މޯލްޑިވިސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 26 ވަނަ ދުވަހުގައި ބާއްވަން ނިންމައިފިއެވެ.
އެމްޓީސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެ ޖަލްސާ އޮންނާނީ މި އޭޕްރީލް މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:00 ޖަހާއިރު ހޮޓެލް ޖެންގެ ބޯލްރޫމްގައެވެ.
އެމްޓީސީސީއިން ބުނި ގޮތުގައި، އެ ކުންފުނީގެ އަހަރީ ޖަލްސާގައި މި އަހަރު ބައިވެރިވެވޭނީ މި މަހުގެ 18 ވަނަ ދުވުހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންކަމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޖަލްސާއަށް ހާޒިރުވާން ބޭނުންވާ ހިއްސާދާރުން މި މަހުގެ 24 ގެ ކުރިން އަހަރީ އާންމު ޖަލްސާއަށް ރަޖިސްޓްރީކުރުމަށް އެދޭ ފޯމު ފުރާ ހުށަހަޅަންވާނެކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ. އެ ފޯމު ލިބެން ހުންނާނީ އެމްޓީސީސީގެ ރަސްމީ ވެބްސައިޓުންނާއި ކޯޕޮރޭޓް އެފެއާޒު ޑިޕާޓްމަންޓުންނެވެ. އެ ޑިޕާޓްމަންޓް ހުންނަނީ އެމްޓީސީސީގެ މައި އޮފީހުގެ 7 ވަނަ ފަންގިފިލާގައެވެ.
މި ޖަލްސާގައި އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، ޑިރެކްޓަރުން ރިޕޯޓް ހުށަހަޅާ ފާސްކުރުމާއި، އެ ކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ބަހަން ޑިރެކްޓަރުން ހުށަހެޅުމާއި، ކުންފުނީގެ އޮޑިޓަރުން ހޮވާ އެ ބޭފުޅުންގެ އުޖޫރަ ކަނޑައެޅުމާއި، ކުންފުނީގެ އަސާސީ ޤަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމާ ބެހޭ ހާއްސަ ޤަރާރު ފާސްކުރުމާއި، ކުރިއަށް އޮތް އަަހަރަށް ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުން އައްޔަންކުރުން އޮންނާނެއެވެ.
އެމްޓީސީސީއިން ވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ވެސް މިއަދު އާންމުކޮށްފައެވެެ. އަހަރީ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 145 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ސަރުކާރާއި އާންމު ރައްޔިތުން ހިއްސާވާ އެމްޓީސީސީ ކުންފުނި އުފެދުނީ 1980 ވަނަ އަހަރުގައެވެ.