އައިޖީއެމްއެޗުން ބުނީ ލޭ ނެގުމާއި ލޭ އެޅުމަކީ ޢާންމު ގޮތެއްގައި މައްސަލަތައް ކުރިމަތިވާ ކަމެއް ނޫން ނަމަވެސް ދާއިމީކޮށް ލޭ އަޅަންޖެހޭ ކުދިންނަށް ބައެއް ފަހަރު މައްސަލަތައް ކުރިމަތިވާ ކަމަށާއި އެ ފަދަ މައްސަލަތައް ހައްލުކުރުމަށް މި ތަމްރީނުތަކުގެ ސަބަބުން އެހީތެރިކަން ލިބޭނެ ކަމަށެވެ.
އެސްޓީއޯ އިން ބުނީ މިއީ މިއަހަރު އެކުންފުނިން ހިންގައިދޭ މިފަދަ ފުރަތަމަ ޕްރޮގްރާމް ކަމަށާއި އެސްޓީއޯ އަކީ ހަމައެކަނި ބޭހާއީ އާލާތް އެތެރެކޮށް ވިއްކުމުގެ އިތުރުން މީހުން ތަމްރީނުކުރުމަށްވެސް ސަމާލުކަން ދޭ ކުންފުންޏެއް ކަމަށެވެ.
އެސްޓީއޯ މެޑިކަލްސްގެ މެނޭޖަރު ޢަބްދުﷲ ވިޝާމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ޕްރޮގްރާމްތައް އެސްޓީއޯ އިން ސްޕޮންސަރުކޮށްގެން ހިންގަމުން ގެންދާނެ ކަމަށާއި ބޭނުމަކީ ކަމާއި ގުޅުން ހުރި މުވައްޒިފުން އިތުރަށް ތަމްރީނުކުރުން ކަމަށެވެ. މި ޕްރޮގްރާމްގައި ތަމްރީން ދެއްވަނީ އެމެރިކާގެ 2 ޑޮކްޓަރުންނެވެ. މި ޓީމަކީ ދެކުނު އޭސިއާގެ ގިނަ ޤައުމުތަކެއްގައި މުވައްޒިފުން ތަމްރީނުކޮށްފައިވާ ޓީމެކެވެ.
އައިޖީއެމްއެޗްގައި މިއަދު ފެށި މި ޕްރޮގްރާމަކީ 5 ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. 13 މުވައްޒިފުން ބައިވެރިވެއެވެ. މިޕްރޮގްރާމްގައި އައިޖީއެމްއެޗްގެ އިތުރުން މޯލްޑިވްސް ބްލަޑް ސަރވިސް އާ ހުޅުމާލޭ ހޮސްޕިޓަލާ އަދި އޭޑީކޭގެ ކަމާއިބެހޭ މުވައްޒިފުން ބައިވެރިވެއެވެ.
މި ޕްރޮގްރާމްގެ އިތުރުން ބައެއް އަވަށްޓެރި ޤައުމުތަކުގެ ޑޮކްޓަރުންނާއިއެކު 80 ވަރަކަށް ޑޮކްޓަރުން ބައިވެރިވާ މައުލޫމާތު ބަދަލުކުރުމުގެ ބައްދަލުވުމެއް އަންނަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެސްޓީއޯ އިން ބުނެއެވެ.