2007 ވަނަ އަހަރު ވިލާއިން ފައިސާ ދައްކަން ޖެހުނީ ކޮންތާކަށްތޯ؟ ދޮގު ހަދަމުންގޮސް ގޯނީގެ ފުލުން އޮހި ހުސްވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 9ސ
2007 ވަނަ އަހަރު ވިލާއިން ފައިސާ ދައްކަން ޖެހުނީ ކޮންތާކަށްތޯ؟ ދޮގު ހަދަމުންގޮސް ގޯނީގެ ފުލުން އޮހި ހުސްވަނީ
ވިލާ ގްރޫޕުން ސަރުކާރަށް ފައިސާ ދައްކަންޖެހޭ ކަމަށް ބުނެ އަދަދުތައް އުފައްދައިގެން ހާމަކުރީ މިސަރުކާރުން ކަމަށާއި އެއިގެ ކުރިން ދުވަހަކުވެސް އެފަދަ އެއްވެސް ތުހުމަތެއްވެސް ވިލާގެ މައްޗަށް ކުރެވިފައި ނުވާނެ ކަމަށް ވިލާ ގްރޫޕުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

"2007 ވަނަ އަހަރު ވިލާ ގްރޫޕުގެ މައްޗަށް ދައުލަތަށް ފައިސާތަކެއް ދައްކަންޖެހޭ މައްސަލަތަކެއް ހުށަހެޅުނު" ކަމަށް ބުނެ ޕީޕީއެމްގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާއި ގުޅިގެން އޮފިޝަލް ވިދާޅުވީ އެހެންކަމަށް ބުނާނަމަ އެއީ ކޮން މައްސަލަތަކެއް ކަމާއި އެމައްސަލަތައް ހުށަހަޅައިގެން ބެލީ ކޮން މުއައްސަސާއަކުންކަން ނުވަތަ ކޮން ކޯޓަކުންކަން ބުނެދިނުން އެދިވަޑައިގަންނަވާ ކަމަށެވެ. އެންމެ ކުޑަމިނުން ހުށަހެޅުނުތަނެއް ބުނެދޭންޖެހޭނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ވިލާއިން ދައްކަން ނުޖެހޭ ކުލިތަކެއް ދައްކަންޖެހޭ ކަމަށް ބުނެ އަދި ދައްކަން ނުޖެހޭ، ދުނިޔެއަށް އުފަންވެސް ނުވާ ކުލިތައް ޖުރުމަނާކޮށް ސަރުކާރުން ވިލާ ގްރޫޕްގެ އަތުން 191 މިލިއަން ޑޮލަރު ހޯދަން ކުރާ މަސައްކަތަކީ ދައްކަން ނުޖެހޭ ފައިސާ ތަކެއް ގަދަކަމުން އަތުލުމަށްޓަކައި މިސަރުކާރުން އަދަދުތަކެއް އުފައްދައިގެން ކުރާ މަސައްކަތްތަކެއް ކަމަށާއި އެކަން މިހާރު ވާނީ ސާބިތުކޮށްދީފައި ކަމަށެވެ. "މިކަންކަން މިހާރުވެސް އަޅުގަނޑުމެން ވާނީ ވަރަށް ރަނގަޅަށް ސާފުކޮށްދީފަ. ސިވިލް ކޯޓުން މައްސަލަތައް ބަލައި ނިންމީ އެއިން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް. އެކަމަކު ބަންޑާރަނައިބު އަލުން މައްސަލަތައް ހައިކޯޓަށް ވައްދައިގެން މައްސަލަތައް ދައުލަތުގެ ބަންޑާރަ ނައިބު ބޭނުންވާ ގޮތަށް ނިމުނީ."

"ވިލާ ގްރޫޕަށް ދައުލަތުން ދޭންޖެހޭ 16.9 މިލިއަން ޑޮލަރު ނުދައްކާ އޮންނަތާ މީ 12 އަހަރު. ބަންޑާރަ ނައިބު ބޭނުންވީ އެ ފައިސާ ނުދައްކަން. ދެން އުޅުނީ ސެޓްލްމަންޓް އެގްރިމަންޓްތަކާ އެ ފައިސާ އާއި އަޅުވައި ކަނޑާލަން. އެކަމަށް ވިލާ އިން އެއްބަސް ނުވީ. އެއްބަސް ނުވި ދުވަހުވެސް ބަންޑާރަނައިބު ވިދާޅުވި ކޯޓުތަކުން ނިމޭނީ ތިމަންނަ ބޭނުންވާ ގޮތަށް ކަމަށް. ދަށު ކޯޓުން އެބުނާ ދައުލަތުން ބޭނުންވާ ގޮތަށް ނުނިމުނީމަ ހައިކޯޓަށް ވެއްދީ. ދައުލަތުން ބޭނުންވާ ގޮތަށް ނިންމުވަން." ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

16.9 މިލިއަން ޑޮލަރު ނުދީ 12 އަހަރު ހިފެހެއްޓުމުން ފިނޭންޝަލް ކޮސްޓްގެ ގޮތުގައި މިހާރުވެސް ވަނީ 42 މިލިއަން ޑޮލަރަށް އެ އަދަދު އަރައިފައެވެ. ފައިސާ އަތުލުމަށްފަހު ވިޔަފާރި ކުރާނެ ފުރުޞަތު ނުދިނުމުން ލިބުނު ގެއްލުމަށް ބަލައިފިނަ އަދަދު 150 ޑޮލަރަށްވުރެ މަތިވެއެވެ. ވިޔަފަރީގެ މުޢާމަލާތުތަކާއި ގުޅިގެން ހިންގާ މިފަދަ ޝަރީއަތްތަކުގައި ފައިނޭންޝަލް ކޮސްޓާއި ވިޔަފާރިން ލިބޭނެ ފައިދާ ދުނިޔޭގެ ކޯޓުތަކުން ނަގައިދެއެވެ.

ސަރުކާރުން ހަދައި އަދި ބާޠިލްކުރި ސެޓްލްމަންޓް އެގްރިމަންޓްތަކުގެ ހުރިހާ މައްސަލަތަކެއް ވެސް ސިވިލް ކޯޓުން ނިންމީ ވިލާ ގްރޫޕުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ކަމަށެވެ. ހައިކޯޓުން ހުރިހާ މައްސަލަތަކެއް ނިންމީ ސިވިލް ކޯޓުގެ ޙުކުމާ ދެކޮޅަށެވެ. ދަށު ކޯޓަކުން ނިންމާ މައްސަލައަކަށް ހައި ކޯޓުން ބަދަލު ގެނެސްފާނެއެވެ. ނަމަވެސް އެއް ފަރާތަކެއްގެ އެތައް ބައިވަރު މައްސަލަތަކެއް އެއްފަހަރާ ބަދަލުވެގެން ދިއުމަކީ ގިނަ ސުވާލުތަކެއް އުފެދޭ ކަމެކެވެ. ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކުވެސް މިހައިވަރުވީމާ ސުވާލު އުފައްދާނެއެވެ. އަދުލުވެރިކަމާއިއެކު ޙުކުމް ކުރީ ސިވިލްކޯޓުން ކަމާއި ހައިކޯޓުން ކަމާއިމެދު ހަމަ ކޮންމެ މީހަކުވެސް ސުވާލު އުފައްދާނެއެވެ.

ސަރުކާރުގައި ބާރު ހުރުމުން ވިލާ ގްރޫޕަށް ކިތަންމެ ބޮޑު ގެއްލުމެއްވެސް ދެވިދާނެއެވެ. އެފަދަ ކަމެއް ރާއްޖޭގެ ތާރީޚުގައި ވަނީ ހިނގައިވެސްފައެވެ. ގުޅީ ޢީސާ ކަލޭފާނުގެ ހުރިހާ މުދަލެއް ސަރުކާރަށް ނަގައި ވަނީ ވިއްކާލައިފައެވެ. ނީލަން ކިޔައިފައެވެ. ހަމަ އެއް ސަބަބަކާއި ހުރެއެވެ. ސަރުކާރާއި ޚިޔާލުތަފާތުވުމުންނެވެ. އަމިއްލަ ގެދޮރުވެސް ވިއްކާލައި ޢާއިލާ މަގުމަތިވެސް ކޮށްލިއެވެ.

ކިތަންމެ ގިނައިން ކިތަންމެ ގިނަ ގޮތްގޮތަށް މި މައްސަލަތަކުގެ ވާހަކަ ދެއްކި ނަމަވެސް އެ ވާހަކަތައް ދައްކަނީ ވިލާ ގްރޫޕުން ސަރުކާރަށް ދައްކަންޖެހޭ އެންމެ ރުފިޔާއެއް ވެސް އޮވެގެން ކަމަކަށް ނުހެދޭނެއެވެ. މި މައްސަލަތަކާއި ގުޅުވައިގެން ސަރުކާރުން ޤާސިމް އިބްރާހީމްގެ މުޅި މިލްކިއްޔާތު ނެގި ނަމަވެސް އެއީ އެއްވެސް އިންސާފަކުން ކުރެވޭ ކަމެއް ކަމަކަށް ވެސް ނުވާނެއެވެ.

މާތް ﷲ އަށް ބިރުވެތިވުމުގެ ޒައްރެއްގެ މިންވަރު އެމީހެއްގެ ހިތުގައި އޮތް މީހަކު ނަމަވެސް މިކަމުގައި މި ނޫން ނިންމުމެއް ނުނިންމާނެއެވެ. މަރުވާނެ ކަމާއި މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭ މީހަކު މިކަމުގައި މި ނޫން ނިންމުމެއް ނުނިންމާނެއެވެ.

މިކަމުގައި އޯޕަން ފޯރަމެއްގައި ވަކާލާތުކުރަން ތައްޔާރަށް ތިބިކަން ވިލާގެ ލޯޔަރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރާއި ޕީޕީއެމުން ދައްކަނީ ހައްޤު ވާހަކަ ނަމަ ޗެލެން ކޮށްލަން ނުކެރެނީ ކީއްވެގެން ހެއްޔެވެ؟ ސަރުކާރާއި ޕީޕީއެމްގައި ލޯޔަރުން މަދީ ހެއްޔެވެ؟ އަރައި ބަލިކޮށްލަންވީ ނޫން ހެއްޔެވެ؟ އެފަދަ ފޯރަމަކަށް ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟ ރައްޔިތުންނަށް އެއިރުން ކަމުގެ ހަޤީޤަތް ވަރަށް ރަނގަޅަށް ެއެނގިގެންދާނެއިރު އެކަން ނުކޮށް މަޑުކުރަނީ ކީއްވެގެން ހެއްޔެވެ؟

ޕީޕީއެމްގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި 2007 ވަނަ އަހަރުން ފެށިގެން ވިލާ ގްރޫޕުން ސަރުކާރަށް ފައިސާ ތަކެއް ދައްކަން ޖެހޭ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވައިލާއިރު އެކަމުގެ މައްސަލައެއް 2007 ވަނަ އަހަރު ހުށަހެޅުނު ތަނަކާއި ހުށަހެޅުނު މައްސަލައެއް ބުނެދޭން ނުޖެހޭ ހެއްޔެވެ؟

މީރާގެ ލިސްޓުގައި ލިޔުނު ކޮންމެ އެއްޗެއްވެސް ލިސްޓުގައި އޮންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި 2012 ވަނަ އަހަރު ޑރ. ޝަހީމް އާއި ޝައިޚް އިމްރާން އާއި ޝައިޚް އާދަމް ޝަމީމްގެ ނަންފުޅު އެބޭފުޅުންނަކީ ރާއްޖެއަށް ނުރައްކާތެރި ޓެރަރިސްޓުންގެ ގޮތުގައި ލިސްޓްކުރިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ލިޔުނީމަ އެބޭފުޅުންނަކީ ޓެރަރިސްޓުން ކަމަށްވާނެތޯއެވެ؟

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ވަލިއްޔުލްއަމުރުގެ އޮފީސް ކަމަށް ވީމާ އެ އޮފީހުގެ ވެބްސައިޓުގައި ލިޔާ ކޮންމެ ލިޔުމަކީ ޞައްޙަ ލިޔުމަކަށް ވާނެތޯއެވެ؟

"އެއޮތީ ނޫންހޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި. ނިކަން ބައްލަވަބައްލަވާށޭ ނެތްތޯ ތަސްބީހާއެއް ކީނަމަވެސް އެ 3 ބޭފުޅުންނަކީ ޓެރަރިސްޓުން ކަމަށްވާނެތޯ" އެވެ!
މިއަދު އޮންލައިން