އދގެ އިންސާނީ ހައްޤުތަކާއިބެހޭ ގްރޫޕުން ވެސް ރާއްޖޭގެ ޙާލަތު ބަލައިނުގަނެ މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވާ ކަންތައްތަކަށް ބަލާއިރު ރާއްޖޭގެ މިއަދުގެ ޙާލަތާއިބެހޭ ގޮތުން ސަރުކާރުން މިހައިތަނަށް ދައްކާފައިވާ އެއްވެސް ވާހަކައެއް އެ ގްރޫޕުން ޤަބޫލެއް ނުކުރެއެވެ.
އދ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ 2 ފަނޑިޔާރުން ހިފައި ހައްޔަރުކުރުމަކީ މިނިވަންކަމާއިއެކު ޝަރުޢީ ކޯޓުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި ޝަރުޢީ ނިޒާމުގެ މިނިވަންކަމަށް ދިން އުދުވާނީ ހަމަލާއެއް ކަމަށެވެ.
"ރާއްޖޭގެ ޝަރުޢީ ނިޒާމުގެ މިނިވަންކަން ވަނީ ނުރައްކާތެރި ބިރުވެރިކަމެއްގަ. ކޯޓުތަކާއި ސަރުކާރު ވަކިކޮށްދޭ 3 ބާރު ވަކިކުރެވިފައިވާ ނިޒާމުގެ ތެރެއިން ވެރިކަން ކުރުމާއިއެކު."
ސްޕްރީމް ކޯޓަށް ދިން "ހަމަލާ"ގެ ސަބަބުން ރައްޔިތުންގެ ހައްޤުތަކަށްޓަކައި މިނިވަންކަމާއިއެކު ކޯޓުތަކުން މަސައްކަތްކުރުމަށް ހުރަސްއެޅިފައިވާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއި ރާއްޖޭގައި ޤާނޫނުގެ ހުކޫމަތު ހިންގަން ނުވަތަ ޤާނޫނީ ވެރިކަމެއް ކުރަން ހުރަސްއެޅިފައިވާކަމަށާއި ކޯޓުތައް ވަނީ ސިފައިންގެ ބާރުގެދަށުގައިކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މިފަދަ އެތައް ތުހުމަތުތަކަކާއިއެކު ބައެއް މަންދޫބުން ވަނީ މިއީ ދުރާލައި ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.
ރާއްޖޭގެ ޝަރުޢީ ނިޒާމަށް ކުރިމަތިކުރުވާފައިވާ ހާލަތު ބަލައިގަންނަން ބޭރުގެ ފަރާތްތަކަށް އުނދަގޫވާނެ ކަމާއި ނަމަވެސް ތަޙްޤީޤްތައް ނިމިގެންދާއިރު އެ މައްސަލަތަކަށް ޙައްލެއް ލިބޭނެކަމަށް ރައީސް ޢަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ.