ރާއްޖޭގެ ހާލަތު އިތުރަށް ނުރައްކާވެދާނެ ކަމަށް އދ އިން ބުނުމަކީ ލިބުނު އިންޒާރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރާއްޖޭގެ ހާލަތު އިތުރަށް ނުރައްކާވެދާނެ ކަމަށް އދ އިން ބުނުމަކީ ލިބުނު އިންޒާރެއް!
އދގެ ސެކިޔުރިޓީ ކައުންސިލުގައި ރާއްޖޭގެ ހާލަތާއި ގުޅިގެން މަޝްވަރާކުރަން ބޭއްވި ބައްދަލުވުމުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެން ކަމަށްވާތީ ކުރެވުނު މަޝްވަރާތަކުގެ ތަފްޞީލުތަކެއް ނުލިބެއެވެ.

އެނގުނު މިންވަރަކީ މަޝްވަރާތަކާއި ގުޅިގެން އދގެ ސެކެޓްރީ ޖެނެރަލް ވިދާޅުވި ބަސްކޮޅެކެވެ. ރާއްޖޭގައި އަދި ވަރުގަދަ ތަޅާފޮޅުންތަކެއް ނެތްކަމަށާއި ނަމަވެސް ރާއްޖޭގެ ޙާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ވިދާޅުވިކަން މީޑިއާތަކުން މިވަނީ ހާމަކޮށްފައެވެ.

އދ އަކީ ޔޯލަ ވާހަކަ ދައްކާ ޖަމިއްޔާއެއް ނޫނެވެ. ހޯދިފައި ހުންނަ ހޯދުންތަކަށާއި ލިބިފައި ހުންނަ މައުލޫމާތަށް ބަލައި ކަންކަން ދިރާސާ ކުރުމަށްފަހު ބަސް ބުނާ ޖަމިއްޔާއެކެވެ. އެހެންކަމުން ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށް އދ އިން ބުނުމަކީ ގިނަބައަކު ކަންބޮޑުވާ ކަމެކެވެ.

އދ އިން މީގެ ކުރިން މިފަދަ މޭރުމުން ބަޔާންކޮށްފައިވާ ޤައުމުތަކުގައި ވަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގައިފައެވެ. ބިރުވެރި، ނުރައްކާތެރި ކަންކަން ހިނގައިފައެވެ. އެތައް ހާސް ބައެއްގެ ލޭ އޮހެރިގެން ދިއަ ދާޚިލީ ހަނގުރާމަތައްވެސް ހިނގައިފައެވެ.

ދިވެހި ސަރުކާރުން ބުނަމުން ގެންދަނީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އޮތް ނަމަވެސް ޤައުމުގެ ހުރިހާ ކަންކަން ކުރިއަށް ދަނީ އަމާންކަމާއިއެކުގައި ކަމަށެވެ. އެއްވެސް ކަމެއް ނުރައްކަލުގައި އޮތް ކަމަކަށް ސަރުކާރަކުން ނުބުނެއެވެ.
މިއަދު އޮންލައިން