ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ބާރު ނެތް ނިކަމެތި ޤައުމުތައް ނައްތައިލުމުގެ ބާރު ބާރުވެރި ޤައުމުތަކުގައި އެބަހުއްޓެވެ. އަދި އެކަން ގެންދަނީ ކުރަމުންނެވެ. ނަމަވެސް ކުޑަކުޑަ މަދިރިން ސަލާމަތް ވުމުގެ ބާރު އެންމެ ބާރުގަދަ އެމެރިކާއަށްވެސް ލިބިފައެއް ނެތެވެ.
1950 ވަނަ އަހަރު ފިލިޕިންސް އާއި ތައިލެންޑުން ފެނުނު ޑެންގޫ ވައިރަސް މިހާރު ވަނީ 128 ޤައުމަށް ފެތުރިފައެވެ. އެންމެ ބާރުގަދަ އެމެރިކާގައިވެސް ދަނީ ފެތުރެމުންނެވެ. އަހަރަކު ޑެންގޫ ޖެހޭމީހުންެގެ އަދަދު މިވަނީ 390 މިލިއަނަށް އަރައިފައެވެ.
ޑެންގޫގެ އިތުރުން ޒިކާ ވައިރަސް އާއި އެނޫންވެސް ތަފާތު ބަލިތައް ހަމަ އެކުޑަކުޑަ މަދިރި އެގެންދަނީ ފަތުރަމުންނެވެ. ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން ީހުންގެ ފުރާނަ ދުއްވައިލަމުންނެވެ.
އެއްބަޔަށް ފަރުވާއެއް ހޯދާއިރަށް ހަމަ އެކުޑަކުޑަ މަދިރި އެހެން ބައްޔެއް ހިފައިގެން އައިސް މުޅި ދުނިޔެއަށް އެދަނީ ފަތުރަމުންނެވެ. ޖަހާ އެއްވެސް "ނޯއެންޓްރީ" ބޯޑަކަށް ފަހެއް ނުޖެހެއެވެ. ވަރުގަދަކުރާ ސަލާމަތީ ފިޔަވަޅަކުން އަދި އިމިގްރޭޝަން ޗެކަކުން އަދި އިންޓެލިޖެންސް ރިޕޯޓަކުން ވެސް ކުރެވޭ ހަމަ އެއްވެސް ކަމެއް ނެތެވެ.
އެމެރިކާ އާއި ރަސިއާ ފަދަ ބާރުގަދަ ޤައުމުތަކުން އެގެންދަނީ ޤައުމުތަކަށް އަރައިގަނެ ބޭނުންހައި ކަމެއް ކުރަމުންނެވެ. ކުރު ރާސްތާ މިސައިލާއި ދުރު ރާސްތާ މިސައިލްތަކާއި ބޮން އަޅާ ބޯޓުތައް ބޭނުންކޮށްގެން ކޮންމެ ދުވަހަކު އެގެންދަނީ އެދުވަހަކު މަރަން ބޭނުންވާ އަދަދަށް މީހުން މަރަމުންނެވެ.
ނަމަވެސް އެމެރިކާއަށް އަރައިގެން އުޅޭ ކުދިކުދި މަދިރިތަކަކުން ސަލާމަތެއް ނުވެވެއެވެ. ޑަބްލިޔޫއެޗްއޯއާއި މުޅި ދުނިޔެ ތެޅިފޮޅެމުންދާއިރުވެސް އެއްވެސް ވަރަކަށް މިއުޅެނީ އެކުޑަކުޑަ މަދިރީގެ ސަބަބުން ސަލާމަތް ނުވެވިގެންނެވެ.
ހަމައެކަނި އެކުޑަކުޑަ މަދިރި ދެމުން އެގެންދާ މެސެޖާއިމެދު ވިސްނާ މީހާވެސް އެއްވެސް ނަފުސަކަށް އަނިޔާވެރިއެއް ނުވާނެއެވެ. ދުނިޔެ މިހައިވަރަށް ކުރިއަރައި ޖައްވުގައި އުދުހެމުންދާއިރު ހަޤީޤަތުގައި އިންސާނުންގެ ކިބައިގައި ހުރީ ކޮން ބާރެއްކަމާއިމެދު ވިސްނައިލާ ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ.
މާތް ﷲ ފޮނުއްވެވި އެކުޑަކުޑަ މަދިރިން ސަލާމަތް ނުވެވުނުއިރު ނަރަކައިގެ ގަދަފަދަ ހޫނާއި އަޒާބު ދެއްވަވަން ތިއްބަވާ މަލާއިކަތުންގެ ކިބައިން ސަލާމަތް ނުވެވޭނެ ކަމާއިމެދު އެންމެ ފަހަރަކުވެސް ވިސްނައިލާނެ ނަމައެވެ. މީހުންނަށް އަނިޔާވެރިވެ މުދައުތައް ފޭރި ގެދޮރާއި މުދަލުގައި ހުޅުޖަހަމުން ގެންދާއިރުއެވެ.
ތިމާއަށް މާތް ﷲ ބާރެއް ދެއްވެވުމުން ހިތުހުރިހައި ގޮތަކަށް ކަންކަން ކުރަމުން ގެންދާއިރު މާދަމާ ތިމާ ދުނިޔެ ދޫކުރަންޖެހޭނީ ކުޑަކުޑަ މަދިރީގެ ސަބަބުން ޖެހޭ ބައްޔަކުން ނޫންކަމުގެ ގަރަންޓީ އޮތީ ކާކަށްތޯއެވެ؟ ރައީސް ޓްރަމްޕަށް އެ ޔަޤީންކަން އެބައޮތްތޯއެވެ.؟
ދެން އޮތީ ވެކްސިން ޖެހުމެވެ. ވަށައިގެން އަސްކަރީން ބެއިތިއްބުމެވެ. ބަލިތަކުން ދިފާޢުވާން ޖަހަންޖެހޭ ހުރިހާ ވެކްސިންތަކެއް ޖަހައިގެން ހުއްޓާ ބަލިޖެހި މަރުވަނީ ކިތައް މީހުންތޯއެވެ. ވަށައިގެން ހަތިޔާރާއިއެކު އަސްކަރީން ތިއްބައި ވެރިކަން ގެއްލި، ބަދަލުވެގެންދަނީ ކިތައް ޤައުގައިތޯއެވެ!
މިފަދަ ގިނަ ގުނަ މުހިންމު މެސެޖުތައް މާތް ﷲ ދެއްވަމުން ގެންދަވާއިރުވެސް ވިސްނައި ނުލެވެނީ ހަމަ ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލި ނިމިފައި ތިބޭތީއެވެ!