ވެރިންގެ ޒިންމާތަކުގެ ވާހަކަ ދެއްކީމާ ރުޅިގަދަވަނީ ވެރިންނަށް ހެޔޮ ނޭދޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ވެރިންގެ ޒިންމާތަކުގެ ވާހަކަ ދެއްކީމާ ރުޅިގަދަވަނީ ވެރިންނަށް ހެޔޮ ނޭދޭތީ!
ޢުމަރުގެފާނަށް ޚަލީފާކަން ލިބިވަޑައިގަތުމުން ގާތް ބޭކަލަކު ވަޑައިގެން ވިދާޅުވީ އަޅުގަނޑު އެދޭފަދަ ޚަލީފާއެއް އަދި ކިރިޔާ މިލުބުނީ ކަމަށެވެ. އަޑުއައްސަވާފައި އެބޭކަލެއްގެ ތުބުޅިފުޅުގައި ހިއްޕަވައި ކުއްލިއެއް ޖެއްސެވުމުން އެމީހާ އޮތީ ބިންމައްޗަށް ވެއްޓިފައެވެ.

އޭނާގެ ވާހަކައަށް ޢުމަރުގެފާނު ދެއްވި ޖަވާބަކީ "ތިބާ ތިމަން ކަލޭގެފާނަށް ހެޔޮ އެދޭނަމަ ޚުޝާމަދުކޮށް މަގު ފުރައްދަންވީއެއް ނޫނެވެ. އަހަރެންގެކިބައި ހުރި އުނިސިފަތައް ދައްކައި އިސްލާޙްކުރަން އެހީތެރިވެދޭންވީއެވެ."

މިކަމުން އެނގެނީ ކޮންމެ ވެރިއެއްގެ ކިބައިގައިވެސް އުނި ސިފަތަކެއް ހުންނާނެ ކަމެވެ. ރައްޔިތުންނަށް އޮތީ އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އިސްލާޙްކުރަން މަސައްކަތްކުރުން ކަމެވެ.

ކަން މިހެން އޮތް ނަމަވެސް މިއަދު މިފެންނަނީ އެފަދަ މަންޒަރުތަކެއް ނޫނެވެ. ވަރަށް އާދައިގެ ދެ މިސާލެއް ފާހަގަކޮށްލާނަމެވެ.
ގޭގެއިން މަގުމައްޗަށް އޯމޯފެން އަޅާތީ އެކަން ހައުސިންގ މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން ބައަކު ރުޅިއައެވެ. އަދި އެފެން އަޅަނީ ޑރ. މުއިއްޒުގެ ގެއިންތޯ ސުވާލުވެސް ކުރިއެވެ.

އެސުވާލުތައް ކުރި މީހުންނަށް މާލޭގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ހައުސިންގ މިނިސްޓްރީ ކަމެއް ނުއެނގެއެވެ. އަދި މިނިސްޓަރުން ލާފައި ބޮޑު މުސާރަ އާއި އިނާޔަތް ދީފައި ތިބެނީ އެމީހުންގެ ގޭގޭގައި ކުރާ ކަންކަން ބަލަން ނޫން ކަމެއްވެސް ނުއެނގެއެވެ.

ނަމާދު ވަގުތުތަކުގައި ވުޟޫކުރާނެ ފެން އިސްކުރުތަކުން ލިބުމުގައި މައްސަލަ ހުރިކަން ފާހަގަކުރީމާ ވެސް އެކަންވީ ގޯހަކަށެވެ. މިކަންކަމުގެ ވާހަކަތައް ދެއްކުމުން އެންމެ ބޮޑަށް ރުޅިގަދަވަނީ ސަރުކާރުގެ ސަޕޯޓަރުންނެވެ. އުފެދޭ ސުވާލަކީ އެއީ ހަމަ ސަޕޯޓަރުންބާވައެވެ! ޢުމަރުގެފާނުގެ ބަސްފުޅު ދުވަހަކު އެމީހުން އަޑުއެހިބާވައެވެ.

އުމަރުގެފާނުގެ ބަސްފުޅު އަޑު ނުއަހާތަނުގައި ރައީސް ޔާމީނުގެ ވާހަކަފުޅު އަޑުއަހާ ބާވައެވެ. ރައީސް ޔާމީން އަބަދުވެސް އެދިވަޑައިގަންނަވަމުން ގެންދަވަނީ ސަރުކާރުގެ ކަންކަމަށް ފާޑުކިޔުމަށެވެ. އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްދިނުމަށެވެ. ހަމައެކަނި މަނާކުރައްވަނީ އަބުރު ކަތިލުމެވެ.

މިފަދަ ކަންކަމުގައި ފާޑުކިޔާ މީހުން އެންމެ ރުޅިގަދަވަނީ ރައީސް ޔާމީނާއި އެއްވެސް ކަމެއް ގުޅުވައިފިނަމައެވެ. ދައުލަތް ހިންގުން މިވަނީ 3 ބައަށް ބަހައިފައެވެ. ފަނޑިޔާރުގެތަކުންނާއި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ފިޔަވައި ހުރިހާ ކަމެއް ގޮސް ހުއްޓެނީ ސަރުކާރަށެވެ.

ސަރުކާރުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންއެވެ. އެހެންކަމުން ރައްޔިތުން މައްސަލަތައް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެކަމެއް ނުވެ އޮތީ މިނިސްޓްރީއެއްގެ އިހްމާލުން ކަމަށްވާނަމަ މިނިސްޓަރު ޒިންމާދާރު ކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެކެވެ.

އެއްވެސް މިނިސްޓަރަކީ ރައްޔިތުންނާއި އެއްވެސް ގުޅުމެއް އޮވެގެން އައްޔަނުކުރެވޭ މިނިސްޓަރެއް ނޫނެވެ. މިނިސްޓަރުން ޢައްޔަނުކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެހެންކަމުން މިނިސްޓަރުން ކުރާ މަސައްކަތް ބެލެހެއްޓެވުމާއި ޒިންމާދާރުކުރުވުމަކީ ވެސް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެކެވެ. މަސްއޫލިއްޔަތު އަދާ ނުކުރެއްވޭ މިނިސްޓަރުން ވަކިކުރައްވައި ބަދަލުކުރައްވަނީ މި ސަބަބަށްޓަކައެވެ.

މިއީ ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމުގައި މިކަންކަން އޮތް ގޮތެވެ. މިކަންކަން މިނޫން ގޮތަކަށް ބަދަލުކުރެވޭނީ ޤާނޫނުއަސާސީއަށް ބަދަލުގެނެސްގެންނެވެ.
މިއަދު އޮންލައިން