ނޫސްވެރިކަން މިނިވަން ކުރަންވީ ވަކި މީޑިއާއަކަށް އެކަންޔެއް ނޫން!

ކިޔުމަށް ހޭދަވާނީ 4މ 28ސ
ނޫސްވެރިކަން މިނިވަން ކުރަންވީ ވަކި މީޑިއާއަކަށް އެކަންޔެއް ނޫން!
ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް މިހާރު ނެތުމަކީ އަޅުގަނޑުމެން ނޫސްވެރިންނަށާއި އަދި ރައްޔިތުންނަށް ވެސް ތަޙައްމަލު ކުރަން ޖެހިފައިވާ ވަރަށް ދެރަ ކަމެކެވެ.

ނޫސްވެރިންނަށް މިފަހަކަށް އައިސް އަބަދުވެސް މިޖެހެނީ ބައެއްގެ އަނިޔާވެރިކަން ތަޙައްމަލު ކުރާށެވެ. އަނިޔާވެރިކަން ތަޙައްމަލު ކުރަން ނުޖެހޭ ނޫސްވެރިއަކަށް މިޖެހެނީ ކޮންމެވެސް ބައެއްގެ ގޮނޑިކޮއްކޮ އަކަށް ވެގެން، އެބަޔަކު އެޅިހާ ބަތަކަށް ރިހަ އަޅާށެވެ. އެކަމުގެ ސަބަބުން، ރައްޔިތުންނަށް ހާމަ ކޮށްދޭން ބޭނުންވާ ހަގީގަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހާމަ ނުކުރެވެއެވެ. ނުވަތަ ކުރުމަށް ދަތިވެއެވެ.

މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު ހުރިގޮތުން، ކޮންމެ ރެއަކުމެ ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާތައް ބެލުންތެރިންނާއި އަދި ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމުގައި ބުރަކޮށް މަސައްކަތް ކުރާ ނޫސްވެރިންނާއި ފޮޓޯގްރާފަރުން، ކޮންމެ ރެއަކުމެ ކުރިމަތިލާ ކަންތައްތައް އެންމެ ރަނގަޅަށް އެނގޭނީ އެމަންޒަރުތައް އެންމެ ގާތުން ފެންނަ ބަޔަކަށެވެ. މުޒާހަރާއެއްގައި ބައިވެރިވާ މީހުން މައިތިރި ކުރުމަށާއި އެއްކައިރިއަށް ޖެއްސުމަށްޓަކައި ފުލުހުން ޖަހަމުން ގެންދާ ޕެޕަރ ސްޕްރޭ ގެ އަސަރު އެންމެ ގާތުން ކުރާ އެއްބަޔަކީ ނޫސްވެރިން ކަމުގައިވެއެވެ. އެފަދަ ހުރިހާ ކަމަކާއިވެސް ކުރިމަތިލާން ޖެހޭނެކަން ދެނެހުރެ، ނޫސްވެރިންނާއި ފޮޓޯގްރާފަރުން އެތަނަށް ދަނީ "ގޭގައި އޮތް ނަމަ އެހެނެއް ނުވީސް" ކަން ނޭނގިއެއް ނޫނެވެ. އެހުރިހާ ކަމަކާއިއެކު ވެސް ރައްޔިތުންނަށް އެމަންޒަރުތަކާއި މައުލޫމާތުތައް ފޯރުކޮށް ދިނުމަށެވެ.

ކަންމިހެން ހުރުމާއިއެކު ވެސް، ނޫސްވެރިން ކުރާ ބުރަ މަސައްކަތް ދެނެގަންނަނީ މަދު ބައެކެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. މިދިޔަ މަހު ކުރި އިހުތިޖާޖެއްގެ ތެރެއިން ރާއްޖެޓީވީ ގެ ނޫސްވެރިއަކަށް އަނިޔާވުމުން، އޭނާއަށްޓަކައި ހެޔޮ ދުޢާ ކުރި ބަޔަކު ތިބި ކަމުގައި ވިޔަސް، އޭނާ ޖެއްސީ ސްޓަންޓެކޭ، އެއީ ފޭކް އޭ ބުނި ބަޔަކުވެސް ތިބުމަކީ ހިތާމަހުރި ކަމެކެވެ. އޭގެ އިތުރުން، އޭނާއަށް އެލިބުނު އަނިޔާތައް ފާހަގަކޮށް، މިނިވަން ނޫސްވެރިކަމެއް ގާއިމު ކުރުމަށް ގޮވާލި "އިސް ބޭފުޅުން" ގެ އަދަދު މަދުކަމީ ވެސް ވަރަށް ހިތާމަ ހުރި ކަމެކެވެ.

އެއާއެކު އިއްޔެ މުޅި ރާއްޖެއަށް މަޝްހޫރުވި އަނެއް ހާދިސާއަކީ، ޗެނަލް 13 ގެ ނޫސްވެރިއެއް އޮން-ކެމް ކޮށް މުޒާހަރާ ކަވަރު ކުރަމުން ދަނިކޮށް ރައްޔިތުންގެ ބަޔަކު އޭނާގެ މަސައްކަތައް ހުރަސް އަޅަން އުޅުނު ހާދިސާއެވެ. މިހާދިސާއާއި ގުޅިގެން ވައިރަލްވި ވީޑިއޯ ތަކުގައި ފެންނަނީ ނޫސްވެރިޔާ މައިކުން ވާހަކަ ދައްކަނިކޮށް އޭނާގެ ކުރިމައްޗަށް ބަޔަކު އަރަމުން ގެންދިޔަ މަންޒަރާއި ކައިރީގައި ވެސް ބަޔަކު ހަޅޭލަވަމުން ގެންދިޔަ މަންޒަރެވެ. އެހެންކަމުން، "ވަކި ފިކުރެއްގެ ބަޔަކު" ނޫސްވެރިކަމަށް ހުރަސް އެޅިކަމަށްވެ ވީޑިއޯތައް އާންމުވެ، އެތައްބަޔަކު މިކަމާއި ދޭތެރޭ ނުރުހުން ފާޅު ކުރަމުން ގެންދިޔައެވެ.

ތެދެކެވެ. ކޮންމެ ތަނެއްގެ ކޮންމެ ނޫސްވެރިއަކު ވެސް އެމީހެއްގެ ވަޒީފާއާއި އެމީހެއްގެ ޒިންމާ އަދާ ކުރަމުންދާއިރު، އެކަމަށް ހުރަސް އަޅައިގެން ނުވާނެއެވެ. އެއީ ވަރަށް ދެރަ އަދި ބަލައި ނުގަނެވޭނެ ކަމެކެވެ. ނަމަވެސް، ލައިވް އެއް ޖެއްސުމުގެ ކުރިންނާއި ފަހުން ވެސް އޮފް-އެއާރ ގައި އެތައް ކަމެއް ހިނގާފާނެ ކަމަށް ވެސް އަޅުގަނޑަށް ޤަބޫލު ކުރެވެއެވެ. އެހެންކަމުން އިއްޔެ ވައިރަލްވި ވީޑިއޯތަކުން ފެނުނު ބައެއް މީހުންގެ ތެރެއިން، ދަންނަ މީހަކު ވެސް ފެނުމުން، އޭނާ ގާތު ކަންތައްތައް ފެށުނު ގޮތް އަހާލީމެވެ.

އައިޝަތު ރިޝްމާ ކިޔާ އެއަންހެން މީހާ ބުނީ، ލައިވް ޖެއްސިއިރު ހަޅޭލެވި ކަމަށާއި ނަމަވެސް އެކަން އެގޮތަށް ކުރަން ފެށުނީ ފުރަތަމަ އެމީހުން (ޗެނަލް 13 ގެ މީހުން) އެތަނުގައި ތިބި މީހުންނާއި ފޮށުމުން ކަމަށެވެ.

"އަހަރުމެން ހަމަ ތިބީ އިހުތިޖާޖުގައި ބައިވެރިވެގެން. އެއިރު އެމީހުން ތިބީ ގަދަ ނޫ ކުލައިގެ ޔުނީފޯމް ލާފަ ތިބި ތިން ފުލުހެއްގެ ހިމާޔަތް ދަށުގަ. އެހެން ތިބެފަ މައިކް އާއި އެއްޗެހި ހިފައިގެން ހަމަ އަހަރުމެންނާއި (އިހުތިޖާޖު ކުރަން ތިބި މީހުންނާ) ދިމާލަށް އައީ. އެހެނެއް އެމީހުންނަކަށް ނުހެދޭނެއްނު؟ ހަމަ އައިސް އަހަރުމެންނާއި ދިމާލުގަ ހުއްޓުނީ. އޭގެން އެފޯނު ހިފައިގެން ވީޑިއޯ ކުރަން ހުރި މީހާ އަހަރުމެންނާ ދިމާލަށް އިނގިލި ދިއްކޮށްފަ ބުނި ތިތިބީ ސައިޒު ކޮށްފައޭ ދެން ހަމަ ތިބެންށޭ ޖެހޭނީ. ދެން ކިހިނެއް ވާނީ؟ ނުތިބޭނެ ދޯ މަޑަކުން. އޭނަ އެހެން ބުނީމަ އަހަރުމެން ފެށީ އެމީހުންނާ ދިމާލަށް ބަލާފަ ހަޅޭލަވަން. ފެށީމަ ލައިވް ޖެއްސީ. އަހަރެން ބުނަން ވެސް ބުނިން އެއިރުވެސް ކަލޭމެން އަހަރުމެން ޗާޖު ކުރުވީ ނޫންހޭތި. ފުރަތަމަ އެމީހުން އެގޮތަށް ކަންތައް ކުރީމަ އަހަރުމެން ފަށައިގަތީ" ރިޝްމާ "މިއަދުނޫހަށް" މައުލޫމާތު ދެމުން ކިޔާދިނެވެ.

މިއީ ހަމައެކަނި ރިޝްމާ ދެއްކި ވާހަކައެއް ނޫނެވެ. އިއްޔެގެ އެހާދިސާ ހިނގީ މިފަދައިން ކަމަށް ބުނެ އެހެން އިތުރު ބަޔަކު ވެސް ވަނީ ޚުދު ސޯޝަލް މީޑިއާ ގަވެސް އަޑުއުފުލާފައެވެ. އެވަގުތު އެތަނުގައި ނެތުމުގެ ސަބަބުން ކަންތައްވީ ސީދާ މިހެންނޭ އަޅުގަނޑު ނުބުނަމެވެ. ނަމަވެސް ހުސް އެއްކޮޅެއްގެ ވާހަކަ ފެނިފައިވާތީ އޭގެ އަނެއްކޮޅުގެ ބަހެއްވެސް ހޯދާލީއެވެ. މިވާހަކަތަކަކީ ހަގީގަތަކަށްވާނަމަ، މިއީ ވެސް ވަރަށް ހިތާމަހުރި ކަމެކެވެ.

ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ނޫސްވެރިކަމަށް ވެސް މިފަދަ ބޮޑު އަސަރެއް ކޮށްފައި އޮތުމަކީ އަޅުގަނޑުމެން ނުހަނު ހިތާމަ ކުރާ ކަމެކެވެ. މިނިވަން ނޫސްވެރިކަމެއް ހުރިހާ މީޑިއާތަކަކަށް ވެސް ދިނުމަކީ އަޅުގަނޑާއިއެކު އެތައް ބައެއްގެ އެދުމެއްކަން ހަމަ ޔަގީނެވެ.
މިއަދު އޮންލައިން