ތިމާގެ އަނބިމީހާ ބަލިވެ އިނުމުން، އޭނާއަށް އަޅާލާ އޭނާ އުފަލުގައި ބެެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.
މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ޙަޔާތުގައި އަންނަ އެންމެ އުފާވެރި ދުވަސް ވަރެވެ. އަދި ހަމަ އެހެންމެ އެދުވަސްވަރަކީ ކޮންމެ އަންހެނަކަށް ވެސް ވަރަށް ތަފާތު ތަޖުރިބާތަކަކާއި ކުރިމަތިވާ ދުވަސް ވަރެކެވެ.
ބަލިވެ އިންނަ ދުވަސްވަރު އަވަސް އަވަހަށް ރުޅިއައުމާއި އަދި ހަމަ އެހާމެ އަވަހަށް ދެރަވުން ވެސް ހިމެނެއެވެ. ނިދި މަޑުވުމާއި އަވަސް އަވަހަށް ވަރުބަލިވުމުގެ އިތުރުން ސިއްޙީ އެތައް އުނދަގޫތަކަކާއި ވެސް އަންހެން މީހާއަށް ކުރިމަތިލާން ޖެހެއެވެ. މިހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނާގެ ހަށިގަނޑުގައި އުފެދި ބޮޑުވަމުން އެދަނީ ދިރޭ ފުރާނައެކެވެ. ކުޑަކުޑަ އިންސާނެކެވެ.
މިފަދަ ހުރިހާ ކަމަކުން އަރައިގަނެ، ހުރިހާ ކަމެއްގައި ވެސް މާބަނޑު އަނބިމީހާއަށް އެންމެ ބޮޑަށް ހިތްވަރާއި އެހީތެރިކަން ބޭނުންވާނީ އޭނާގެ ފިރިމީހާގެ ފަރާތުންނެވެ. ފިރިން އަނބިމީހާ ގާތުގައި ހުރުމާއި އަނބިމީހާ އުފާ ވާނެ ފަދަ ކަންތައް ކޮށްދިނުމަކީ އެކަމުގެ ސަބަބުން މައިމީހާއަށާއި ދަރިފުޅަށްވެސް ފައިދާ ކުރާނެ ކަމެކެވެ.
މާބަނޑު އަނބިމީހާ އުފަލުގައި ބެހެއްޓުމަށް ތިރީގައި މިވާ ކަންތައްތައް ކުރެވިދާނެއެވެ.
• ޑޮކްޓަރަށް ދައްކަން ދާއިރު އެއްކޮށް ދިޔުން
ބަލިވެ އިނުމުން ޤަވައިދުން ކުރަން ޖެހޭނެ ވަރަށް ގިނަ ކަންތައް ހުރެއެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ޤަވައިދުން ޑޮކްޓަރަށް ދައްކަން ދިޔުމެވެ. ޑޮކްޓަރަށް ދައްކަންދާ ކޮންމެ ފަހަރަކު އަނބިމީހާއާއިއެކު ދިޔުމަކީ އަނބިމީހާ ވަރަށް އުފާވާނެ ކަމެއްގެ އިތުރުން، ތިމާގެ އަނބިމީހާއާއި ބަނޑުގައިވާ ދަރިފުޅުގެ ހާލު ތިމާއަށް އަމިއްލައަށްވެސް އިނގޭނެއ ކަމެކެވެ.
• ގޭތެރޭގެ ކަންތައްތައް ކުރުމުގައި އެހީތެރިވެދިނުން
މިޒަމާނުގައި ގިނަ އަންހެނުންނަކީ ގޭތެރޭގެ މަސައްކަތްތައް ކުރުމުގެ އިތުރުން، ގޭގެ ޚަރަދުބަރަދު ބެލެހެއްޓުމުގައި ފިރިމީހާއަށް އެހީތެރިވެ ދިނުމަށްޓަކައި ވަޒީފާވެސް އަދާކުރާ މީހުންނެވެ. އެހެންކަމުން، އެފަދަ އަންހެނުން ބިޒީ ވާނެ ވަރާއި ވަރުބަލިވާނެވަރު އަމިއްލައަށް ވެސް އިޙުސާސް ކޮށްލާށެވެ. އެޙާލަތުގައި ބަލިވެ އިނުމުން، އަންހެން މީހާ ވަރުބަލިވާނެ ވަރު ދެގުނައަށް އިތުރު ވެގެންދެއެވެ. އެހެންކަމުން ގޭތެރޭގެ މަސައްކަތްތައް ކުރުމުގައި އަނބިމީހާއަށް އެހީތެރިވެ ދިނުމަކީ އޭނާ ވަރަށް އުފާވާނެ ކަމެކެވެ. ބައެއް ފިރިހެނުން ދެކޭ ގޮތުގައި އެންމެ ކުޑަމިނުން ތައްޓެއް ދޮވެލާ ގޭތެރެ ކުނި ކަހާލުމަކީ ވެސް އަނބިދަށުވުމެވެ. ނަމަވެސް ޙަގީގަތުގައި މިފަދައިން އުޅުމަކީ ދެމަފިރިންގެ ދެމެދުގައި ލޯބި އިތުރުވާ ކަމެކެވެ. އަދި ދީނީ ގޮތުން ބެލި ކަމުގައި ވިޔަސް، މިއީ ރަސޫލާ (ޞޢޥ) ގެ ސުންނަތެއް ވެސް މެއެވެ.
• "މޫޑް ސްވިންގްސް" އަށް ކެތްތެރިވުން
މާބަނޑު ދުވަސްވަރަކީ އަނބިމީހާގެ އިޙުސާާސްތައް އެފުއްމިފުށަށް ޖެހޭނެ ދުވަސްވަރެކެވެ. އެއްފަހަރު ވަރަށް އަވަހަށް ރުޅިއައިސްދާނެއެވެ. އަދި ކުޑަކުޑަ ކަމަކާއި ހަމަ ހުރެފައި ވަރަށް ބޮޑަށް ދެރަވެ ރޯންވެސް ފަށައިފާނެއެވެ. މީގެއިތުރުން، ތަފާތު އެކި ވައްތަރުގެ އެއްޗެހި، އެކި ވަގުތުތަކުގައި ކާހިތްވުމަކީ ވެސް ބައެއް މާބަނޑު އަންހެނުންނަށް ކުރިމަތިވާ ކަމެކެވެ. މިފަދަ ކަންކަމަކީ އޭނާ ގަސްތުގައި ކުރާ ކަންތައްތައް ނޫންކަމާއި އެއީ ހޯމޯންސް އަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންކަން ކަމަށް ފިރިމީހާއަށް ވިސްނެން ވާނެއެވެ.
ތަފާތު އެއްޗެއް އަނބިމީހާ ކާހިތްވާނަމަ، ޝަކުވާއެއް ނުކޮށް އޭނާއަށް އެއެއްޗެއް ހޯދާ ދެވޭތޯ މަސައްކަތް ކުރާށެވެ. ރުޅި އައިސްފިނަމަ،ބަދަލުގައި އޭނާ ދެކެ ރުޅި ނައިސް މަޑުމައިތިރިކަމާއި އޯގާތެރިކަމާއިއެކު އޭނާއާއި ވާހަކަ ދައްކާ، ވިސްނާދެވޭތޯ ބަލާށެވެ. ކަންތައްތައް މާމައްޗަށްދާނަމަ، އޭނާއާއި ދިމާލަށް އެއްޗެއް ބުނުމުގެ ބަދަލުގައި، އޭނާ ހަމަޖެހެންދެން އެތަނަކުން ދާށެވެ.
ކުޑަކުޑަ ކަމަކާއި އަނބިމީހާ ދެރަވެ ރޯނަމަ، އެއީ ކޫސަނި ކަމެއްކަމަށް އަނބިމީހާއާއި ދިމާލަށް ނުބުނެ، އޭނާ މަސަލަސް ކުރުވޭތޯ ބަލާށެވެ. ފިރިމީހާ ހުރީ އަނބިމީހާއާއި އެކުކަމަށް ބުނެ ހުރިހާކަމެއް ވެސް ރަނގަޅުވާނެ ކަމަށް ބުނާށެވެ. ދެމަފިރިންނަށް ލިބެން އުޅޭ އުފާވެރިކަމާއިމެދު ވިސްނުމަށް ވެސް ބުނާށެވެ. އަދި ދެމަފިރިންގެ ދަރިންނާއިއެކު މުސްތަޤުބަލުގައި އުޅޭނެ އުފާވެރި ގޮތް، މާބަނޑު އަނބިމީހާއަށް ކިޔާދީ އޭނާއާއި އެކު މުސްތަޤުބަލު ރާވާށެވެ.
• ބަނޑުގައިވާ ދަރިފުޅާ ވާހަކަ ދެއްކުން
ގިނަ ފިރިހެނުންނަށް މިކަމަކީ ކުރަން ވަރަށް "ސޭކު" ކަމެކެވެ. އެހެންނަމަވެސް ހަގީގަތުގައި މިއީ ވަރަށް "ރޮމޭންޓިކް" ކަމެއްގެ އިތުރުން މިއީ އަނބިމީހާއަށާއި އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ވެސް ވަރަށް ފައިދާ ހުރި ކަމެކެވެ. މާބަނޑު އަނބިމީހާގެ ބަނޑު ކައިރީގައި އޮވެ ބަނޑުގައިވާ ދަރިފުޅާއި ވާހަކަ ދައްކާށެވެ.
ދަރިފުޅަށް އެންމެ ފުރަތަމަ ތަޢާރަފް ވެލުމުންވެސް އަނބިމީހާ ހިނިއަންނާނެއެވެ. އަދި އެކިއެކި ވާހަކަތައް ދަރިފުޅަށް ކިޔާދިނުމުން، ފިރިމީހާއަށް ދަރިފުޅާއި އަނބިމީހާ މުހިންމުވާވަރު، އަނބިމީހާއަށް އިޙުސާސް ވާނެއެވެ.
ބަނޑުގައިވާ ދަރިފުޅާއި ދައްކާ ހުރިހާ ވާހަކައެއް ވެސް ދަރިފުޅަށް އަޑު އިވޭނެ ކަމަށާއި އެހެންކަމުން އުފަންވުމަށްފަހު ވެސް، ދަރިފުޅަށް ބައްޕަގެ އަޑު ފާހަގަ ކުރަން އިނގޭނެ ކަމަށް ކަމާއިބެހޭ މާހިރުން ވަނީ ބުނެފައެވެ.