ސޯލްޓް ރެސްޓޯރަންޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ފެށި މި ޕްރޮމޯޝަންގެ ދަށުން އެމްޓީސީސީ ކަށަވަރު ޝޯރޫމުން ވިއްކާ ޔަންމާ ބްރޭންޑްގެ ޖަނަރޭޓަރުގެ ތަފާތު މޮޑެލްތައް ވަރަށް ޙާއްސަ ޑިސްކައުންޓްތަކަކާއި އެކު ބައްލަވައިގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން އަމާޒުކުރެވިފައިވަނީ ވަގުތުން ފައިސާ ދައްކަވާ ޖަނަރޭޓަރު ބައްލަވައިގަންނަވާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ 1 މާރިޗު އިން ފެށިގެން 31 މާރިޗުގެ ނިޔަލަށެވެ.
އެމްޓީސީސީއިން ވިއްކާ ޔަންމާ ޖަނަރޭޓަރުގެ ތިން މޮޑެލް ކަމުގައިވާ ޔަންމާ ކޮމްޕެކްޓް ޖަނަރޭޓަރު، ޔަންމާ މެރިން ޑީސަލް ޖަނަރޭޓަރު އަދި އިންޑަސްޓްރިއަލް މަސައްކަތަށް ހާއްސަ ޔަންމާ ޑީސަލް ޖަނަރޭޓަރުން ޙާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާ މިޕްރޮމޯޝަނަކީ އޮޑިވެރިންނާއި އޮޑިދޯނި ބަންނަފަރާތް ތަކުގެ އިތުރުން ރިސޯޓް ދާއިރާ އަދި އިންޑަސްޓްރިއަލް ޙިދުމަތްދޭ ފަރާތްތަކަށް ޙާއްސަކޮށްގެން ހިންގޭ ޕްރޮމޯޝަންކެވެ.
ޔަންމާ ޖަނަރޭޓަރަކީ އުމުރު ދިގު، ޙަރަދުކުޑަ އަދި ގެންގުޅެން ފަސޭހަ އަދި ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ އަދި އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ބޭނުންކުރަމުންދާ ބްރޭންޑެކެވެ.
އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށްވާއިރު އެގޮތުން ކޮންމެ އަހަރަކު ވެސް އެކި އެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނާއި ބައްދަލުކޮށް ޓްރެއިނިންގ އަދި މައުލޫމާތު ދިނުމުގެ ހަރަކާތްތައް އެކުންފުނިން އަބަދުވެސް ރާވާ ހިންގަމުން ދެއެވެ.
އެމްޓީސީސީއަކީ، ދިވެހި ރާއްޖޭގައި ގާޢިމްކުރެވުނު އެންމެ ފުރަތަމަ އަދި އެންމެ އިތުބާރުކުރެވޭ ޕަބްލިކް ކުންފުންޏެވެ. އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރުކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެމްޓީސީސީއިން ދަތުރުފަތުރުގެ ޚިދުމަތާއި، ބަނދަރުހެދުމާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފޯރުކޮށްދެއެވެ.