އެންމެފަހުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވެރިކަމަށް އައުމަށް އަބްދުﷲ ޔާމީނަށް ލިބުނީ ވަރަށް ހަނި ފުރުސަތެކެވެ. ވެރިކަމަށް އާދެވުނީ ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމެވި ނިންމެވުން ރާއްޖޭގެ ކިންގް މޭކަރއެއްގެ ގޮތުގައި ތާރީޚު ހެކިދޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ ނިންމެވުން 10 ނޮވެމްބަރ 2013 ވަނަ ދުވަހު ބަދަލުކުރައްވައި ޔާމީނަށް ތާއީދު ކުރައްވައި އެމަނިކުފާނު ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. ނަމަވެސް ވެރިކަމަށް އައުމަށްފަހު ޔާމީން މަސައްކަތް ފެށީ އޭރުއޮތް ކޯލިޝަން ސަރުކާރު ރޫޅާލެވޭނެ މަގެއް ކޮށައި އަލިކުރުމަށެވެ.
ޔާމީން އެ ފުރުސަތު ތަނަވަސްކުރީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމަށް ނެގުނު ވޯޓުގެ ކޮޅިގަނޑުގެ ތެރެއިންނެވެ. އެ މަގާމަށް މާމިގިލީ ދާއިރާ ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖްލިސްގެ މެމްބަރުގެ ހައިސިއްޔަތުން ކުރިމަތިލުމަށް ގާސިމް ނިންމެވިއެވެ. ޖުމްހޫރީ ޕާޓީއާއި ސަރުކާރު ހިންގާ ޕީޕީއެމާ ދެމެދު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ވެވުނު އެއްބަސްވުމުގައި އެކަމަށް ހުރަހެއްނެތެވެ. އެއްބަސްވުމުގެ 8.2 ގައި ބުނަނީ އެއްބަސްވުމުގައި ނެތްކަމެއް ނިންމާނީ މަޝްވަރާކޮށްގެން ކަމަށެވެ. ގާސިމް އަމަލު ކުރެއްވީ 11 ނޮވެމްބަރ 2018 އާއި ހަމައަށް ހެދިފައިވާ ކޯލިޝަން އެއްބަސްވުމުގެ ތެރެއިންނެވެ.
ގާސިމްގެ ނިންމެވުމާއެކު އޭރުގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަރޔަޑް މުހައްމަދު ނާޒިމް ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތުން ގާސިމާ ބައްދަލު ކުރައްވަން މެސެޖަކާއެކު ފޮނުވިއެވެ. ޔާމީންގެ މެސެޖަކީ ގާސިމްގެ ނިންމެވުމާ އެއްގޮތަށް ކުރިއަށް ދިއުމަށެވެ. މިމެސެޖާއެކު ޔާމީންގެ ހީލަތުގެ މަޅި ހުޅުވާލިއެވެ. މަޖިލިސް ރައީސްގެ މަގާމަށް މީހަކު ހޮވުމުގެ ވަގުތު ކުޑަތަންވެފައިވަނިކޮށް ޕީޕީއެމުން މަޖްލިސް ރައީސާއި ނަާބް ރައީސްގެ މަގާމަށް ކުރިމަތިލާން ނިންމައި އެކަން އިއުލާން ކުރިއެވެ. ކޯލިޝަން ބައިވެރިޔާ އެކަހެރިކޮށް އެއްވެސް މަޝްވަރާއަކާ ނުލައެވެ. މަޝްވަރާއަށް ތައްޔާރަށް ހުންނެވިކަމަށް ތަކުރާރުކޮށް ގާސިމް ވިދާޅުވިނަމަވެސް ޔާމީން ގެންދިޔައީ އޭނާ ޕްލޭންކުރި ހީލަތުގެ މަގުންނެވެ.
ޕީޕީއެމްގެ އޭރުގެ ނާއިބް ރައީސް އަހުމަދު އަދީބު 27 މެއި 2014 ވަނަ ދުވަހު ނިއުސް ކޮންފަރެންސެއްގައި ޔާމީންގެ ޕްލޭން ހާމަކުރެއްވިއެވެ. އަދީބު ދެއްވީ އިންޒާރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް ކުރިމަތިލައްވައިފިނަމަ ސަރުކާރާއެކު ޖޭޕީން ހަދާފައިވާ ކޯލިޝަން ނިމުމަކަށް އަންނާނެކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންތިޚާބު ކުރުމުގެ ޖަލްސާގައި 28 މެއި 2014 ވަނަ ދުވަހު ގާސިމް އެ މަގާމަށް ކުރިމަތިލެއްވުމުން ހަމަ އެދުވަހު މީޑިއާއަށް އާންމުކުރި ބަޔާނަކުން ކޯލިޝަން ރޫޅިއްޖެކަމަށް ޕީޕީއެމުން އިއުލާންކޮށް އެއްބަސްވުމަށް އިހުތިރާމް ކުރުމެއްނެތި ބޮޑާކަން ދައްކާލިއެވެ. ފެށުމަކީ މިއެވެ.
ސިޔާސީ ބާރާއި ނުފޫޒު ނެތިކޮށްލުމުގެ މަސައްކަތް
ވެރިކަމަށް އައުމަށް ވެވުނު އެއްބަސްވުމުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުން 35 އިންސައްތަ ޖޭޕީއަށް ދޭންވާނެ ކަމަށް އޮތްނަމަވެސް ދީފައިވަނީ އެންމެ 34 ސިޔާސީ މަގާމެވެ. ކޯލިޝަން ރޫޅާލުމާއެކު މަގާމް ހިމާޔަތް ކުރުމަށް ބައެއް ބޭފުޅުން ޕީޕީއެމް ޚިޔާރުކުރިއެވެ. އޭގެ ތެރޭގައި ގާސިމް ދަރިންހެން ބައްލަވައި މީހުނަށް ހެދި ބޭފުޅުން ތިއްބެވިއެވެ. ޔާމީނުގެ ރޭވުމުގެ ދަށުން ދެން ފެނުނީ ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕް ކުޑަކޮށް ގާސިމްގެ ނުފޫޒު މަޖިލިސް ތެރޭގައި ކުޑަކުރަން ފެށުނު މަސައްކަތެވެ.
ނަތީޖާއަކަށްވީ ޖޭޕީ ތަމްސީލުކުރައްވާ 15 މެމްބަރުންގެ ތިއްބެވިނަމަވެސް އެއަދަދު ހަތަކަށް ކުޑަވުމެވެ. ޖޭޕީ ކުޑަކޮށްލުމަށްވެސް ޚާއްސަ މަސައްކަތްތަކެއް ހިންގިއެވެ. މިގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބުގެ އަތްދަށަށް ޖޭޕީ ޔޫތު ލީގުގެ ރައީސާއި ނާއިބް ރައީސް އަދި އިތުރު ދެ މެންބަރަކު ގެންދެވިއެވެ. މެޑަމް ފާތިމަތު އިބްރާހިމްގެ ކެމްޕެއިން އޮފީހަށް އޭރުގެ ޖޭޕީގެ ރަޖިސްޓްރާއިން ފެށިގެން އެކްޓިވިސްޓުންނާއި އިސްކޮށް ހަރަކާތްތެރިވާ އެކި މީހުން ހުނި ޖަހާލައިގެން ގެންދެވުނެވެ. ސިޔާސީ ނުފޫޒު ކަނޑުވާލައި ސޯޝަލް މީޑިއާގެ އަޑު ކަނޑުވާލައި އަދި ޕާރޓީގެ މެންބަރުންގެ އަދަދު މަދުކުރުން ކުރިއަށް ގެންދިޔައެވެ.
އޭރު ދައުލަތުން ހިންގަމުން އައި އެމްބީސީގެ ބަދަލުގައި ޕީއެސްއެމް ކިޔާ ކުންފުންޏެއް އުފެއްދީ ގާސިމްގެ މީޑިއާގެ ވަސީލަތްތަކުގެ އަޑު ކަނޑުވާލަން ރޭވި ޕްލޭނެއްގެ ދަށުންނެވެ. ވީޓީވީ، ވީނިއުސް، ވީވީކްލީ އަދި ވީއެފްއެމްގެ މަގުބޫލުކަން ކުޑަކޮށް ބަނގަރޫޓް ކޮށްލުމުގެ ޕްލޭނެކެވެ. މިހާރު ޕީއެސްއެމްގެ އެމްޑީ އާއި އަދި އެއް ޑީއެމްޑީ އޭރު ތިއްބެވި ތަން ބައްލަވާށެވެ. އެ ދެބޭފުޅުންގެ ފަހަތުން ވީމީޑީއާއިން ގެންދެވި ޓީމު މިހާރު ތިބިތަން ބައްލަވާށެވެ. ހެއްކަކަށް ފުދޭނެއެވެ. ބޮޑެތި މަގާމާއި މުސާރަ އޮފަރ ކުރުމުންވެސް ހިތްވަރާއެކު ސާބިތު މުވައްޒަފުން ތިބިކަމީ ވީމީޑިއާ މިއަދު ދެމި އޮތުމުގެ ސަބަބެވެ.
ހެޔޮކަމެއްކޮށްދޭ މީހަކަށް ތެޔޮހަމެއް ކަމަށް ކިޔާއުޅެއެވެ. މިބަސް ތެދަކަށްވީތާއެވެ. ވެރިކަމާއި އާރާއިބާރު އަދި ޖާހާއި ޝައުކަތު ހޯދައިދިނުމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެށީ އަނިޔާގެ ބާބެކެވެ. އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތަކަށް މީރާއިންދޭ ރަންލާރި އެވޯޑް 12 އޯގަސްޓް 2014 ގައި ވިލާޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބުނެވެ. މި އެވޯޑާއި ހަވާލުވެވަޑައިގަތީ ވިލާ ގްރޫޕްގެ ޗެއަރމަން ގާސިމް އިބްރާހީމެވެ. އެވޯޑް ދިނީ ޔާމީން އަބުދުލްގައްޔޫމުގެ އަތުންނެވެ. މާކަ ގިނަދުވަސްތަކެއް ނުވެ ރައްޔިތުންނަށް ގެނުވި ހައިރާންކަމަކީ ދައުލަތަށް ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން އޮތްކަމަށް މޯލްޑިވްސް އިންލެންޑް އޮތޯރިޓީން ގާސިމްގެ ވިލާ ކުންފުންޏަށް އެންގުމުންނެވެ. އެންމެ ރަނގަޅަށް ޓެކްސް ދެއްކި އެއްފަރާތް ކުއްލިއަކަށް މާބިޔަ އަދަދަކުން ޖޫރިމަނާކޮށްލީ ޔާމީން އަޑީގައި ހުރެގެން އުފެއްދި އަދަދުތަކަކުންނެވެ.
ބޭނުމަކަށްވީ ގާސިމް ބަނގުރޫޓްކޮށްލައި ނުފޫޒު ކަނޑުވާލުމެވެ. ރައްޔިތުންގެ ލޯތްބާއި ފޭއަށް ޖެއްސުމެވެ. ދިވެހި އެތައްހާސް އާއިލާ މަގުމަތި ވިޔަސް ކަހަރުވަކެކޭވެސް ހީނުވެއެވެ. މިފަދަ އަދަދުތައް އުފައްދައި ޖޫރިމަނާ އަންނަނީ މިއަދާ ހަމައަށް އިތުރުކުރަމުންނެވެ. ބޭނުމަކީ ރައްޔިތުންނަށް އޮޅުވާލައި ގާސިމަކީ ދައުލަތަށް ދަރާފައިވާ މީހެއްގެ ޓެގް އަޅުވައި ބަދުނާމު ކުރުމެވެ. ރައްޔިތުންގެ ތާއީދު ނެތިކޮށްލުމެވެ. މި ސިލްސިލާއަށް ނިމުމެއްނެތެވެ. މިއަހަރުގެ ޖެނުއަރީ މަހު ޔާމީނުގެ އޯޑަރަށް ގާސިމްގެ ރިސޯޓްތަކަށް ކަސްޓަމާއި މީރާ އަދި ފުލުހުން އަރައި ހިންގި އަމަލުތަކަކީ ދިވެހި އިގްތިސާދު ފިތްކަނޑައިގެންދިޔަ ކަމެކެވެ.
އަމިއްލަ އެދުމުން ޔާމީނު ފޯވެފައިހުރިވަރު ރައްޔިތުންނަށް އިތުރަށް ހާމަވި ކަމެކެވެ. އެކަމާގުޅިގެން އުފެދިގެން ދިޔަ ނުތަނަވަސް ކަމަށް ހައްލެއްގެ ގޮތުގައި ޔާމީން ދެއްކީ ބޮޑާކަމެވެ. ކޯޓު އަމުރަކުން ޖަހައިގަނެގެން ހުރި ޕާޓީގެ ޖަގަހައެއްގެ ޕޯޑިއަމްގައި ބުނީ ރިސޯޓްތައް ހުއްޓުމުން ވަޒީފާ ގެއްލޭ މީހުން ސަރުކާރުގެ ކުންފުނިތަކަށް އައުމަށެވެ. ގާސިމަށް ރައްޔިތުން ކުރާ ލޯބި ނިގުޅައިގަތުމަށް ފެންބޮވައިގެންފައި ހުރިވަރުން މިހާރުގެ ތައުލީމީ ޖީލުގެ ކުރިމަތީގައި އެ ބޭލުނީ ތިމަންނާގެ އަމިއްލަ ސޯޓުކަންވެސް މޭރުމެއް ނުވިއެވެ.
ގާސިމްގެ އިޖްތިމާއީ ޚިދުމަތް ހުއްޓުވުމަށް ދެމުންދާ ހަމަލާތަކެއް
ގާސިމް އިބްރާހީމްގެ އިޖުތިމާއީ ޚިދުމަތަކީ އެހެން ދިވެހި ފަރުދަކަށް މީން ޒަމާނަކުވެސް ފަނޑުކޮށްލެވޭ ވަރަށްވުރެ އަލިގަދަ ވަރުގަދަ ޚިދުމަތެކެވެ. އެމަނިކުފާނުގެ އެހީގައި ދިވެހި އެތައް ދަރިންނެއް އެތައް ރޮނގަކުން މަތީ ތައުލީމް ވަނީ ހޯދާފައެވެ. މިހާރުވެސް މިކަން ވީވަރަކުން އެބަކުރައްވައެވެ. ހިލޭ އެހީއާއި ޚިދުމަތުގެ އެހީއެވެ. ދިވެހި ޖީލު މިދެކޭ ތައުލީމީ މުޖުތަމައަށް އެންމެ ރަނގަޅަށް ފެން ދެއްވި އަދި މިހާރުވެސް ދެއްވަމުން ގެންދަވާ މޭސްތިރިއަކީ ގާސިމެވެ.
ބޭސްފަރުވާއަށް ބެއްލެވިއަސް ވަކި އާއިލާއަކަށް ވަކި ކުލައަކަށް ނުބައްލަވައި ގިންތި ކުރުމެއްނެތި އެތައްހާސް ރައްޔިތުންގެ މަދަދު ގާރަކީ ގާސިމްކަމަށް އެކި ފިކުރު ހެކިދެއެވެ. މަދަނަޔާއި ނޫސަންދަ އަދި އާސަންދަވިޔަސް އުފެއްދުމުގައި އަސާސަކަށް ބަލާފައިވަނީ ގާސިމް ހިންގެވި އެހީގެ ޕްރޮގްރާމެވެ.
ޔާމީނަށް ހަޖަމު ނުކުރެވެނީ މިކަންކަމެވެ. ގާސިމްގެ މާލީ ގާބިލްކަން ނެތިކޮށްލަން އުފަންކުރުވި ކޮންމެ ހަމަލާއެއް ސީދާ އަމާޒުވީ ދިވެހި ލޮބުވެތި ރައްޔިތުންނަށެވެ. އެތައް އާއިލާއެއްގެ މީހުން ބޮޑެތި ބަލިތަކަށް ގާސިމް އެހީގައި ފަރުވާ ހޯދިއެވެ. އެތައް އާއިލާއެއް ގާސިމްގެ އެހީތެރިކަމާއެކު ދަރިންނަށް މަތީ ތައުލީމް ހޯދައިދީ ދަރިންގެ ކުރިމަގު ފައްކާކުރިއެވެ. މިއަދު ޔާމީން އުފަންކުރުވި ހަސަދައިގެ ހިސާބު އަދަދުތަކުން ކަރުނަ އަޅަނީ ހަމައެކަނި ގާސިމްތޯއެވެ؟ ނޫނެކެވެ. ދިވެހި އެތައްހާސް ރައްޔިތުންނެވެ. އެ ރައްޔިތުން މިހާރު އެފަދަ މަދަދަކަށް ސަލާންޖަހަން ތިބުން ފިޔަވައި އިތުރު ފަރުވާއެއްނެތެވެ. އަތްދިއްކޮށްލާނެ އިތުރު މަދަދުގާރެއްނެތެވެ. ވިލާ ބަނގަރޫޓްކޮށްލައި ވިލާ ފައުންޑޭޝަން ހުއްޓުވާލުމުގެ ރޭވުމުގެ ވަޒަންވެސް އެރީ ދިވެހި ނިކަމެތި ރައްޔިތުންގެ ހިތަށެވެ.
ގާސިމްގެ ވިޔަފާރި ނެތިކޮށްލުމަށް ޔާމީނު އިސްވެ ހުރެގެން ލުނބޯ ކިބަޔަކުން ހުތްފެލާހެން ފެލާލާނެކަމަށް ބުނި ބަސްމަތީގައި ހިންގަމުންދާ ދަށުދަރަޖައިގެ އަމަލުތައް އޮޅުވާލައި އޮފުއެރުވުމަށް ކުރެވެމުންދާ މަސައްކަތް ދިވެހި ރައްޔިތުންނަށް އެނގެއެވެ. ހަސަދައިން ލިބޭ ގެއްލުން ގުޅިފައިވަނީ ދިވެހި ލެޔާއެވެ. ދިވެހި އިގްތިސާދާއެވެ. ދިވެހި އެތައް އާއިލާއަކާއެވެ. އަނިޔާ ދެވެނީ ހަމައެކަނި ގާސިމަށް ކަމަށް ހީކޮށް ހިތަށް ފިނިކަން ހޯދާނަމަ އެއީ ކުށްހީއެކެވެ.
ޚަބަރު: ވީނިޔުސް