ސިޔާސީ ލީޑަރުން މިނިވަން ކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރަށް ކިޔަމަންތެރިވެ ތަބާވުމަށް އދ. އިން މިއަދު ގޮވާލައިފިއެވެ.
ފަސް ފަނޑިޔާރުން އިއްތުފާގުުވެ ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި އަންގާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނު އާއި ހާމިދު އިސްމާއިލް، މިނިވަން ކުރެއްވުމަށެވެ.
މިއަމުރާއި ގުޅިގެން އދ. އިން ބުނީ ރާއްޖޭގެ ހާލަތާމެދު އެޖަމާއަތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށާއި އެހެންކަމުން މަތީ ކޯޓުގެ އެނިންމުމާއިއެކު ރާއްޖޭގެ ހާލަތާއި ސަރުކާރާއި ސަލާމަތީ ބާރުތަކުން ކަންތައްތައް ކުރަމުންދާ ގޮތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.