އދ އިން މިހާރު ބުނަނީ ފިރިހެނުންގެ އެވްރެޖް އުމުރަކީ 69 އަހަރު ކަމަށާއި އަންހެނުންގެ އެވްރެޖް އުމުރަކީ 73 އަހަރު ކަމަށެވެ.
މިދިރާސާތަކަށްފަހު 100 އަހަރު ދުނިޔޭގައި ހުރުމަށް އަމަލުކުރަންޖެހޭ ގޮތުގެ ދިރާސާއެއް ވަނީ އަމިއްލަ ބައަކު ކޮށްފައެވެ.
އެ ދިރާސާގައި ފުރަތަމަ ކަމެއްެ ގޮތުން ފާހަގަކޮށްފައިވަނީ އަވަށްޓެރިންނާއި ގާތް ގުޅުމެއް ބޭއްވުމާއިއެކު އެއްވެސް މީހެއްގެ މައްޗަށް ހަސަދަވެރި ނުވެ ހިތްހެޔޮކަމާއިއެކު ދިރިއުޅުމެވެ. އަބަދުވެސް ހިނިތުންވެފައި ހުންނަ މީހަކަށް ވުމެވެ.
މިކަންކަމަށް ބަލާއިރު މިއީ އިސްލާމް ދީނުގައި ކުރަން އަމުރުކުރައްވަވާފައިވާ ކަންކަމެވެ.
2 ވަނަ އަދި 3 ވަނައިގައި ފާހަގަކޮށްފައިވަނީ ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ބަނގުރާ ބޭނުން ނުކުރުމެވެ. މި ދެކަންތަކަކީވެސް އިސްލާމް ދީނުގައި ކަނޑައެޅިގެން މަނާކުރައްވަވާފައިވާ ދެކަމެވެ.
ދެން ފާހަގަކޮށްފައި ހުރި ކަންކަމުގެ ތެރޭގައި ވެކްސިން ދިނުން ހިމެނެއެވެ. ބަލިން ރައްކައުތެރިވުމަށް މަސައްކަތްކުރަން އިސްލާމް ދީން ގޮވާލައެވެ.
އަދި ކަސްރަތު ކުރުން ފާހަގަކޮށްފައިވާއިރު އިސްލާމް ދީނަކީ އިންސާނާގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެންމެ ބޮޑަށް ބާރުއަޅާ ދީނެވެ.
ހަރަކާތްތެރިވުމަކީވެސް ކުރަންޖެހޭ ކަމެއްެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އިސްލާމް ދީނަކީ އެމީހާގެ މަސައްކަތްތައް އެމީހާ ކުރުމަށް ނުވަތަ އެމީހާވެސް ބައިވެރިވެގެން ކުރުމަށް ބާރުއަޅާދީނެކެވެ. ކިތަންމެ މުއްސަނދި ނަމަވެސް އެހެން މީހުންނާއި މަސައްކަތްތައް ހަވާލުކޮށްފައި ކަންނެތްކަމާއިއެކު ނިދަން ނުއޮތުމަށް ގޮވާލާ ދީނެވެ.
މި ދިރާސާގެ މައްޗަށް ބަލައިފިނަމަ އުމުރު ދިގުކުރަން އެދޭމީހާއަށް އޮތީ އިސްލާމް ދީނަށް އަމަލުކުރުމެވެ. އިސްލާމް ދީނުގައި ހަރާމް ކަންކަން ނުކުރުމެވެ. އިސްލާމް ދީނުގައި އަމުރުކުރެވިގެންވާ ކަންކަން ކުރުންމަތީގައި ދެމިހުރުމެވެ.