ލާދީނީ ކަންކަން ހުރުމުން އީޔޫގެ ޤަރާރަށް އަމަލުކޮށްގެން ނުވާނެއިރު ކީރިތި ޤްރްއާނަށް އަމަލު ނުކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ލާދީނީ ކަންކަން ހުރުމުން އީޔޫގެ ޤަރާރަށް އަމަލުކޮށްގެން ނުވާނެއިރު ކީރިތި ޤްރްއާނަށް އަމަލު ނުކުރަނީ ކީއްވެ؟
އީޔޫގެ ޕާލަމެންޓުން އެންމެ ފަހުން ރާއްޖެއާއިމެދު ފާސްކުރި ޤަރާރަށް އަމަލުކުރެވެން ނެތީ އެ ޤަރާރުގައި އިސްލާމް ދީނާއި ޚިލާފް ކަންތައްތަކެއް ހުރުމުން ކަމަށް ބުނާއަޑުން ރާއްޖެ މިވަނީ ގުގުމާލައިފައެވެ.

ހަމަ ހަޤީޤަތުގައިވެސް އެއަޑު ވަރަށް ގަދަވާންވެސް ޖެހޭނެއެވެ. އިސްލާމް ދީނާއި ޚިލާފް އެއްވެސް ކަމަކަށް ރާއްޖެއިން އަމަލުކޮށްގެން ނުވާނެއެވެ. އެއީ ދިވެހި ރައްޔިތުން އެކަން ނިންމާފައިވާ ގޮތެވެ. ދިވެހި ރައްޔިތުން ތިބީ ިސްލާމް ދީނާއި ޚިލާފް ކަންކަމަށް ފުރުޞަތުދޭ ގޮތަކަށް ނޫނެވެ.

ކަން މިހެން އޮތް އިރު އުފެދޭ ސުވާލަކީ ރާއްޖެއިން ކީރިތި ޤްރްއާނަށް އަމަލު ނުކުރަނީ ކީއްވެގެން ހެއްޔެވެ؟

ރާއްޖެއިން ކީރިތި ޤްރްއާން ވެސް ހަދާފައިވަނީ އދ ގެ ޤަރާރަކަށެވެ. އދގެ ޤަރާރެއްގައި ސޮއިކުރުމަށްފަހުވެސް އަމަލުކުރާނީ ރާއްޖެއަށް ފެންނަ ރާއްޖެއިން ޤަބޫލުކުރާ ކަންކަމަށެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމަށް ބުނުމަށްފަހުވެސް އަދިއެކަން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަށާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާއިރުވެސް ކީރިތި ޤްރްއާނުން ވެސް އަމަލުކުރަނީ ރާއްޖެއިން އަމަލުކުރަން ފެންނަ ކަންކަމަށެވެ.

މިހާރު އެންމެ ހޫނުވެގެން މިއުޅޭ އެއް މައްސަލައަކީ މަރަށް މަރުހިފުމުގެ މައްސަލައެވެ. ކީރިތި ޤްރްއާނުގައި މާތްﷲ ބާވައިލެއްވެވި ހަމައެކަނި ޙުކުމްފުޅަކީ މަރަށް މަރު ހިފުން ހެއްޔެވެ؟ ވައްކަމާއި ޒިނޭ އާއި އެނޫންވެސް ޙައްދުތަކުގެ ވާހަކަ ހަމަ ކީރިތި ޤްރްއާނާއި އިސްލާމީ ޝަރީއަތުގައި ނެތީ ހެއްޔެވެ؟

މީސްތަކުންނާއިމެދު ހަމަހަމަކަމާއިއެކު އަދުލު އިންސާފު ޤާއިމުކުރަންޖެހޭނެ ކަމާއި އެކަމުގައި އެއްވެސް މީހަކު އިސްތިސްނާކޮށް ތަފާތުކޮށްގެން ނުވާނެ ކަމަށް ކީރިތި ޤްރްއާނުގައި ނެތީހެއްޔެވެ؟ ޙުކުމް ކުރަންޖެހޭނީ ދައުވާ ލިބޭ މީހާގެ އަޑުތައް ފުރިހަމައަށް އަހައި އަދި ހެކި ހުށަހަޅަން ފުރުޞަތު ދިނުމަށްފަހުގައި ކަމަށް އިސްލާމީ ޝަރީއަތުގައި ނެތީހެއްޔެވެ؟ މީހެއްގެ މައްޗަށް ޙުކުމެއްކޮށް އަދަބުދޭންޖެހޭނީ އެއްވެސް ޝައްކެއް ނެތްވަރަށް ސާބިތުކުރުމަށްފަހުގައި ކަމަށް އިސްލާމީ ޝަރީއަތުގައި ނެތީހެއްޔެވެ؟

އެހެން ޕާޓީތަކުން ޕީޕީއެމަށް މަޖިލިސް މެންބަރުން ދިއުމުން އެކަން ހުއްދަވެފައި ޕީޕީއެމްގެ މެންބަރަކު ޕީޕީއެމްގެ ފިކުރާ ދެކޮޅުވެއްޖެނަމަ މެންބަރުކަން ގެއްލުވާލަން ކީރިތި ޤްރްއާނުގައި އޮތީ ހެއްޔެވެ؟

ސަރުކާރުން އަމިއްލަ ކުންފުންޏަކަށް އެއްޗެއް ދޭންޖެހުމުން އެކަމުން ސަލާމަތްވާން ސަރުކާރުން އަމިއްލައަށް އިސްނަގައިގެން ހަދާ އެއްބަސްވުންތައް މުއްދަތު ހަމަނުވަނީސް ބާޠިލުކޮށްލައި އަދި އެކުންފުންޏެއް ބަނގުރޫޓުކޮށްލަން ކީރިތި ޤްރްއާނުގައި އޮތީހެއްޔެވެ؟

އަދި މިހައިތަނަށް ޞައްޙަކަން ސާބިތުކޮށްދެވިފައިވާ އިންޓެލިޖެންސް ރިޕޯޓެއް އުފަންވެފައި ނުވާއިރު އިންޓެލިޖެންސް ރިޕޯޓްކިޔާ އެއްޗެއްގެ މައްޗަށް މީހުން ހިފައި ހައްޔަރުކޮށް ބަންދުގައި ބައިތިއްބަން ކީރިތި ޤްރްއާން ހުއްދަ ދެނީ ހެއްޔެވެ؟

އިސްލާމް ދީނުގައި މާތް ﷲ ބާވައިލައްވަވާފައިވާ ޙުކުމްފުޅުތައް އެހެން ގޮތްގޮތަށް ބަދަލުކޮށްގެން ވާހަކަ ދެއްކުން ކީރިތި ޤްރްއާން ހުއްދަ ކުރަނީ ހެއްޔެވެ؟ "ޝައްކެއް ނެތް އަހަރެންގެ ގެއަށް ވަނީ ޙަލާލު ފައިސާއެއް ނޫން" ކަމަށް ބުނެ އަމިއްލައަށް އިއުތިރާފްވީމާ އެ މައްސަލަ ނުބަލަން ކީރިތި ޤްރްއާނުގައި އޮތީހެއްޔެވެ؟

ގުނާ އަދަދު ނުކުރެވޭ ވަރަށް މިފަދަ ކަންކަމުގެ ވާހަކަތައް ލިޔެވިދާނެއެވެ. ސުވާލަކީ ހަމަ އެއް ސުވާލެކެވެ. ކީރިތި ޤްރްއާނަށް ރާއްޖޭގައި އަމަލު ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ތިއަ ގޮތަށްބުނެ ރައްޔިތުންގެ ބޮލަށް ވައްދަން މަސައްކަތްކުރަނީ އިސްލާމީ ޝަރީއަތުގައިވެސް އިސްލާމް ދީނާއި ޚިލާފް ކަންތައްތަކެއް ހުރިކަން ކަމަށް ހެއްޔެވެ؟ ސުބްޙާނަﷲ! އަޢޫޛްބިﷲ!
މިއަދު އޮންލައިން