ކަސްޓަމަރުންގެ ޚިޔާލުތަކާ އެއްގޮތަށް އޭޓީއެމްއެމް އިން ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު އިތުރުކުރަން ބޭންކުން ނިންމައި 1 މާރޗް 2018 އިން ފެށިގެން ފައިސާ ނެގޭ އަދަދު ދުވާލަކަށް 25000 ( ފަންސަވީސް ހާސް ރުފިޔާ) އަށް އަދި ފައިސާ ޖަމާކުރެވޭ އަދަދު ދުވާލަކަށް 50000 ( ފަންސާސް ހާސް ރުފިޔާ) އަށް އިތުރުކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މި ބަދަލު ގެނެވުނީ އަމިއްލަ ފަރުދީ އެކައުންޓްތަކަށް ކަމަށާއި ވިޔާފަރި އެކައުންޓްތަކަށް މިހާރުވެސް ހަމަޖެހިފައިވާ ލިމިޓްގައި ޑިޕޮސިޓް ކުރެވޭނެ ކަމަށެވެ.
މި ބަދަލާއެކު ޑަލޮރުގެ މުއާމަލާތަށްވެސް ބަދަލު އަންނާނެއެވެ. އެގޮތުން ޑޮލަރު ނެގޭ އަދަދު 1600 ޑޮލަރަސް އިތުރުކޮށް ޖަމާކުރެވޭ އަދަދު 3200 ޑޮލަރަސް ވަނީ އިތުރުކޮށްފައެވެ.
އޭޓީއެމް މެދުވެރިކޮށް ކުރެވޭ މުއާމަލާތްތައް ކުރުމަށް ( 25000 ހާސް ރުފިޔާއިން ދަށުގެ މުއާމަލާތް) މާލޭގެ ބްރާންޗްތަކާއި އަތޮޅުތެރޭގައި ބޭންކުގެ ސެލްފް ސަރވިސް އޭޓީއެމްތައް ގާއިމްކޮށްފައިވާ ބްރާންޗްތަކަށް ޑިޕޮސިޓްކުރުމާއި ފައިސާ ނެގުމުގައި ފީއެއް ވަނީ ކަނޑައަޅައިފައެވެ. މި ގޮތުން ކޮންމެ މުއާމަލާތަކަށް 75 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ. ބޭންކުގެ ސެލްފް ސަރވިސް ޚިދުމަތް ނުލިބޭ ބްރާންޗަކުން މި ފީ އެއް ނުނަގާނެއެވެ.
ބީއެމްއެލް އިން ބުނެފައިވަނީ ކަސްޓަމަރުން މުއާމަލާތްކުރުމަށް ބޭންކުގެ ބްރާންޗަކަށް ނުގޮސް ހިލޭ ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ޚިދުމަތް ބޭނުންކުރުމަކީ ޭންކުން ވަރަށް އެދޭކަމެއް ކަމަށާއި މިދިޔަ އަހަރަށް ބަލާލާއިރު 24 ގަޑިއިރު ޚިދުމަތް ލިބޭ ބޭންކުގެ އޭޓީއެމް އާއި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތައް މެދުވެރިކޮށް 10 މިލިއަން މުއާމަލާތް ހިންގި ކަމަށެވެ.
ބީއެމްއެލް އިން ބުނެފައިވަނީ މި ޚިދުމަތްތައް މިވަނީ ކަސްޓަމަރުންގެ މެދުގައި މަގްބޫލް ޚިދުމަތްތަކަކަށްވެފައި ކަމަށާއި ބޭންކުން އުއްމީދު ކުރަނީ މި ގެނެވުނު ބަދަލަކީވެސް ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތް ހޯދުމަށް އިތުރު ލުއިފަސޭހަކަން ލިބި، އަދި ބްރާންޗްތަކުން ދެމުންދާ ޚިދުމަތައް އިތުރު ފުރިހަމަކަމެއް ގެނުވާނެ ބަދަލެއްގެ ގޮތުގައި ކަމަށެވެ. އަދި އޭޓީއެމް ބޭނުންކުރުމުގެ ބަދަލުގައި ބްރާންޗަށް ޚިދުމަތް ހޯދުމަށް އަންނަ އުމުރުން ދުވަސްވީ މީހުންނަށް އެއްވެސް ޗާޖެއް ނުނަގާނެ ކަމަށްވެސް ބުނެފައިވެއެވެ.