ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ބޮލުގައި ހުރިހާކަމެއް އަޅުވައިގެން ސަލާމަތްވެވިދާނެކަމަށް ހީކުރަނީތޯ އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ސުވާލުކުރައްވައިފިއެވެ.
އެކަމަނާ މި ސުވާލު ކުރެއްވީ ވިލާ ގުރޫޕާއިއެކު ވެފައިވާ އެއްބަސްވުންތަކަކީ އެޓާނީ ޖެނެރަލްގެ ލަފާ ނުހޯދާ ކުރީގެ ނާއިބް ރައީސް އަދީބު ވެފައިވާ އެއްބަސްވުންތަކެއްކަމަށް މިއަދު ދައުލަތުން ސުޕްރީމް ކޯޓުގައި ބުނުމާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓުގައި ދައުލަތުން މިހެން ބުނެފައިވަނީ ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ވިލާ ޝިޕިން އާއި ވިލާ ހޮޓެލްްސް އާއި މާނެންފުށި ޕްރައިވެޓް ލިމިޓެޑާއި ގަޒީރާ ޕްރައިވެޓް ލިމިޑެޓުން ދައުލަތާ ދެކޮޅަށް ދައުވާކުރާ މައްސަލައާއި ގުޅިގެންނެވެ.
ދައުލަތުގެ މި ބުނުމާއި ގުޅިގެން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ހުރިހާކަމެއް އަދީބުގެ ބޮލަށް ޖަހައިގެން ސަލާމަތްވެވޭނެކަމަށް ހީކުރަނީތޯ ސުވާލު ކުރައްވާފައެވެ. ނަޝްވާ ވަނީ އެކަން އެގޮތަށް ނުވާނެކަމަށާ ހުރިހާކަމެއް އަދީބުގެ ބޮލަށް ޖަހައިގެން ސަލާމަތް ނުވެވޭނެކަމަށް ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓްގައި މިއަދު އޮތް އަޑުއެހުމުގައި ބަންޑާރަ ނާއިބްގެ އޮފީހުގެ ވަކީލުން ވިދާޅުވީ ވިލާ ގުރޫޕާއިއެކު ވެފައިވާ އެއްބަސްވުންތަކަކީ އެޓާނީ ޖެނެރަލްގެ ލަފާ ނުހޯދާ ކުރީގެ ނާއިބް ރައީސް އަދީބު ވެފައިވާ އެއްބަސްވުންތަކެއްކަމަށާ އެއީ ގާސިމް އިބްރާހިމް އަދީބާއި ދެ ބޭފުޅުން ވެފައިވާ އެއްބަސްވުންތަކެއްކަމަށެވެ.
މި ސަރުކާރުން ހިންގާފައިވާ ގާނޫނާއި ޚިލާފު ކަންކަން ފަޅާއަރަން ފެށުމުން މީގެ ކުރިންވެސް ސަރުކާރުގެ އިސްވެރިންނާއި، ޕީޕީއެމްގެ އިސް ބޭފުޅުން އެކަންކަން އަޅުވަމުން ދަނީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ އިސްތަށިފުޅުގައެވެ.
މިވަގުތު 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަހުމަދު އަދީބު ގެންދަވަނީ ސަރުކާރުން ހިންގާފައިވާ ޖަރީމާތަކުގެ ވާހަކަތައް ކޯޓްތަކުގައި ވިދާޅުވެދެއްވަން ތައްޔާރަށް ހުންނެވިކަމަށާ އެފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ. މީގެ ކުރިން ގާނޫނީ ވަކީލުން މެދުވެރިކޮށް ނެރެފައިވާ ނޫސްބަޔާންތަކުގައިވެސް އަދީބު ވަނީ ބައެއް ކަންކަމުގެ ހަގީގަތް ހާމަކޮށްދެއްވާފައެވެ.
މި ސަރުކާރުން އަދީބާއި ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންކަން ކުރަމުންދާކަމަށް އާއިލާއިން ބުނަމުންގެންދާއިރު، ދާދިފަހުން އަދީބު ވަނީ 33 އަހަރު ޖަލުގައި އޮންނަވަން ޖެހިވަޑައިނުގަންނަވާނެކަމަށާ ވަރަށް އަވަހަށް މިނިވަންވެ، ރަހުމަތްތެރިންނާއި ބައްދަލުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ޚަބަރު- ވީނިޔުސް