ދަރިންގެ ރައްކަލަކަށްޓަކައި، ދަރިންގެ ފޮޓޯ މީސްމީޑިއާ އަށް ނުލަމާތޯ؟

ކިޔުމަށް ހޭދަވާނީ 1މ 54ސ
ދަރިންގެ ރައްކަލަކަށްޓަކައި، ދަރިންގެ ފޮޓޯ މީސްމީޑިއާ އަށް ނުލަމާތޯ؟
މިރޭ އެންމެ ގަދަޔަށް މީސްމީޑިއާގައި ފެތުރުނު އެއް ޚަބަރަކީ، ކުޑަކުދިންތަކެއްގެ ފޮޓޯ އާއިއެކު ބޭއަދަބީ ބަސްތަކެއް ހިމަނައިގެން ބަޔަކު މީހުން ފޭސްބުކް ޕޭޖެއް ހަދައިގެން އުޅޭ ޚަބަރެވެ.

އެޕޭޖުގެ ޕޯސްޓުތައް ހިއްސާ ނުކުރުމަށް އެއްބަޔަކު ގޮވާލަމުން ދިޔައިރު އަނެއް ބަޔަކު ބުނަމުން ދިޔައީ ޕޭޖް ރިޕޯޓު ކުރުމަށް ވެސް އެކަކު އަނެކަކު ޓެގް ނުކުރުމަށެވެ. ސަބަބަކީ އެފަދައިން ކަންތައް ކުރުމުން ވެސް އެޕޭޖު އިސްތިހާރު ވާތީއެވެ.

ކޮންމެހެނަކަސް، އެފަދައިން އޭގެ މައުލޫމާތު ހިއްސާ ކުރި މީހެއްގެ ފަރާތުން އެޕޭޖުގެ ނަން އެނގުމުން، އޭގައިވަނީ ކޮންއެއްޗެއްތޯ ބަލާލުމަށް އަޅުގަނޑުވެސް އެޕޭޖެއް ވަދެލީމެވެ.

ކަމަކު ދާކަށް ނެތެވެ. ލޯބިލޯބި މައުސޫމު ކުޑަކުދިންތަކެއްގެ ފޮޓޯ ޖަހާފައި، އެފޮޓޯތަކުގެ ކެޕްޝަނަކަށް ލިޔެފައި ހުރީ އަޅުގަނޑަށް އޭގެ ވާހަކަވެސް ލިޔަން ނުކެރޭފަދަ ލަފްޒުތަކެކެވެ. އަވަހަށް އޭގެން ނިކުމެފައި އެކަމާއިމެދު ވިސްނަން ފެށީމެވެ.

އެފަދަ ޕޭޖަކަށް އެކުދިންގެ ފޮޓޯތައް އެބަޔަކަށް ލެވުނީ ކިހިނެއްބާއޭ ހިތައް އެރިއެވެ. ޖަވާބަކަށް އަޅުގަނޑުގެ ސިކުނޑިއަށް އައީ، އެއީ އެކުދިންގެ މައިންބަފައިން ނުވަތަ އާއިލާ ބަޔަކު ނުވަތަ ދަންނަ ކޮންމެވެސް ބަޔަކު މީސްމީޑިއާއަށް ލީ ފޮޓޯތަކަކަށް ވެދާނެއެވެ.

އަޅުގަނޑުމެންގެ ދަރިންގެ "ލޯބިކަން" ދެއްކުމަށް ނުވަތަ ގާތް މީހުންނާއި ހިއްސާ ކުރުމަށް މީސްމީޑިއާއަށް އެކުދިންގެ ފޮޓޯލުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ކުރެވޭ ހިތާމަހުރި ކަމެކެވެ.

އެފަދައިން ފޮޓޯލުމުން، މިފަދަ ވިޔާނުދާ ޕޭޖުތައް އުފެއްދި މީހުންނަށް ވަރަށް ފަސޭހައިން އެކުދިންގެ ފޮޓޯތައް ނެގި، ނާޖައިޒް ގޮތްގޮތަށް އެފޮޓޯތައް ބޭނުން ކުރެއެވެ. އަދި މިއީ އަޅުގަނޑުމެންގެ ލޮބުވެތި ދަރިން، ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވައްޓާލެވޭ ކަމެކެވެ.

މިފަދަ ޕޭޖުތައް ފެނުމުން ރަޙުމެއް ކުލުނެއް އަގަލެއް ހުރި ބަޔަކު އެކަމާއި ރުޅި އަޔަސް، ހިތާމައަކީ އެފޮޓޯތައް ބަލާފައި ފާޙިޝް އަމަލުތައް ކުރުމަށް ޝައިޠާނާ ވަސްވާސްލާދޭނޭ ބަޔަކު ވެސް މިބިިންމަތީގައި ތިޞޭނޭ ކަމެވެ. އެފަދަ މީހުންނަށް އެފޮޓޯތައް ފެނުމުން، އެކުދިންގެ މައުލޫމާތު ހޯދަން އުޅެ، ނޭންގި ނަމަވެސް އެކުދިންގެ ޙަޔާތް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓެއެވެ.

މިފަދަައިން ހަލާކުވެފައިވާ ޒަމާނެއްގައި، ސަމާލުވެ ރައްކާތެރިވެ ތިބުމަކީ ބުއްދިވެރިކަމެއް ކަމުގައި ފެނެއެވެ. ވިޔާނުދާ މީހުންގެ ވަކިތަކުންނާއި ނުބައި ނަޒަރުން އަޅުގަނޑުމެންގެ ޅަދަރިން ރައްކާތެރި ކުރަމާތޯއެވެ.
މިއަދު އޮންލައިން