ދަރިން ދެކެ ލޯބިވުމަކީ ކުޅޭ އެއްޗެއްސާ މީރު ކާބޯތަކެތި ގަނެދިނުމެއް ނޫން - އެންމެ ހިނިތުންވުމެއްގެ އަގުވެސް މާބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ދަރިން ދެކެ ލޯބިވުމަކީ ކުޅޭ އެއްޗެއްސާ މީރު ކާބޯތަކެތި ގަނެދިނުމެއް ނޫން - އެންމެ ހިނިތުންވުމެއްގެ އަގުވެސް މާބޮޑު!
ބައެއް މީހުން އެމީހުންގެ ދަރިންނަށް ބައިވަރު ކުޅޭ އެއްޗެއްސާއި މީރު ކާތަކެތި ގަނެދެއެވެ. ނަމަވެސް އަޅައިލުމެއް ހިނިތުންވުމެއް ނުދެއެވެ. އެހެން ކަމަށްވެއްޖެނަމަ އެއީ ރަނގަޅު ގޮތެއް ނޫނެވެ.

ދެވޭ އަގުބޮޑު ހަދިޔާތަކަށްވުރެ އުފާވެރި އެންމެ ހިނިތުންވުމެއްގެ އަގުވެސް މާބޮޑެވެ. ކުދިންނާއިއެކު ވަގުތު ކޮޅެއް ހޭދަކޮށްލައި މަޖާކޮށްލުމުގެ އަގު މާބޮޑެވެ. ކުދިން އެންމެ ބޮޑަށް ބޭނުންވާނީ އުފާވެރި ހިނިތުންވުމާއި އަޅައިލުން ކަމަށްވާތީއެވެ. އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުން ކަމަށްވާތީއެވެ.

ކުޑައިރު ހޯދައިދިން އަގު ބޮޑު ކުޅޭ ތަކެތީގެ މަތިން ބޮޑުވުމުން ހަނދާން ނެތިދާނެއެވެ. ނަމަވެސް ދެވޭ އަޅައިލުމާއި އޯގާތެރިކަމާއި އުފާވެރި ހިނިތުންވުންތައް ދަރިންގެ ސިކުނޑިތަކުގައި ހުންނާނީ ބިންވަޅު ނެގިފައެވެ. އެކަންކަމުގެ ހަނދާންތައް ފޮހެލުމަކީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ.

ހަދިޔާ ދީގެން ނިންމައިލުމަކީ ހުޅަނގުގެ ސަގާފަތެކެވެ. ދަރިން ބަލަހައްޓަން ޙަވާލުކުރާނީ އެކަންކުރާ ތަންތަނާއެވެ. ހަފްތާއަކު އެއް ފަހަރު ޒިޔާރަތްކޮށް އަގު ބޮޑު ހަދިޔާއެއް ދިނުމުން އެމީހުން ދެކެނީ ކުދިން ބެލެހެއްޓުނީ ކަމަށެވެ. ނަމަވެސް މިއީ މުސްލިމުން މިކަން ކުރަންޖެހޭނެ ގޮތެއް ނޫނެވެ.

އިސްލާމީ މުޖުތަމައުތަކުގައި މިއަށްވުރެ މާނުބައި އަމަލެއް ހިނގައެވެ. ވަރިކޮށްފައި ޚަރަދު ދީފާނެއެވެ. ނަމަވެސް ދަރިން ދެކެން އޮންނަނީ މަހަކު އެއްފަހަރުވެސް ނާދެވިފައެވެ. އަންނަ ދުވަހަކު ހަދިޔާއެއް ދީފައި ދިއުމުން ފުދުނީ ކަމަށް އެބަހަދައެވެ.

ސުބްހާނަﷲ! މިއީ އެއްގޮތަކަށްވެސް އެކަން ކުރަން އިސްލާމް ދީނުގައި އޮތް ގޮތެއް ނޫނެވެ. ވަރިކޮށްފައި ދުރުގައި ހުރި ނަމަވެސް ދަރިންގެ ކަންކަން އެންމެ ގާތުން ބެލެހެއްޓުމަކީ ހަމަ ބައްޕަގެ ޒިންމާއެކެވެ. ޤިޔާމަތް ދުވަހު ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ.

އީމާންވީ މީހުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަވުމާއި ގާތީ އެންމެ އޯގާތެރިކަން އަމަލުން ދައްކާމީހާއެވެ. މިމޭރުމުން ބުނެވެނީ އޯގާތެރިވުމަކީ އީމާންތެރިކަމާއި ގުޅިލާމެހިފައިވާ އެންމެ މުހިންމު އެއް އަސާސް ކަމަށްވާތީއެވެ.

އިސްލާމް ދީނަކީ ރަޙުމާއި ކުލުނުގެ ދީނެވެ. އޯގާތެރިވުމުގެ ދީނެވެ. ރަޙްމާއި ހަމްދަރުދީވުމުގެ ދީނެވެ. މިހުރިހައި ކަމެއްވެސް ގުޅިފައިވަނީ މީހާގެ އީމާންކަމާއިއެވެ. މިސިފަތަކަކީ ފައިސާ ހޭދަކޮށްގެން ލިބިގަނެވޭ ސިފަތަކެއް ނޫނެވެ. މި ސިފަތައް ދައްކަންޖެހޭނީ އަމަލުންނެވެ.

މާތްﷲ އަށް އީމާންވެގެން ހުންނަ މީހަކު އަނިޔާވެރިއެއް ނުވާނެއެވެ. އިންސާނުންގެ އިތުރުން ޖަނަވާރުންނަށްވެސް އަނިޔާވެރިއެއް ނުވާނެއެވެ.

ބިރުވެރި އަދި ނުރައްކާތެރި، ޞިއްޙަތަށް ގެއްލުންދޭ ޖަނަވާރު މެރުމަކީ ނުވަތަ ނައްތައިލުމަކީ އަނިޔާވެރިވުމެއް ނޫނެވެ. އެއީ އިންސާނުންގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން