ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެތެރެއިން ގޮނޑި ގެއްލިފައިވާކަމަށް ބުނާ 12 މެންބަރުންގެ މައްސަލައަށް ދެން ވާނީ ކިހނެއް ކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އެ 12 މެންބަރުންގެ މައްސަލައިގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ފައިޞަލާ ކުރަނިވި ޙުކުމެއް އިއްވަވައިފައެވެ. ނަމަވެސް އެ ޙުކުމް އެ ގޮތުގައި އޮތީ މަޖިލިސް ފެށެން ވަންދެންނެވެ. މަޖިލިސް ފެށުމުގެ ވަގުތު ޖެހެންވީއިރު މިވަނީ 12 މެންބަރުންގެ މައްސަލަ ހަމަ ކުރިއާއި އެއްގޮތަށް ބަދަލުކޮށް މެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކަށް ނުވަދެވޭނެ ގޮތް ވަނީ ހަދައިފައެވެ.
ޤާނޫނީ ވަކީލް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން އިއްޔެ ވެސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ 12 މެންބަރުންގެ މައްސަލަ ސްޕްރީމް ކޯޓުން ބަލައި ފައިސަލާކޮށް ނިންމާފައިވުމާއިއެކު އެ މައްސަލަ އިތުރަށް ބެލޭނެ އެއްވެސް ގޮތެއް އޮންނާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ސްޕްރީމް ކޯޓަށް އިއްޔެ ބަޔާން ދެއްވި އިރުވެސް މިކަން ފާހަގަކުރައްވައި ބަޔާން ދެއްވާފައިވާނެ ކަމަށެވެ.
ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ފެންނަމުން މިދާ ކަންކަމަކީ ދުނިޔޭގެ ކޮން ޤައުމަކުން ފެންނަ ކަންތައްތައް ކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ.