ޚުޝާމަދު ކުރުމަށާއި މީސްތަކުންގެ ތައުރީފަށް އެދުމަކީ އަދި އެފަދަ ކަންކަމަށް ލޯބިކުރުމަކީ ޝިރުކުގެ އަމަލެކެވެ. ރާއްޖޭގެ އެންމެ އިސް ދީނީ އިލްމުވެރިންވެސް ގެންދަވަނީ އެކަން ބަޔާންކުރައްވަމުންނެވެ.
މުސްލިމުންގެ 4 ޚަލީފާއިންގެ ހަޔާތްޕުޅަށް ބެލި ނަމަވެސް އެބޭކަލުންނަށް ޚުޝާމަދުކުރުން ވަނީ މަނާކުރައްވައިފައެވެ. 4 ޚަލީފާއިން ވެސް އެދިވަޑައިގެންފައިވަނީ އެބޭކަލުންނަށް ޚުޝާމަދު ނުކުރުމަށެވެ. އަދި އެބޭކަލުންގެ ކިބައިން ފާހަގަކުރެވޭ އުނި ސިފަތައް އެބޭކަލުންނަށް ބަޔާންކޮށްދީ އެބޭކަލުންނަށް ހަމަ މަގަށް އެޅުވުމަށް މަސައްކަތްކޮށްދިނުމަށެވެ.
ކަން މިހެން އޮތް ނަމަވެސް ޚުޝާމަދުކުރުން މިއަދު ރާއްޖޭގައި މިވަނީ ހައްދު ފަހަނައަޅައިފައެވެ. ޚުޝާމަދުކުރަމުން ގޮސް މުރުތައްދުވާ ހިސާބަށް ކަންކަން ގެންދިއުން މިވަނީ ޢާންމުވެފައެވެ. ޚުޝާމަދުކުރާ މީހުންނަށް މަތީ ދަރަޖަތަކާއި އިނާޔަތްތައް ދިނުން ވެސް މިވަނީ ޢާންމުވެފައެވެ.
"އަޅުގަނޑަށްޓަކައި ވިދާޅުވި ހެޔޮ ބަސްތައް" ބަލައިގަނެ އެވޯޑް ދިނުން މިވަނީ ޢާންމުވެފައެވެ. އެ ބުނެވޭ ހެޔޮ ބަސްތައް ވެފައި މިވަނީ ޚުޝާމަދު ކުރުމުގެ ވާހަކަތަކަށެވެ. ކަނޑައެޅިގެން އެނގިތިބެމެ ހަޤީޤަތް ބަދަލުކޮށްގެން ދައްކާ ވާހަކަތަކަށެވެ. އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ކޮށްފައިވާކަން އެނގިތިބެމެ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރުމުގެ ބަދަލުގައި އެފަދަ ކަންކަން އިތުރަށް ކުރުމަށް ހިތްވަރުދޭ ވާހަކަތަކަށެވެ.
މިގޮތުން ދާދިފަހުން ދެކެވުނު އެންމެ ފާހަގަކުރެވޭ އެއް ވާހަކައަކީ ނުކުޅެދޭ މީހުން ކުޅެދޭ މީހުންނަށް ބަދަލުކުރުމާއި ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ބަދަލުކުރުމުގެ ޤާބިލުކަން މަހާރެހެންދި ފާޠިމަތު އިބްރާހީމްއަށް ލިބިވަޑައިގެންފައިވާ ކަމަށް ބުނެ ދެކެވުނު ވާހަކަތަކެވެ. އެކަމަނާ ގެންދަވަނީ ނުކުޅެދޭ މީހުން ކުޅެދޭ މީހުންނަށް ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ބަދަލުކުރައްވަމުން ކަމަށެވެ.
އެއީ އެކަން އޮތްގޮތްނަމަ މިއަދު ރާއްޖޭގައި ނުކުޅެދޭ ހަމައެކަކުވެސް ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ހުރިހާ އެންމެންނަކީ ކުޅެދޭ މީހުންނަށް ވާނީ ބަދަލުކުރެވިފައެވެ. އެކަމުގެ ކުޅަދާނަކަން މާތް ﷲ މަހާރެހެންދި ފާޠިމަތު އިބްރާހީމްއަށް ދެއްވަވާފައިވާނަމަ އެކަމަނާ މިހާރު ވާނީ އެކަން ކުރައްވައި ނިންމަވައިފައެވެ.
މަހާރެހެންދި ފާޠިމަތު އިބްރާހީމް އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުހަނު އޯގާތެރިކަމާއިއެކު އިޚްލާޞްތެރިކަމާއިއެކު އެހީތެރިވެދެއްވަމުން ގެންދަވާ ބޭކަނބަލެކެވެ. އެއީ އެންމެންނަށް ފެންނަ ކަންކަމެވެ.
މިމޭރުމުން ބުނެވުނު ނަމަވެސް މިއީ އެއްވެސް އިންސާނަކަށް މާތް ﷲ ދެއްވަވާފައިވާ ބާރެއް ނޫނެވެ. ނުކުޅެދޭ މީހުންނަށް ފަރުވާދީ ރަނގަޅުކުރެވޭތޯ މަސައްކަތް ކުރެވިދާނެއެވެ. މަހާރެހެންދި ފާޠިމަތު އިބްރާހީމް ގެންދަވަނީ ރާއްޖޭގައި ތިބި ނުކުޅެދޭ މީހުންނަށް އެހީތެރިވެދެއްވަމުންނެވެ. އެހެންކަމުން އެކަމުގެ ވާހަކަ ދައްކަންޖެހޭނީ ކަމުގެ އަޞްލާއި އެއްގޮތަށެވެ
ބައެއްގެ ތެރޭގައި ޝިރުކުރުން ޢާންމުވުމަކީ އެބައެއްގެ މައްޗަށް ބޮޑެތި ބަލާމުޞީބާތްތައް ކުރިމަތިވާ ކަމެކެވެ. މާތް ﷲ ގެ ޢާންމުވެގެންވާ ކޯފާ ފޮނުއްވަވާ ކަމެކެވެ. އެހެންކަމުން ޝިރުކު ކުރުމާއި ދުރުހެލިވާންޖެހެއެވެ. ތިމާއަށް ވެސް ސުވަރުގެ ލިބެން އޮތީ ޝިރުކުރުމުން ދުރުހެލިވެގެންނެވެ.