ޢާއިލީ ޑޮކްޓަރުގެ ޚިދުމަތް "އޭޑީކޭ އެޓް ހޯމް"ގެ ނަމުގަ އޭޑީކޭ ހޮސްޕިޓަލުން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޢާއިލީ ޑޮކްޓަރުގެ ޚިދުމަތް "އޭޑީކޭ އެޓް ހޯމް"ގެ ނަމުގަ އޭޑީކޭ ހޮސްޕިޓަލުން ފަށައިފި
"އޭޑީކޭ އެޓް ހޯމް"ގެ ނަމުގައި އޭޑީކޭ ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ގޭގޭގައި ތިބޭ އުމުރުން ދުވަސްވީ ބަލިމީހުންނަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.

"ޢާއިލީ ޑޮކްޓަރުގެ" މި ޚިދުމަތް ތަޢާރަފްކޮށްފައިވަނީ 3 ޕެކޭޖެއްގެ ގޮތުގައެވެ. މިޚިދުމަތް ތަޢާރަފްކޮށްފައިވަނީ "ގްރީން، ޔެލޯ، ރެޑް" ޕެކޭޖްގެ ގޮތުގައެވެ. މިޕެކޭޖްތަކުގައި ޚިދުމަތްތައް ހިމަނާފައިވަނީ އެމީހަކަށް ބޭނުންވާ ޚިދުމަތަށާއި ޚިދުމަތް ބޭނުންވާ އަދަދަށް ބަލައިގެންނެވެ.

އޭޑީކޭ ހޮސްޕިޓަލުގެ އެމްޑީ އަޙްމަދު އަފްޢާލް ވިދާޅުވީ ގްރީން އަކީ އެންމެ ކުޑަ ޕެކޭޖު ކަމަށާއި މި ޕެކޭޖްގައިވެސް މަހަކު އެއްފަހަރު ގޭގެއަށް ގޮސް ބަލިމީހާގެ ހާލު ބަލައި ބޭނުންވާ ފަރުވާ ދޭނެ ކަމަށެވެ. ޔެލޯއަކީ ދެވަނަ ކެޓަގަރީ ކަމަށެވެ. ރެޑް އަކީ އެންމެ ގިނަ ޚިދުމަތަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ޕެކޭޖް ކަމަށެވެ.

އަފްޢާލް ވިދާޅުވީ މި ޚިދުމަތްތައް މިގޮތަށް ތަޢާރަފްކުރީ ފެމިލީ ޚިދުމަތްދޭ ޑޮކްޓަރެއްގެ ބެލުމުގެދަށުން ގޭގެއަށް ޓީމް ގޮސް ކަންތައްތައް ބަލައި ތަޖުރިބާކުރުމަށްފަހުގައި ކަމަށެވެ.

އަފްޢާލް ވިދާޅުވީ މި ޕެކޭޖް ނެގުމުން ހޮސްޕިޓަލުގައި އެޑްމިޓްވެގެން އޮންނަ ބަލިމީހަކަށް ޚިދުމަތް ލިބޭ ފަދައިން ގޭގައި އޮވެގެން ނުވަތަ ގޭގައި ހުރެގެން ޚިދުމަތް ލިބެމުންދާނެ ކަމަށެވެ. ސްޕެޝަލިސްޓަކަށް ދައްކަން ޖެހުނު ނަމަވެސް ޓެސްޓެއް ހަދަން ޖެހުނު ނަމަވެސް ޚިދުމަތް ހޯދަން ހޮސްޕިޓަލަށް ދާން ނުޖެހޭނެ ކަމަށެވެ.

އަފްޢާލް ވިދާޅުވީ ޕެކޭޖްތަކުގައި ބައިވެރިވުމަށް ދެ ފީއެއް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ބައިވެރިވާއިރު ދައްކާ ސަބްސްކްރިޕްޝަން ފީ އަކާއި މަހަކު އެއްފަހަރު ދައްކަންޖެހޭ ފީއެކެވެ. އެގޮތުން ގްރީން ކެޓަގަރީގައި ސަބްސްކްރިޕްޝަނަށް ދައްކަން ޖެހެނީ 4،500 ރުފިޔާއެވެ. މަހުފީ އަކީ 900 ރުފިޔާއެވެ. ޔެލޯ ކެޓަގަރީގައި ސަބްސްކްރިޕްޝަނަށް ދައްކަން ޖެހެނީ 4،000 ރުފިޔާއެވެ. މަހުފީ އަކީ 1200 ރުފިޔާއެވެ. ރެޑް ކެޓަގަރީގައި ސަބްސްކްރިޕްޝަނަށް ދައްކަން ޖެހެނީ 3،500 ރުފިޔާއެވެ. މަހުފީ އަކީ 1500 ރުފިޔާއެވެ.

އަފްޢާލް ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވުމުން ޑޮކްޓަރު ނުވަތަ ޚިދުމަތް ހޯދަން އުޅެން ނުޖެހޭނެ ކަމަށާއި ބަލިމީހާގެ ޙާލަތާއި ގުޅޭ ގޮތަށް ޢާއިލާ އާއި މަޝްވަރާކުރެވި ޤަވާއިދުން ޚިދުމަތް ލިބެމުންދާނެ ކަމަށެވެ.

މިއަދު އޮންލައިން