ޤަރާރަށް ވޯޓު ނުދޭނީ ޣައްދާރުން ކަަމަށްވާނަމަ މަޖިލީހަށް މެންބަރުން ވަނުމަށް ހުރަސްއެޅީ ކޮން ބައެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޤަރާރަށް ވޯޓު ނުދޭނީ ޣައްދާރުން ކަަމަށްވާނަމަ މަޖިލީހަށް މެންބަރުން ވަނުމަށް ހުރަސްއެޅީ ކޮން ބައެއް؟
ރާއްޖޭގައި ކުއްލި ޙާލަތު ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރެއްވި ޤަރާރަށް ވޯޓު ނުދޭ، ނުވަތަ މިއަދުގެ މަޖިލިސް ޖަލްސާގައި ބައިވެރިނުވި އިދިކޮޅު މެންބަރުންނަކީ ޣައްދާރުން ކަމަށްވާނަމަ މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަނުމަށް މިއަދު ހުރަސް އެޅީ ކޮން ބައެއް ކަމާއިމެދު އިދިކޮޅު މެންބަރުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވަނީ މިއަދުގެ ޖަލްސާގައި ބައިވެރިނުވެ ބޮއިކޮޓްކުރި މެންބަރުންނަކީ ޤައުމަށް ޣައްދާރުން ކަމަށެވެ.

މިއަދުގެ ޖަލްސާއަށް ވަދައިގެންނެވި 12 މެންބަރުންނށް ހުރަސް އަޅައި ހުއްޓުވީ ރައްޔިތުންގެ މަޖިލީހާއި ސަލާމަތީ ބާރުތަކުންނެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވޭނީ އަދި ވޯޓު ދެވޭނީ ވެސް މަޖިލީހުގެ ޖަލްސާކުރާތަނަށް ވަދެވިގެންނެވެ. ނުވަދެ ބޭރުގައި ތިބެގެން ވޯޓު ދެވޭނެ ގޮތަކަށް މަޖިލީހުގެ ކަންކަން އަދި މިހައި ތަނަށް އިންތިޒާމުކޮށްފައެއް ނުވެއެވެ.

އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ޖަލުގައި ބަންދުކޮށްފައިވާ މެންބަރުންނަށްވެސް މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވެން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ މެންބަރުންވެސް ހާޒިރުކޮށްފައެއް ނުވެއެވެ. އެހެންކަމަށްވާއިރު އެ މެންބަރުން ވޯޓު ދިނުމަށް ހުރަސް އެޅުމަކީ ޣައްދާރުވުން ކަމަށް ނުވާނެތޯ ވެސް އިދިކޮޅު މެންބަރުން ވަނީ ސުވާލު އުފައްދައިފައެވެ.
މިއަދު އޮންލައިން