ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ލުއި އެކްސްޕްރެސް ނުވަތަ ލުއި ޕްރޮފެޝަނަލް ލޯނެއް ނަގައިގެން، އެ ލޯނަށް ދައްކަންޖެހޭ އަދަދު އަނބުރާ ލިބޭ ގޮތަށް ބީއެމްއެލްއިން ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަނަކީ މި އޭޕްރީލް މަހަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއްކަމަށެވެ. އެންމެ ފަސް ދުވަހުގެ ތެރޭގައި ލޯން ޕްރޮސެސްކުރާނެކަމަށާއި ލޯން ނަގަން ބޭނުންވާ ފަރާތްތަކުން ކޮންމެ ބޭނުމެއްގައި ވެސް ލޯން ނެގުމުގެ ފުރުސަތު އެބައޮތްކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި، ލޯން ނެގޭނީ މިދިޔަ 12 މަސް ދުވަހު ވަޒީފާއެއްގައި އުޅެމުން މުސާރަ ލިބޭ ފަރާތްތަކަށެވެ. އަދި މިހާރު ވަޒީފާ އަދާކުރާ ތަނުގައި މަދުވެގެން 6 މަސް ދުވަހު މަސައްކަތްކޮށްފައިވާ މީހުންނަށެވެ.
މި އޭޕްރީލް މަހުގެ ތެރޭގައި ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް، ލޯނުގެ އަގު ދެއްކުމަށްޓަކައި، އެ ފަރާތަކުން ނެގި ލޯނުގެ ފައިސާ އަނބުރާ ލިބޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ލުއި އެކްސްޕްރެސް ލޯނަކީ 50،000 ރުފިޔާއާ ހަމައަށް ފައިސާ ނެގޭ ލޯން ސްކީމެެކެވެ. އެ ލޯނުގެ އިންޓެރެސްޓް ރޭޓަކީ 18 ޕަސެންޓެވެ. ރަހުނެއް ބަހައްޓާނަމަ، އިންޓެރެސްޓް ރޭޓަކީ 11.75 ޕަސެންޓެވެ. އެ ލޯނު އަނބުރާ ދެއްކުމަށް ހަތަރު އަހަރު ދުވަހުގެ މުއްދަތެއް ލިބެއެވެ.
ބީއެމްއެލްގެ ލުއި ޕްރޮފެޝަނަލް ލޯނަކީ 50،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ނެގޭ ލޯން ސްކީމެެކެވެ. އެ ލޯނުގެ އިންޓެރެސްޓް ރޭޓަކީ 15 ޕަސެންޓެވެ. އަދި ރަހުނެއް ބަހައްޓާނަަމަ އިންޓެރެސްޓް ރޭޓަކީ 11.75 ޕަސެންޓެވެ. އެ ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރު ދުވަހުގެ މުއްދަތެއް ލިބެއެވެ.