ތެލުގެ ބާވަތްތައް ސަޕަލައިކުރުމަށް 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި އެސްޓީއޯ އާއިއެކު އެމްއޭސީއެލް އިން ސޮއިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ތެލުގެ ބާވަތްތައް ސަޕަލައިކުރުމަށް 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި އެސްޓީއޯ އާއިއެކު އެމްއޭސީއެލް އިން ސޮއިކޮށްފި
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ތެލުގެ ބާވަތްތައް ސަޕަލައިކުރުމަށް 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި އެސްޓީއޯ އާއިއެކު އެމްއޭސީއެލް އިން ސޮއިކޮށްފި އެވެ. މިއީ މިހައި ތަނަށް ރާއްޖޭގައި ސޮއިކުރި މިފަދަ އެންމެ އަގުބޮޑު އެއްބަސްވުމެވެ.



އެސްޓީއޯ މައި އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަޙްމަދު ޝަހީރުއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ޢާދިލް މޫސާއެވެ. ފާއިތުވި 6 އަހަރުވެސް ތެލުގެ ބާވަތްތައް ސަޕްލައިކުރި އެސްޓީއޯ އާއިއެކު މިއަދު ސޮއިކުރި މި އެއްބަސްވުމަކީ 2 އަހަރު ދުވަހަށް އައުކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެދަށުން އެސްޓީއޯ އިން ސަޕްލައި ކުރާނީ ޖެޓްފިޔުލް އާއި ޑީސަލް އެވެ.

ޝަހީރު ވިދާޅުވީ ފާއިތުވި 6 އަހަރުވެސް އެސްޓީއޯ އިން ސަޕްލައި ކޮށްފައިވާނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފެންވަރުގެ ތެޔޮ ކަމަށާއި ސަޕްލައިކުރަން އެމްއޭސީއެލް އިން ބޭނުންވާ ތާރީޚްތަކުގައި ބޭނުންވާ އަދަދަށް ސަޕްލައިކޮށްފައިވާނެ ކަމަށެވެ. އަދި އެސްޓީއޯ އަކީ ތެޔޮ އެތެރެކޮށް ސަޕްލައި ކުރުމުގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުންފުނި ކަމަށާއި އެންމެ ޤާބިލު ޓީމް އޮތީ އެސްޓީއޯގައި ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް އެންމެ ފުރިހަމައަށް ޚިދުމަތްދެމުން ގެންދެވޭނެ ކަމުގެ ޔަޤީންކަން އެސްޓީއޯއަށް އެބައޮތް ކަމަށެވެ.



ޝަހީރު ވިދާޅުވީ މިފަހަރުގެ އެއްބަސްވުމުގައިވެސް އެސްޓީއޯ އިން އެމްއޭސީއެލްއަށް ދީފައިވާނީ ދުނިޔޭގެ ބާޒާރަށް ބަލައި ދެވެން އޮތް އެންމެ ހެޔޮ އަގު ކަމަށެވެ. އަދި އެއްބަސްވުން އެކުލަވާލާފައިވާނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތައް އަގަށް ގެނެސް އެންމެ ހެޔޮއަގުގައި ތެލުގެ ބާވަތްތައް ސަޕްލައި ކުރެވޭނެ ގޮތަށް ކަމަށެވެ.

ޝަހީރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތެލުގެ ބާވަތްތައް ވީހައި ހެޔޮ އަގުގައި އެތެރެކުރުމަށްޓަކައި 25،000 ޓަނުގެ ޓޭންކަރެއް އެސްޓީއޯ އިން ގެނެސް އަދި އެ ޓޭންކަރު އެސްޓީއޯގެ ތެޔޮ ރައްކާކުރާ ފުނަދޫ އަށާއި ހުޅުލެއަށް ކައިރިކުރެވޭނެ ގޮތަށް މިހާރު ހަދާފައިވާނެ ކަމަށެވެ. އަދި އެމްއޭސީއެލްއަށްވެސް މިހައި ހެޔޮ އަގެއްގައި ތެލުގެ ބާވަތްތައް ސަޕްލައި ކުރެވެނީ މި އިންތިޒާމުތައް މިހާރު ހަމަޖައްސިފައިވާތީ ކަމަށެވެ.



މިއަދުގެ ރަސްމިއްޔާތުގައި ޢާދިލް މޫސާ ވިދާޅުވީ ކުރިން ކޮންމެ އަހަރަކުން އައުކުރަމުން އައި އެއްބަސްވުން މިފަހަރު 2 އަހަރު ދުވަހަށް އައުކުރީ މާޒީއަށް ބަލައި އެސްޓީއޯ އިން ދީފައިވާ ޚިދުމަތުގެ ފެންވަރު ރަނގަޅުކަމުން ކަމަށެވެ. "އެސްޓީއޯއަށް ބޮޑު ޓޭންކަރެއް ގެނައިމަ އެކަމުގެ ފައިދާވެސް އެމްއޭސީއެލް އާ ހިއްސާކޮށްފި. ތެލުގެ ބާވަތްތަކުގެ އަގު އެވަނީ ހެޔޮކޮށްދީފަ."

ޢާދިލް ވިދާޅުވީ މަތިންދާ ބޯޓަށް އަޅާ ތެލަކީ ޚާއްޞަ ބައިނަލްއަޤްވާމީ މިންގަނޑުތަކަކަށް ހުންނަން ޖެހޭ އެއްޗެއް ކަމަށާއި ފްލައިޓްތަކަށް ތެޔޮއަޅާއިރު ފްލައިޓްތަކުން އެކަން ކަށަވަރު ކުރާ ކަމަށެވެ. "ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ހުރިހާ ކަމެއްވެސް ބަހައްޓަންޖެހެނީ. އެހެންނޫނީ ތެލެއް ނާޅާނެ." ކަމަށާއި ކުރިން ކޮންމެ އަހަރަކުން އައުކުރަމުން އައި އެއްބަސްވުން މިފަހަރު 2 އަހަރަށް އައުކުރީ މިފަދަ ހުރިހާ ކަންކަމަށް ބެލުމަށްފަހުގައި ކަމަށެވެ.
މިއަދު އޮންލައިން