އަމުރަށް ނުކިޔަމަންތެރިވުމާއި ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަށް އިތުރު 15 ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފިއެވެ.
އަދީބުއަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ފުލުހުންގެ އިންޓެލިޖެންސް ދެ އޮފިސަރަކަށް ރިޝްވަތު ދެއްވައިގެން ސިއްރު މައުލޫމާތުތަކެއް ހޯއްދެވިކަމަށް ބުނާ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ސިއްރު އަޑުއެހުމުގައެވެ.
މިއަދު ކުރިއަށް ގެންދިޔަ މިމައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ކޯޓުގެ ހުރުމަތް ކެނޑުމާއި އަމުރަށް ނުކިޔަމަންތެރިވި ކަމަށް މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އަދީބު އަށް ލިބިވަޑައި ގަންނަވަންޖެހޭ ސިއްޙީ ފަރުވާ ދިނުމަށް ދައުލަތުން ހުރަސްއަޅަމުން ދާތީ، އެކަމާއި އަދީބު ކަންބޮޑުވުން ފާޅުކުރުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކޯޓުގެ ހުރުމަތް ކެނޑުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި އަދީބުއަށް މިއަދު 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ތަފާތު މައްސަލަތަކުގައި މިހާތަނަށް އަދީބުއަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.