ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުދިން ކަމަށް ބުނާ މައްސަލައިގަ އުފެދޭ ބައެއް ސުވާލު އެބަހުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުދިން ކަމަށް ބުނާ މައްސަލައިގަ އުފެދޭ ބައެއް ސުވާލު އެބަހުރި!
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ނެރުނު ޙުކުމް ނެރުނީ އިންޑިއާއިން ރިޝްވަތުދީގެން ކަމަށްބުނާނަމަ އުފެދޭ ބައެއް ސުވާލުތައް އެބަހުއްޓެވެ.

ފުރަތަމަ މައްސަލައަކީ ސްޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ނެރުނު އަމުރަކީ ރިޝްވަތުދީގެން ސަރުކާރު ވައްޓައިލުމަށް ނެރުނު އަމުރަކަށް ހަދާއިރު އެ އަމުރުގައި ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ވަނީ އިއްތިފާޤްވެ ސޮއިކޮށްފައެވެ.

ރިޝްވަތު ހިފައިގެން ބަންދުކުރީ 2 ފަނޑިޔާރުންނެވެ. ދެން ތިބި 3 ފަނޑިޔާރުން ސޮއިކުރީ ކީއްވެގެން ހެއްޔެވެ؟

ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވަނީ އެއް ވަނަ ދުވަހުގެ އަމުރަށްފަހު ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރުމަށާއި އެނޫންވެސް ކަންކަމުގައި ނެރެން އުޅުނު އަމުރުތައް ނުނެރެވުނީ މިހާރު ތިއްބެވި 3 ފަނޑިޔާރުން ތާއީދު ނުކުރެއްވުމުން ކަމަށެވެ.

އެހެންކަމަށް ބަލައިފިނަމަ މިހާރު ތިއްބެވި 3 ފަނޑިޔާރުންނަކީ ވަރަށް އަދުލުވެރި އިންސާފުވެރި އަދި ނުފޫޒުތަކުން ސަލާމަތްވެގެން ތިއްބެވި 3 ފަނޑިޔާރުންކަން އެބަ ހާމަވެއެވެ. އެހެންކަމަށްވާއިރު އެފަދަ 3 ފަނޑިޔާރުން ފުރަތަމަ އަމުރަށް ތާއީދުކުރެއްވީ ކީއްވެގެންތޯއެވެ؟ ފަހުން ދެކޮޅު ހެއްދެވި ފަދައިން ފުރަތަމަ އަމުރަށް ވެސް ދެކޮޅު ހެއްދެވި ނަމަ އެ އަމުރެއް ނުނެރެވޭނެކަން ރައީސް ޔާމީންގެ ވާހަކަފުޅުން އެބަ ޔަޤީން ކުރެވެއެވެ.

ފުރަތަމަ އަމުރު ނެރުނުއިރު ވެސް އުއްތަމަ ފަނޑިޔާރަކީ ޢަބްދުﷲ ސަޢީދުއެވެ. ފަހުން ނެރެން އުޅުނު އަމުރުތައް ނެރެން އުޅުނު އިރުވެސް ޢަބްދުﷲ ސަޢީދު ހުންނެވީ ހަމަ ސަލާމަތުން އުއްތަމަ ފަނޑިޔާރުގެ މަޤާމުގައެވެ. ވީއިރު ފުރަތަމަ ނެރުނު އަމުރަކީ އެއްވެސް ނުފޫޒެއް ފަނޑިޔާރުންނަށް ހިންގަވައިގެން ނެރުއްވި އަމުރެއް ނަމަ ފަހުން އެ ނުފޫޒު ނުހިންގެވުނީ ކިއްވެގެންތޯއެވެ؟ ރިޝްވަތުން ނުފޫޒު ފޯރުވުނީ ހަމަ އެންމެ އަމުރަކަށްތޯއެވެ؟ އުއްތަމަ ފަނޑިޔާރު، މަޤާމުގައި ހުންނެވި ނަމަވެސް ޖަލުގައި ބަންދުކުރީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ ފަތިހުއެވެ. އެހައިތަނަށް އެމަނިކުފާނު ދެމިހުންނެވީ ފުރިހަމަ ބާރާއިއެކުގައެވެ.

ކަންކަން މިހެން ހުރުމުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެއްވެސް ނުފޫޒެއް ފޯރާފައިވާނަމަ ފޯރާފައިވަނީ ކުރިންތޯ ނުވަތަ މިހާރުތޯ ސުވާލު ނުއުފެދޭތޯއެވެ! ރިޝްވަތުގެ ތުހުމަތުތަކެއް އަޅުވަމުން ގެންދާއިރު މިކަންކަން އިލްމީ އަދި ތަޙްޤީޤީ ނަޒަރަކުން ދިރާސާކުރަން ނުޖެހޭތޯއެވެ!

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތު ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން މުޅި ޝަރުޢީ ނިޒާމަށް އަސަރުކުރާނެތީއެވެ. މިހާރުވެސް ވަނީ އެފަދަ މައްސަލަތައް ކުރިމަތިވާން ފަށައިފައެވެ. ސްޕްރީމް ކޯޓުން މާދަމާ އަމުރު ބަދަލުކުރާނީ ކޮންގޮތަކަށް ކަމާއިމެދު ރައީސުލްޖުމްހޫރިއްޔާ ސުވާލު އުފެއްދެވުމުންނެވެ.

އެމްޑީPީގެ ވެރިކަމުގައި ވެސް މިފަދަ މައްސަލަތައް ކުރިމަތިވިއެވެ. ކޯޓުތަކާއި ފަނޑިޔާރުންނާއި ދީނީ އިލްމުވެރިންނާއި މެދު އުފެއްދުވި ޝައްކުތަކުން އަދިވެސް ވަނީ އަރައިނުގެނެވިފައެވެ. އެހާލަތުގައި ވަނިކޮށް މުޅި ޝަރުޢީ ނިޒާމަށް މިވަނީ ވަރުގަދަ ޒަލްޒަލާއެއް ކުރިމަތިކުރުވައިފައެވެ. އަރައިގަތުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭނެކަން ޔަޤީނެވެ.
މިއަދު އޮންލައިން