ ޑޮކްޓަރުން ބުނިކަމަށް ފުއާދު ބުންޏެވެ.



"ނަވަލޮކާ ހޮސްޕިޓަލުން އަޅުގަނޑު ކައިރީގައި ބުނި ދަރިފުޅުގެ ކަރުތެރެ ހުރީ ވަރަށް ބޮޑަށް އިންފެކްޓުވެފައި ކަމަށާއި އެކަމުގެ ސަބަބުން މިޝްޔާގެ ސިކުނޑިއަށް ވެސް އަސަރު ކޮށްފައިވާ ކަމަށް. އިންފެކްޝަންގެ ސަބަބުން ސިކުނޑިއަށް ލޭދައުރުވަނީ ވަރަށް މަދުން އަދި އެހެންކަމުން ސިކުނޑިން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ސިގްނަލެއް ނުފޮނުވާ.

އިތުރު ޓެސްޓުތަކަށްފަހު އެނގުނީ އެއިންފެކްޝަންތަކުގެ ސަބަބުން ސްޕައިނަލް ކޯޑަށާއި ވޯކަލް ކޯޑަށް އަދި މިޝްޔާގެ ދެލޮލަށްވެސް އަސަރު ކޮށްފައިވާކަން. އަދި އެތަނުގެ ޑޮކްޓަރުން ވިދާޅުވީ މިޝްޔާއަށް ނިއުރޯ މައިލިއެޓިކް އޮޕްޓިކާ ކިޔާ ބައްޔެއް ޖެހިފައިވާ ކަމަށް.



އެބަލީގެ ސަބަބުން ދަރިފުޅު އަނގައާއި ދެ ލޯ ވެސް ނުހުޅުވޭ، އަދި އޭނާއަށް އިށީންދެގެން ވެސް ނުއިނދެވޭ. ސިކުނޑިން ހަށިގަނޑުގެ ގުނަވަންތަކަށް ސިގްނަލެއް ނުފޮނުވާ. ލަންކާގައި ބޭސް ކުރަން ފެށުމުން މިހާރު ދަރިފުޅުގެ ހާލަތު ތަންކޮޅެއް ރަނގަޅު، އެހެންނަމަވެސް މިފަދަ އަދަޔާ ޚިލާފު އިންފެކްޝަނެއް ހުރުމުގެ ސަބަބުން އެއް އަހަރު ދުވަހަށް އެންޓިބޮޑީސް ޓްރީޓްމެންޓް ބޭނުންވޭ. އެކަމަށް ދާން ޖެހެނީ އިންޑިއާ އަށް. އެއީ އެންޓިބޮޑީސް ސެންޓަރެއް ލަންކާގައި ނެތުމުގެ ސަބަބުން. މިހާރު އެކަމަށް ތައްޔާރު ވެވޭތޯ މިބަލަނީ" މިޝްޔާގެ މިހާރުގެ ހާލަތު ބަޔާން ކޮށްދެމުން ފުއާދު ކިޔާ ދިނެވެ.

މިޝްޔާގެ ބަލި ހާލަތު މިވަގުތު މިހެން ހުރިއިރު، މީގެ ހަ އަހަރު ކުރިން ފުއާދުގެ އެހެން އަންހެން ދަރިފުޅަކު ވަނީ އުމުރުން އެންމެ ހަ މަހުގައި ނިޔާވެފައެވެ.

ފުއާދު ބުނި ގޮތުގައި އެތުއްތު ދަރިފުޅު ނިޔާވީ ވެކްސިން އެއް ދިނުމުން އޭގެން އަސަރު ކުރި ގޮތަކަށް ފަހުއެވެ. ވެކްސިން ދީފައިވަނީ އުކުޅަހު ސިއްޙީ މަރުކަޒުން ކަމަށާއި ދަރިފުޅުގެ އެހާލަތަށް އެއްވެސް ފަރާތަކުން އެއިރުވެސް ޒިންމާ ނަގާފައި ނުވާކަން ފުއާދު ވަނީ ފާހަގަ ކޮށްފައެވެ. އޭނާ ބުނި ގޮތުގައި މިޝްޔާ ގެ ބަލިހާލަތާއިމެދު ވެސް އޭނާ އެންމެ ބޮޑަށް ހިތާމަ ކުރާ ސަބަބަކީ މިއީއެވެ.



މިކަމާއި ގުޅޭގޮތުން އައިޖީއެމްއެޗް ގެ ބަހެއް ހޯދާލުމަށް ގުޅާލުމުން، އައިޖީއެމްއެޗް ގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްވެސް ބަލިމީހެއްގެ އިންޑިވިޖުއަލް މައުލޫމާތެއް އެހޮސްޕިޓަލުން ހާމަ ކުރެވެން ނެތް ކަމަށާއި ސިއްޙީ ގޮތުން އެއްވެސް ފަރާތަކަށް ޖަވާބުދެންޔާ ވަރަށް ގިނަ ގޮތް ގޮތުން ބަލަން ޖެހޭ ކަމަށެވެ.

މީގެއިތުރުން މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ ބަލިމީހެއްގެ އެއްވެސް ސިއްޙީ މައްސަލައެއް ހުރި ކަމަށް ވަންޔާ އިންވެސްޓިގޭޓް ކުރަން ޖެހޭ ކަމަށާއި ތަފްސީލުކޮށް ވެފައިހުރި ކަމެއް އެނގޭނީ އިންވެސްޓިގޭޓް ކުރުމަށްފަހު ކަމަށެވެ.

އައިޖީއެމްއެޗް އިން ފަރުވާ ކުޑަ ކުރިކަމަށް އާއިލާއިން ބުނަމުންދާއިރު، މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ އެއްވެސް ކަމަކާއި ގުޅޭގޮތުން ރަސްމީކޮށް އާއިލާއިން ޝަކުވާއެއް ކޮށްފައިނުވާ ކަމަށެވެ.
މިއަދު އޮންލައިން