ސިޔާސީ ހުކުމްތަކެއް ތަންފީޒުކުރައްވަމުންގެންދާކަމަށް ބުނެ ސިޔާސީ ލީޑަރުން މިނިވަންކުރުމަށާއި ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ގޮވާލައްވައިފިއެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލްއިން މިއަދު ނެރުނު ބަޔާނެއްގައި ގުޓަރެސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ހައްލެއް ލިބެން އޮތީ ހުރިހާ ފަރާތްތަކުން މަޝްވަރާކޮށް، ހުރިހާ ފަރާތްތަކުން ސްޕްރީމް ކޯޓުގެ އަމުރަށް އިހުތިރާމްކޮށް ކިޔަމަންވެގެން ކަމަށެވެ. އަދި އެ އަމުރު ވީހާވެސް އަވަހަކަށް ތަންފީޒުކުރުމަށް ގުޓަރެސް ވަނީ އެ ބަޔާނުގައި ގޮވާލައްވައިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި އދ. އިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އޭގެ އިތުރުން ޔޫރަޕިއަން ޔުނިއަން (އީޔޫ) އާއި ބައިނަލްއަޤްވާމީ ގިނަ ޖަމިއްޔާތަކުން އަންނަނީ ސްޕްރީމް ކޯޓުގެ މި އަމުރު ތަންފީޒުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަމުންނެވެ.
ސްޕްރީމް ކޯޓުން ނެރުނު މި އަމުރުގައި މިނިވަންކުރުމަށް އަންގާފައިވާ އެއްވެސް ސިޔާސީ ލީޑަރަކު އަދި މިނިވަންކޮށްފައިނުވާތީ އެ ފަރާތްތަކުގެ ޤާނޫނީ ވަކީލުންނާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ނެރުނު މި އަމުރުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން، އދ.މާމިގިލި ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ނިހާން، އަދި ހާމިދު އިސްމާއިލް މިނިވަން ކުރެއްވުމަށެވެ.