އެސްޓީއޯގެ ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅުއްވާ އިސްލާޙްތަކަށް ކޮމެންޓްކުރުމުގެ މުއްދަތު އިތުރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
އެސްޓީއޯގެ ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅުއްވާ އިސްލާޙްތަކަށް ކޮމެންޓްކުރުމުގެ މުއްދަތު އިތުރުކޮށްފި
އެސްޓީއޯގެ ބޯޑުން، އެސްޓީއޯގެ ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅުއްވާ އިސްލާޙްތަކަށް ކޮމެންޓްކުރުމުގެ މުއްދަތ މިއަދަށް ހަމަވެފައިވަނިކޮށް 11 މާރިޗް 2018 ގެ ނިޔަލަށް މުއްދަތު އިތުރުކުރުމަށް ނިންމައި އެސްޓީއޯއިން މިއަދު އެކަން އިޢުލާންކޮށްފިއެވެ.

ހިންގާ ޤަވާޢިދަށް ގެނައުމަށް އެސްޓީއޯގެ ބޯޑުން ހުށަހަޅާފައިވާ އިސްލާޙްތައް ވަނީ އެކުންފުނީގެ ވެބްސައިޓް www.sto.mvގައި ޝާއިޢުކޮށްފައެވެ. އަދި މިއިސްލާޙްތަކަށް ލިޔުމުން، އީމެއިލްއިން އަދި ފެކްސްގެ ޒަރިއްޔާއިންވެސް ކޮމެންޓްކުރުމުގެ ފުރުޞަތު އެސްޓީއޯއިން ވަނީ ހުޅުވާލާފައެވެ.

އަދި މީގެ އިތުރުން 2018-2019 ވަނަ އަހަރު ކުންފުނީގެ ބޯޑުގައި ޢާންމު ޙިއްޞާދާރުން ތަމްޞީލްކުރާނެ ޑިރެކްޓަރ ކަމަށް ނަން ހުށަހެޅުމަށް ފުރުޞަތު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. ނަން ހުށަހެޅުމުގެ މުއްދަތު ހަމަވަނީ 26 މާރިޗް 2018 ވާ ހޯމަދުވަހުގެ 1600 ގައެވެ.

އެސްޓީއޯއިން ކުރި އިޢުލާންގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން ކުންފުނީގެ ޑިރެކްޓަރކަމަށް އެދި ހުށަހަޅާފޯމް އަދި ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމްތަކުގައި ބަޔާންކޮށްފައިވާ ފުރިހަމަ މަޢުލޫމާތާއެކު އެސްޓީއޯއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެގޮތުން ހުށަހަޅާ މަޢުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން ބެއްލެވުމަށްފަހު، ބޭނުންވެއްޖެ ހާލަތުގައި އެފަރާތްތަކާއި އިންޓަވިއުކުރެވޭނެކަމަށް އިޢުލާންގައި ބަޔާންކޮށްފައިވެއެވެ.
އަދި އެގޮތުގެމަތީން ކޮމިޓީއިން ތައްޔާރުކުރާ ރިޕޯޓް ބޯޑަށް ހުށަހެޅުމަށްފަހު، ބޯޑުން ނިންމަވާގޮތެއްގެ މަތީން، ކެނޑިޑޭޓުންނާބެހޭ މަޢުލޫމާތު އިޢުލާންކުރެވޭނެކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

އެސްޓީއޯގެ ޙިއްޞާ ބެހިފައިވާގޮތުން، ޢާންމު ޙިއްޞާދާރުންގެ ފަރާތުން އެސްޓީއޯގެ ބޯޑަށް ޢައްޔަންކުރެވެނީ 1 ޑިރެކްޓަރު އަދި ސަރުކާރުގެ ފަރާތުން 6 ޑިރެކްޓަރުންނެވެ. ޢާންމު ޙިއްޞާދާރުން ތަމްޞީލްކުރާ ޑިރެކްޓަރގެ ނަން ހުށަހެޅުމަށް ހުޅުވާލި ފުރުޞަތާއެކު ސަރުކާރުން ބޯޑަށް ޢައްޔަންކުރައްވާ ޑިރެކްޓަރުންގެ ނަންތައްވެސް ހުށަހެޅުމަށް އެދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް މިއަދު ސިޓީއެއް ފޮނުވިފައިވާކަމަށް ވެސް އެސްޓީއޯއިންވަނީ މަޢުލޫމާތު ދެއްވާފައެވެ.


މިއަދު އޮންލައިން