• ސިނގިރޭޓު ބޯކަން މައިންބަފައިންނަށް އެނގުމުން ފުރަތަމަ އެކަން މަނާކުރި، ސްކޫލް ނިމުމުން އަޅައެއް ނުލާ
• ކެންސަރު ބަލީގައި ބައްޕަ ނިޔާވި، އަހަންނަށް ވެސް ކެންސަރު ޖެހުނު
• ހުރިހާ ކަމަކުން ހިތްހަމަ ޖެހުން ލިބުނީ ޠައުބާވެ ނަމާދު ކުރުމުން
މިއީ އިބްރަތުން ފުރިގެންވާ ހަގީގީ ވާހަކައެކެވެ.ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މުޅި ޙަޔާތް ބަނަވި މީހެއްގެ ވާހަކައެކެވެ.
ނަންހާމަ ނުކުރުމަށް އެދި، އޭނާގެ ވާހަކަ "މިއަދުނޫހާއި" ހިއްސާ ކުރިއެވެ.
"އަހަރެން އެންމެ ފުރަތަމަ ސިނގިރޭޓު ބޯހިތްވީ، އުމުރުން ނުވަ އަހަރުގައެވެ. އެއީ އަހަރެންގެ ކުރިމަތީގައި އަހަރެންގެ ބައްޕަ ސިނގިރޭޓު ބޯތަން ފެންނަން ފެށުމުންނެވެ. ސިނގިރޭޓުގެ ވަސް އަހަރެންގެ ނޭފަތުގައި ޖެހި، ދުންތައް އަރަމުން ދިޔަ ގޮތްތައް ފެނުމުން، އެމަންޒަރު އަހަރެން ވަރަށް ބޮޑަށް ބަލާހިތްވިއެވެ. އަދި ބައްޕަގެ އަނގައިންނާއި ނޭފަތުން ދުންތައް އަރަމުން ދިޔަ ގޮތާއިމެދު ވިސްނެން ފެށިއެވެ.
އުމުރުން ތޭރަ އަހަރު ފުރުނުއިރުވެސް، ބައްޕަ ސިނގިރޭޓު ބޯމަންޒަރު އަހަރެން ދުށީމެވެ. އަހަރެންގެ ހިތުގައި ސިނގިރޭޓު ބޯހިތްވުން އިތުރުވިއެވެ. އަދި އެބުއިމުން ވާގޮތުގެ އަޖުމަ ވެސް ބަލާލާހިތްވިއެވެ.
އެއްދުވަހު ސްކޫލުން އައިއިރު ގޭގައި މަންމަމެން ފެންނާކަށް ނެތެވެ. ބައްޕަގެ ސިނގިރޭޓު ފޮއްޓާއި ލައިޓަރު އޮތީ މޭޒުމަތީގައި ބާއްވާފައެވެ. އަހަންނަށްވީ ގޮތެއް ވެސް ނޭނގުނެވެ. ބޭނުންވީ މަންމަމެން އައުމުގެ ކުރިން، އަވަހަށް ފުރުސަތުގެ ބޭނުން ހިފާލާށެވެ. އެހެންކަމުން ބައްޕަގެ ސިނގިރޭޓު ފޮށިން ދެތިން ސިނގިރޭޓާއި ބައްޕަގެ ލައިޓަރު ވެސް ނަގާފައި، ސިނގިރޭޓުފޮށި އޮތްތަނުގައި ބާއްވާފައި އަވަސް އަވަހަށް އަހަރެންގެ ކޮޓަރިއަށް ގޮސް ދޮރު ތަޅުލީމެވެ. ވައްކަން ކުރިކަން ފަޅާއަރާފާނެތީ އަހަރެންގެ މޭގަނޑު އަތަށް އަންނަވަރު ވެފައި ހުރިކަމުގައި ވިޔަސް، ކުރަން ހިތައް އެރި ކަންތައް ވަމުންދާތީ، ބުނެދޭން ނޭނގޭކަހަލަ ޖޯޝާ ފޯރިއެއް ވެސް ހިތައް ވެރިވިއެވެ.
އެއީ އަހަރެންގެ މުޅި ޙަޔާތުގައި ވެސް ސިނގިރޭޓެއް ބުއި އެންމެ ފުރަތަމަ ދުވަހެވެ. ފުރަތަމަކޮޅު ވަރަށް ގަދަޔަށް އަހަރެން ކެއްސިކަމުގައި ވިޔަސް، ފަހުން އަހަންނަށް ސިނގިރޭޓު ބޯން އެނގުނެވެ.
އެދުވަހަށްފަހު އަހަރެން ހުންނަނީ އަބަދުވެސް ފުރުސަތަކަށް ބަލަބަލައެވެ. ސިނގިރޭޓެއް ނެގޭނެ ފުރުސަތެއް ލިބޭއިރަށް، ބައްޕަގެ ސިނގިރޭޓު ފޮށިން ސިނގިރޭޓު ނަގައިގެން ބުއީމެވެ. ކުރެވޭ ނުބައި ކަންތަކާއިމެދު އެއްވެސް ދެރަވުމެއް ނެތިއެވެ.
އަހަރެން ސިނގިރޭޓު ބޯކަން މައިންބަފައިންނަށް ފަޅާއެރީ، އެކަން ކުރަމުން ދިޔަތާ ހަ މަސް ވަރު ފަހުންނެވެ. މަންމަ ބުނި ގޮތުގައި، އަހަރެންގެ ކޮޓަރި ތެރެއިން ދުން ވަސް ދުވާތީ، މަންމައަށް ހުރީ ޝައްކު ވެފައެވެ.
އެހެންނަމަވެސް ގޭތެރޭގައި ބައްޕަ ސިނގިރޭޓު ބޯތީ ކޮޓަރި ތެރެއަށް ދުން ވަދެ ވަސް ހިފީ ކަމަށް ހީކޮށް އަޅާނުލީ ކަމަށް މަންމަ ބުންޏެވެ. މަންމަމެންނަށް އެކަން ރަނގަޅަށް ފަޅާއެރީ އެއްދުވަހު ބައްޕަގެ ސިނގިރޭޓު ފޮށިން ސިނގިރޭޓު ނަގަނިކޮށް ދައްތައަށް ފެނުމުންނެވެ.
މަންމަމެން ގާތު ދައްތަ އެވާހަކަ ބުނުމުން، އެމީހުން އަހަންނާއި ސުވާލު ކުރިއެވެ. ދޮގު ނުހަދާ ތެދުތެދަށް އަހަރެން ހުރިހާ ވާހަކައެއް ކިމެވެ. އަހަރެން ހީކުރީ ގޭގައި އެދުވަހު ބޮޑު ޑްރާމާއެއް ހިނގާނެ ކަމަށެވެ. އަހަރެން ސިނގިރޭޓު ބޯތީ މަންމަވެސް ވަރަށް ދެރަވާނެއޭ ހިތައް އެރިއެވެ. އެހެންނަމަވެސް އެފަދަ އެއްވެސް ކަމެއް ނުވެއެވެ. މަންމަމެން ބުނީ އެކަމަކީ ސްކޫލް ކުއްޖެއް ކުރުން ރަނގަޅު ކަމެއް ނޫން ކަމަށާއި ސްކޫލު ނިމެންދެން ސިނގިރޭޓު ނުބުއިމަށެވެ.
މަންމަމެންގެ ބަސްތަކާއިމެދު އަހަރެން ހައިރާންވި ނަމަވެސް އުފާވެސް ވިއެވެ. އެހެންނަމަވެސް ސްކޫލް ނިމެންދެން ސިނގިރޭޓު ނުބޮއެވެސް އަހަރެން ނުހުންނަމެވެ. އެކުގައި އުޅޭ ގާތް ރައްޓެހިންނަށް އަހަރެން ވެސް ސިނގިރޭޓު ބޯކަން އެނގުމުން، އެމީހުންނާއިއެކު ސިނގިރޭޓު ބޯން އަހަރެން ގެންދިޔައެވެ. ގްރޭޑް ދިހައެއް ނިމެންދެން ސިއްރުން އަހަރެން ސިނގިރޭޓު ބުއީމެވެ.
ސްކޫލު ނިމުމުން ވެސް އުމުރުން 18 އަހަރު ނުވާތީ، މައިންބަފައިން އެދުނީ ބޭރު ތެރޭގައި ސިނގިރޭޓު ނުބުއިމަށެވެ. އެހެންކަމުން ދެ އަހަރު ވަންދެން އަހަރެން ސިނގިރޭޓު ބޮމުން ގެންދިޔައީ ކޮޓަރީ ތެރޭގައެވެ. އަމިއްލައަށް ވަޒީފާ އަދާކޮށްގެން، ލިބުނު އަމިއްލަ ފައިސާގައެވެ. އަހަރެން ދެކުނު ގޮތުގައި އަހަރެންގެ ދިރިއުޅުމުގައި އުފާވެރިކަމުގެ ކޮޅެއްވެސް ނެތެވެ.
އޭގެފަހުން ޝަރުއީ ގޮތުން ބޮޑުމީހަކަށް ވުމަށްފަހު، ކޮޓަރިތެރޭގައި އަރުވަމުން ދިޔަ ދުންތައް ގޭތެރޭގައާއި، މަގުމަތީގައި އަދި ރައްޓެހިންނާއިއެކު ކޮފީތަކުގައި ވެސް އަރުވަމުން ދިޔައީމެވެ. ސިނގިރޭޓަކީ އަހަރެންގެ ހަގީގީ ލޯބި ކަމުގައި ވިއެވެ. އަދި ބައެއްފަހަރު ބައްޕައާއިއެކު ވެސް އަހަރެން ސިނގިރޭޓު ބުއީމެވެ.
އޭގެ ފަސް އަހަރު ފަހެވެ. އަހަރެންގެ ބައްޕަ ވަރަށް ބޮޑަށް ބަލިވިއެވެ. ހުން އައުމާއި ގައިން ވަރުދޫވުންފަދަ ކަންކަން ކުރިމަތިވިއެވެ. ވަރަށް ގިނައިން ނޭވާލާން ވެސް އުނދަގޫ ވާތީ ބައްޕަ އުޅުނެވެ. ރާއްޖެއިން ޑޮކްޓަރަށް ދެއްކުމުން އެދެވޭފަދަ ޖަވާބެއް ނުލިބުމުން އަހަރެން ދިޔައީ ބައްޕަ ގޮވައިގެން ލަންކާ އަށެވެ. އެތަަނަށް ގޮސް ޓެސްޓުތައް ހެދުމުން އެނގުނީ ބައްޕައަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ކަމާއި ހުރީ ވެސް ފަހު ސްޓޭޖުގައި ކަމެވެ.
ކެންސަރުގެ ބައްޔަށް ލަންކާއިން ރަނގަޅަށް ބޭސް ނުކުރެވޭތީ ބައްޕަ ގޮވައިގެން އެތަނުން އަހަރެން ދިޔައީ އިންޑިއާ އަށެވެ. އަހަރުމެންގެ އާއިލާއަކީ ފޯރާ އާއިލާއެއް ކަމުގައި ވީނަމަވެސް، ބައްޕަގެ ބަލި ޙާލަތު ހުރިގޮތުން ބޭސްފަރުވާ ކުރުމަށް ވަރަށް ގިނަ އަދަދަކަށް ފައިސާ ބޭނުންވިއެވެ. އެހެންކަމުން ވަރަށް ގިނަ ފަރާތްތަކުން އަހަރެން ލޯނު ނެގީމެވެ. އިންޑިއާ ގެ ޑޮކްޓަރުން އެއިރުވެސް ވަނީ ބައްޕަގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ކަނޑާލާފައެވެ. އެއީ އެއްވެސް ބޭހެއްގެ އަސަރު ބައްޕައަށް ނުކުރުމުންނެވެ.
އިންޑިއާއަށް ގެންދިޔަތާ ގާތްގަނޑަކަށް ހަތަރު މަސް ތެރޭގައި އަހަރެންގެ ލޮބުވެތި ބައްޕަ މިދުނިޔެއާއި އަލްވަދާއު ކިޔެވެ. ބައްޕަ ވަޅުލީ ވެސް އެޤައުމުގައެވެ. ބައްޕައަށް ޖެހުނު ބައްޔަކީ މާގަދަޔަށް ސިނގިރޭޓު ބުއިމުގެ ސަބަބުން ވީކަމެއްކަމަށް ގިނަ މީހުން ބުނި ނަމަވެސް އަހަރެން އެވާހަކަ ޤަބޫލެއް ނުކުރަމެވެ. އަދި ސިނގިރޭޓު ބުއިން ހުއްޓައެއް ވެސް ނުލަމެވެ.
އަހަރެންގެ ބައްޕަ ނިޔާވިތާ އެއްއަހަރު ފަހެވެ. ކުއްލިއަކަށް އަހަރެން ވެސް ހުން އައިސް ބޭސްފަރުވާ ކުރުމުން ވެސް ރަނގަޅު ވާގޮތް ނުވިއެވެ. ބައްޕައަށް ވެސް އެންމެ ފުރަތަމަ އެހެންވުމުން، ލަހެއްފަހެއް ނުކޮށް އަހަރެން ގޮވައިގެން ބޮޑުބޭބެ (ބައްޕަގެ ކޮއްކޮ) ދިޔައީ އިންޑިއާ އަށެވެ. އިންޑިއާ އަށް ގޮސް ޓެސްޓުތައް ހެދުމަށްފަހު އެމީހުން ބުނީ އަހަންނަށްވަނީ ލޭގެ ކެންސަރު ޖެހިފައި ކަމަށެވެ. ނަމަވެސް ކީމޯތެރަޕީ ދީގެންނާއި ރަނގަޅަށް ފަރުވާކޮށްގެން އަހަރެން އަދި ރަނގަޅު ކުރެވިދާނެ ކަމަށް ޑޮކްޓަރުން ބުންޏެވެ.
މަރަކީ ކޮންއިރަކު ވާނެ އެއްޗެއްކަމެއް އެކަކަށްވެސް ނޭނގެއެވެ. އެހެންނަމަވެސް، ކެންސަރުފަދަ ނުރައްކާތެރި ބައްޔެއް އަހަރެންގެ ހަށިގަނޑުގައި އުފެދިފައިވާކަން އެނގުމުން، މަރު އަހަންނާއި ވަރަށް ކައިރީގައިވާކަން އިޙުސާސްވެ ވަރަށް ބޮޑަށް ހިތްބިރުގަންނަން ފެށިއެވެ. އެހެންކަމުން ކެންސަރު ބަލީގެ އިތުރުން، ހާސްވުމުގެ ބައްޔާއި ނަފްސާނީ ބަލި ވެސް އަހަންނަށް ޖެހުނެވެ.
އެހުރިހާ ކަމަކުން އަހަރެން ސަލާމަތްވެ ހިތައް ހިތްހަމަ ޖެހުން ލިބެން ފެށީ ނަމާދު ކުރަން ފެށުމުންނެވެ. މާތް ﷲ އަށް ޠައުބާވެ، ކުރެވުނު ހުރިހާ ފާފައެއް ފުއްސަވާ ދެއްވުމަށް އެދި އަހަރެން ދުޢާ ކުރީމެވެ. ނަމަވެސް އަހަރެން މަރުވިޔަ ނުދީ ދުނިޔޭގައި ބަހައްޓާ ދެއްވުމަށް އެދި އެންމެ ފަހަރަކުވެސް ދުޢާ އެއް ނުކުރަމެވެ.
އަހަރެން ދުޢާ ކުރީ، އަހަންނަކީ މަރަށް ތައްޔާރުވެފައިވާ މީހެއް ކަމުގައި ލެއްވުމަށާއި، އަހަރެންގެ އީމާންތެރިކަމާއި އަޤީދާ ވަރުގަދަވެ، ކަށްވަޅުގެ އަޒާބުން އަހަރެން ސަލާމަތް ކުރައްވަވާ ދެދުނިޔޭގައާއި އާޚިރަތުގައި ވެސް އަހަންނަށް ބާއްޖަވެރިކަން ދެއްވުމަށެވެ.
މާތް ﷲ ގެ ކުޅަދުންވަންތަކަމާއި އިރާދަފުޅާއެކު، ކެންސަރު ބަލި ޖެހިގެން ބޭސް ކުރަން ފެށިތާ ދެ އަހަރު ފަހުން، އަހަންނަށް އެބަލިން އެއްކޮށް ފަރުވާލިބުނެވެ. އަލްޙަމްދުލިﷲ