އެމްއެމްޕީއާރުސީ ފައިސާގެ މައްސަލާގައި 12 ބޭންކް އެކައުންޓެއް ފްރީޒްކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 53ސ
އެމްއެމްޕީއާރުސީ ފައިސާގެ މައްސަލާގައި 12 ބޭންކް އެކައުންޓެއް ފްރީޒްކޮށްފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާތަކަކަށް ޚިޔާނާތްތެރިވި މައްސަލާގައި 12 ބޭންކް އެކައުންޓެއް ފުރީޒްކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެެވެ.

މި ކޯޓު އަމުރުގައި ފުރީޒްކުރަން އަމަރުކޮށްފައިވަނީ ދެ މީހެއްގެ އެކައުންޓެއްގެ އިތުރުން ދިހަ ކުންފުންޏެއްގެ ބޭންކް އަކައުންްޓެކެވެ.

ސިވިލް ކޯޓުން ނެރުނު މި ވަގުތީ އަމުރާ ގުޅިގެން ބޭންކް އެކައުންޓްތައް ފްރީޒްކުރި ދެ މީހުންނަކީ މ.ސެސްނާ މުހައްމަދު އައްލާމް ލަތީފު (މޮހޯ) ގެ ބޭންކް އެކައުންޓް އަދި އޭނާގެ ބައްޕަ ޢަބްދުލްލަތީފު އަބޫބަކުރުގެ ބޭންކް އެކައުންޓްއެވެ.

ސިވިލް ކޯޓުގެ މި ވަގުތީ އަމުރުގެ ދަށުން ބޭންކް އެކައުންޓްތައް ފުރީޒްކުރި ކުންފުނިތަކަކީ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް، އެސްއޯއެފް ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑް، އެސްއޯއެފް ސާވިސް ޕްރައިވެޓް ލިމިޓެޑް، ވައިލްޑް އަލްމަންޑް ޕްރައިވެޓް ލިމިޓެޑް، ޕްރެންޒާ ޕްރިންޓާސް ޕްރައިވެޓް ލިމިޓެޑް، ދިވެހި މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް، އެސްއޯއެފް ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑް، ގްލެޑިއަން ޕްރައިވެޓް ލިމިޓެޑް، ގްލެޑިއަން މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑް، އަދި ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ.

މި ބޭންކް އެކައުންޓްތައް ފުރީޒްކުުރުމުގެ އިތުރުން ކޯޓުން ނެރުނު ވަގުތީ އަމުރުގައި އަންގާފައިވަނީ، މިއިން އެއްވެސް ކުންފުންޏެއްގައި އައްލާމް ލަތީފްއާއި އޭނާގެ ބައްޕަ ޢަބްދުލްލަތީފު އަބޫބަކުރުގެ ހިއްސާއެއްވާނަމަ، އެހެން ފަރާތަކަށް ވިއްކައި ނުވަތަ ބަދަލުކުރުން ފަދަ އެއްވެސް ކަމެއްކޮށްގެން ނުވާނެކަމަށެވެ.

މި ގޮތަށް ކޯޓުން އަމުރެއް ނެރެފައިވަނީ އެމްއެމްޕީއާރުސީގެ 2.5 މިލިއަން އެމެރިކާ ޑޮލަރުގެ ޗެކެއް އައްލާމުގެ ހިއްސާ އޮންނަ އެސްއޯފް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ދައުލަތުން ދައުވާކޮށް މިފަދަ ވަގުތީ އަމުރެއް ނެރުމަށް އެދި ސިވިލް ކޯޓުގައި ހުށަހަޅާފައިވާތީއެވެ. ދެންހުރި ކުންފުނިތަކުގެ އެކައުންޓްތައް ފްރީޒްކުރަން އަމުރުގައި އެންގީ އެ ކުންފުނިތަކުގައި އައްލާމްގެ ހިއްސާއެއް އޮންނަކަމަށް ބުނެ ދައުލަތުން އެކަމަށް އެދުމުންނެވެ. ދައުލަތުގެ މި ހުށަހެޅުމަށް ކޯޓުން ނިންމާފައިވަނީ އެ ފައިސާ ދައުލަތަށް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ބިރު އޮތުމުން ވަގުތީ އަމުރެއް މެދުވެރިކޮށް ހިމާޔަތްކުރަންޖެހޭކަމަށް ޝަރީއަތަށް ބުރަވެވޭކަމަށެވެ.

ދައުލަތުން ވަނީ އެސްއޯއެފްގައި މަސައްކަތްކުރި އަހުމަދު އިޝްފާހު ޢަލީގެ އެކައުންޓްތައް ވެސް ފްރީޒްކޮށްދޭން އެދިފައެވެ. އެހެން ނަމަވެސް، ކޯޓުން ނިންމާފައިވަނީ ދައުވާގައި ހިމެނޭ އެމްއެމްޕީއާރުސީގެ ފައިސާއައި އިޝްފާހުގެ ބޭންކް އެކައުންޓްތަކުގައިވާ ފައިސާއާ ހުރި ގުޅުން ބަޔާންކޮށްދީފައިނުވާތީ އެކަމަށް އަމުރުކުރެވެން ނެތްކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ދިވެހި ރުފިޔާގެ ޚިޔާނާތެއްވެފައިވާކަން ސާބިތުވެފައިވާއިރު، މި މައްސާލާގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ މައްޗަށް ވެސް ގިނަ ދައުވާތަކެއް އުފުލައި އެކަމުގެ ޝަރީއަތް ދަނީ ކުރިއަށެވެ. އަދި މި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވަނީ ދައުލަތުން ކުރި ދައުވާއެއް ސާބިތު ވެސް ވެފައެވެ.

މިއަދު އޮންލައިން