އަދީބު ލައްވައި އެހެން މީހުންގެ ޖާޑިތައް ފުރުން ހުއްޓުން - އަދީބަށް މާތް ﷲ ލެއްވެވި އެންމެ ބޮޑު ނިއުމަތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
އަދީބު ލައްވައި އެހެން މީހުންގެ ޖާޑިތައް ފުރުން ހުއްޓުން - އަދީބަށް މާތް ﷲ ލެއްވެވި އެންމެ ބޮޑު ނިއުމަތް!
ހަނދާނަށް އަންނަނީ ޝަައިޚް އިމްރާން އަބަދުހެން ވިދާޅުވަމުން ގެންދެވި ވާހަކައެކެވެ. ރަސްކަލެއްގެ އިނގިލިފުޅު ބުރިވުމުން އެއީ ވެސް މާތް ﷲ ގެ ރަޙްމަތްފުޅުކަމަށް ވަޒީރަކު ވިދާޅުވުމުން ވަޒީރު ޖަލުގައި ބަންދުކުރި ވާހަކައެވެ. އަދި ފަހުން ވަޒީރު ދެންނެވީ ތެދެއްކަން ސާބިތުވެ ވަޒީރަށް ހައްޤު މަޤާމް ލިބުނު ވާހަކައެވެ. އަދި އެ އިނގިލިފުޅު ބުރިވުން ވެގެންދިއައީ ރަސްގެފާނުގެ ފުރާނަފުޅު ސަލާމަތްވުމަށް މެދުވެރިވި ސަބަބު ކަމުގެ ވާހަކައެވެ.

އަޙްމަދު އަދީބުގެ މައްސަލަވެސް މި ވިސްނުމުގައި ބަލައިފިނަމަ ވެފައިިވަނީ އިނގިލިފުޅު ބުރިވުމުން ރަސްގެފާނުގެ ފުރާނަފުޅު ސަލާމަތްވުމަށްވުރެ ބޮޑު ރަޙްމަތަކަށް ކަމުގައި ބެލެވިދާނެއެވެ.

އަޙްމަދު އަދީބް ވެގެންދިއައީ ރާއްޖޭގެ އެންމެ ޒުވާން އެއް ވަޒީރަށެވެ. ވަޒީރުކަން ލިބިވަޑައިގެންނެވި ދުވަހުން ފެށިގެން މައްސަލަތައް ފެންމަތިވުމާއި ހަމައަށް ބަލައިފިނަމަ، އެ މުއްދަތުގައި އަދީބުގެ އިސްތަށިފުޅުގައި އެޅުވިފައިވާ ފައިސާގެ އަދަދުވެގެންދާނީ ރާއްޖޭގެ ތާރީޚުގައި ރެކޯޑް އަދަދަކަށެވެ.

އެފައިސާތަކުން އަދީބުގެ ޖާޑިއަށް އެޅުނީ ކިހައިވަރެއް ކަމެއް އެހެން މީހުންގެ ޖާޑިތަކަށް އެޅުނީ ކިހައި އަދަދެއްކަމެއް އަދި އެނގިފައެއް ނުވެއެވެ. އެކަމުގެ ވާހަކަ ދެއްކުމުގެ ފުރުޞަތުވެސް އަދީބަށް ދީފައެއް ނުވެއެވެ. އެހެންކަމުން މިކަންތައްތައް ވަނީ ވަރަށް ބޮޑު އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައެވެ.

އަދީބު ނެންގެވި ކަމަށް ބެލެވޭ ފައިސާތަކުން އިތުރު ޖާޑިތަކަކަށް ފައިސާ އެޅުނުކަން ޔަޤީން ކުރެވުނީ ރައީސް ޢަބްދުﷲ ޔާމީންގެ ވާހަކަފުޅުތަކުންނެވެ. އެއީ އަދީބު ނެންގެވި ފައިސާތަކުން އެމަނިކުފާނުގެ ޖާޑިކޮޅުތަކަށް ފައިސާތަކެއް އެޅުނުކަމަށް ތަކުރާރުކޮށް ވިދާޅުވުމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އަދީބު މެދުވެރިވެގެން އެމަނިކުފާނުގެ ޖާޑިކޮޅަށް އެޅުނު ފައިސާތަކުގައި އެމަނިކުފާނުގެ އަމިއްލަފުޅު ފައިސާ ހިމެނެނީ ކިހައިވަރަކަށްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެހެންކަމުން އެއިގައި ޙަރާން" ފައިސާ ހިމެނޭކަން އެފައިސާތައް ޖާޑިކޮޅަށް އެޅެމުން ދިއައިރުވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަން ހާމަވެއެވެ. އެކަމަށް ރައީސް ޔާމީން އިންކާރެއް ވެސް ނުކުރައްވައެވެ. ހަލާލު ނޫން ފައިސާ ދޫވެއްސަށް ވެއްދިކަމާއި އެއިން ތަފާތު ކަންކަމަށް ޚަރަދުކުރެވިފައިވާކަމަށް ރައީސް ޔާމީން ވަނީ އިއުތިރާފްވެވަޑައިގެންފައެވެ.

ދެން އޮތީ ޖަލަށް ލެވުމުން އަދީބަށް ކުރީ ކޮން ފައިދާއެއް ކަމެވެ. އަދީބަށް ކުރި ފައިދާ ކިތަންމެހައިވެސް ބޮޑެވެ. އަދީބު މެދުވެރިކޮށް އެތައް ބައެއްގެ ޖާޑިތައް ފުރަމުން ގެންދިއަ ގެންދިއުން ހުއްޓުމަކަށް އައިސްފައިވާތީއެވެ. އަދީބުގެ ބޮލުގައި އެޅެމުންދިއަ ވައްކަމުގެ ބޮޑު ފާފަ ހުއްޓުމަކަށް އައީ އަދީބު ޖަލުގައި ބަންދުކުރުމުން ކަމަށްވާއިރު އެއީ ކޮންފަދަ މަތިވެރި ނިއުމަތެއްތޯއެވެ؟

އަދީބު ލައްވައި ވައްކަންކަން ކުރުވަމުން ގެންދިއަ ގެންދިއުން ހުއްޓުމަކަށް އައިކަން އެއީ މާތް ﷲ އަދީބަށް މިންވަރުކުރެއްވެވި ވަރަށް މަތިވެރި ނިއުމަތެކެވެ. އާޚިރަތް ދުވަހު އިންތިހާއަށް ފައިދާކުރާނެ މަތިވެރި ނިއުމަތެކެވެ.

މިކަންކަމަށް ރަނގަޅަށް ވިސްނައިފިނަމަ އަދީބުގެ ކިބައިން ޤައުމަށް ފައިދާހުރި ކަންތައްތަކެއް މުސްތަޤްބަލުގައި ފެނިގެން ހިނގައިދާނެ ކަމަށް ޤަބޫލުކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް އެބައޮތެވެ. ކުށްތައް ކުރާ މީހުންގެ ތެރެއިން ތައުބާވުމުގެ ފުރުޞަތު ލިބެނީ ވަރަށް މަދު މީހަކަށެވެ. އެފުރުޞަތު މާތް ﷲ ދެއްވަވައިފި މީހަކަށެވެ. އަދީބަށް އެފުރުޞަތު ލިބިފައިވުމުން އަދީބަކީ އެފުރުޞަތު މާތް ﷲ ދެއްވަވާފައިވާ މީހެއްކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ.

މާތް ﷲ އަދީބަށް މިހާލަތު މެދުވެރިނުކުރެއްވެވިނަމަ، ޖަލުގައި އަދީބު ބަންދު ނުކުރެއްވެވިނަމަ އެހެން މީހުންގެ ޖާޑިތަކަށް ފައިސާ އަޅައި ފުރުމުގެ ސަބަބުން އަދީބުގެ ބޮލުގައި މިހައިތަނަށް އެޅޭނީ އިތުރު ކިތައް ބިލިއަން ރުފިޔާކަން އެއީ ހިސާބުޖަހައިގެންވެސް ހޯދެން އޮތް އަދަދެއް ނޫނެވެ.

މިހުރިހާ ކަންކަމުގެ ވާހަކަތައް ކިޔައިދޭން ތައްޔާރަށް ހުރިކަން ތަކުރާރުކޮށް އަދީބު ވަނީ ހާމަކޮށްފައެވެ. ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކަށް އެކަން ވަނީ އަންގައިފައެވެ. ނަމަވެސް އެންމެ ކުޑަމިނުން އެ އަޑު އަހައިލުމުގެ ޤާބިލުކަންވެސް މުއައްސަސާތަކުގައި ނެތުމަކީ މިކަންކަމުގެ ހަޤީޤަތް އޮތްގޮތް އިތުރަށް ހާމަވެގެންދާ ސަބަބެކެވެ.

އަދީބު ޖަލުގައި ބަންދުކޮށް އޭނާގެ ހައްޤުތަކަށް އަރައިގެންފައިވާކަމަށް ޢާއިލާއިން އެގެންދަނީ ބުނަމުންނެވެ. އާއިލާއިން އެގެންދަނީ އިންތިހާއަށް ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
މިއަދު އޮންލައިން