އީޔޫ ބަޔާން ވަރަށް ގޯސް- ޤްރްއާނަށް އަމަލުކުރަން އެއްބަހެއް ނުވޭ- ކުރަނީ އިސްލާމް ދީނާ ޚިލާފް ކަންކަން- ހައްލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 37ސ
އީޔޫ ބަޔާން ވަރަށް ގޯސް- ޤްރްއާނަށް އަމަލުކުރަން އެއްބަހެއް ނުވޭ- ކުރަނީ އިސްލާމް ދީނާ ޚިލާފް ކަންކަން- ހައްލަކީ ކޮބާ؟
އީޔޫ އިން ނެރޭ ބަޔާންތަކުގައި ރާއްޖޭގެ ޤާނޫނުތަކުގައި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމަށް ބަޔާންކޮށްފައި އޮންނާތީ ކަންބޮޑުވެ ހިމަނާ ބައިތަކަކީ ވަރަށް ގޯސް ބައިތަކެކެވެ. ރާއްޖޭގެ ޤާނޫނު އަސާސީ އޮންނަން ޖެހޭނެ ގޮތާއި ދިވެހި ރައްޔިތުން ތިބެންޖެހޭނީ ކޮން ދީނެއްގައިކަން ކަނޑައެޅުމަކީ އެއްވެސް ޖަމާއަތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވާތީއެވެ. އެކަންކަން ކަނޑައެޅުމުގެ ހުރިހާ ޙައްޤުތަކެއް ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިގެންވާތީއެވެ.

އެކަމާއި ގުޅިގެން މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ މުސްލިމުން އެމީހުންގެ ދީނުގައި ތިބެން ނަޞާރާއިންނާއި ޔަހޫދީން ބޭނުން ނުވާނެ ކަމަށެވެ. ނަމަވެސް އެމީހުންގެ ދީނަށް މުސްލިމުން ވައްދަން ވެސް އެއްބަސް ނުވާނެ ކަމަށެވެ.

"އެމީހުން ދެކޭ ގޮތުގައި އެމީހުން ތިބީ އެންެމެ މަތިވެރި ދީނުގަ. އެދީނަށް މުސްލިމުން ވައްދަން ބޭނުމެއް ނުވާކަމަށް އެމީހުން ދަނީ ބުނަމުން. އެއީ އެ މަތިވެރިކަން އެހެން ބައަކަށް ލިބެން ބޭނުން ނުވާތީ. މުސްލިމުން، މުސލިމުންގެ ދީނުން ބޭރުކުރަން ބޭނުންވަނީ މުސްލިމުންނަށް މަގު އޮޅުވާލަން އެކަނި. އެމީހުން ބޭނުންވެގެން އުޅެނީ މުސްލިމުންނަކީ އެއްވެސް ދީނެއް ނެތް އަދި ގޮތެއް ފޮތެއް ނެތް ބައެއްގެ ގޮތުގައި ދުނިޔެތެރެއަށް ގިނަ ކޮށްލަން." ޝައިޚް ލަޠީފް ވިދާޅުވިއެވެ.

ޝައިޚް ލަޠީފް ވިދާޅުވަނީ މިހުރިހާ ކަމެއްގެ ހައްލަކީ ކީރިތި ޤްރްއާނަށް އަމަލުކުރުން ކަމަށެވެ. ނަމަވެސް ކީރިތި ޤްރްޢާނަށް އަމަލުކުރުން ދޫކޮށްލަމުން ގޮސް މުޞްޙަފްގެ ބޭރުގަނޑަށް އަމަލުކުރާ މީހަކުވެސް ނެތް ހާލަތަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އެވަރުންވެސް ޔަހޫދީންނާއި ނަޞާރާއިންނަށް އެއުޅެނީ ނުފުދިގެން ކަމަށެވެ.

އީޔޫގެ ބަޔާނާއި ގުޅިގެން ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިން ވަނީ އެ ބަޔާން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފައެވެ. އަދި ގޮވާލައްވަމުން ގެންދަނީ ކީރިތި ޤްރްއާނަށް އަމަލުކުރުމަށެވެ.

އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވީ "ޣައިރު މުސްލިމުން ދީނާ ދެކޮޅަށް ބަސް ބުނުމުން އެކަން ބޮޑުކަމަކަށް ހަދައިގެން ކުށްވެރިކުރުމަށްވުރެން މުސްލިމުންގެ ގޮތުގައި ތިބެ ﷲގެ ޙުކުމްތައް ބަދަލުކުރާ މީހުންގެ ނުބައިކަން މާބޮޑު" ކަމަށެވެ.

ސަރުކާރުންވެސް ގެންދަނީ ބައްދަލުވުންތައް ބާއްވައި އީޔޫގެ ބަޔާން ކުށްވެރިކުރަމުންނެވެ. އަދި ސަރުކާރުން ކޮންމެ ކަމެއް ފާހަގަ ކުރަން ޖަލްސާއެއް ބޭއްވި ނަމަވެސް އެ ބަޔާން އިންތިހާއަށް ކުށްވެރިކުރެއެވެ.

ހިތާމައަކީ ސަރުކާރަށް އީޔޫގެ ބަޔާނުގެ އަޑު އިވުނު ފަދައިން ދީނީ އިލްމުވެރިން ދެއްވަމުން ގެންދަވާ ބަޔާންތަކުގެ އަޑު ނުއިވޭ ކަމެވެ. އަޑު އިވޭނަމަ ކީރިތި ޤްރްޢާނަށް ފުރިހަމައަށް އަމަލުކުރަން އިލްމުވެރިން ގޮވާލަައްވާ ގޮވާލެއްވުންތަކަށް ޖަވާބެއް ދެއްވާނެ ކަަމަށް ބެލެވެއެވެ.

ކީރިތި ޤްރްއާނަށް އަމަލުކުރަން ސަރުކާރުން ބޭނުންވާނަމަ ޤާނޫނު އަސާސީއަށް އެއްވެސް ބަދަލެއް ގެންނާކަށް ނުޖެހެއެވެ. ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްީންކަން ޤާނޫނު އަސާސީން ވަރަށް ސާފުކޮށް އެނެގެން އޮތުމުންނެވެ. އެ މާއްދާއަށް އެކަނި ބެލި ނަަމަވެސް ރާއްޖޭގެ ދުސްތޫރަކީ ކީރިތި ޤްރްއާން ކަމަށް ކަނޑައަޅަން އެއްވެސް ހުރަހެއް ނެތެވެ. އިތުރު ޤާނޫނުތައް ބޭނުންވާނީ ކީރިތި ޤްރްއާނުގައި ބަޔާންވެގެން ނުވާ ޢާންމު ކަންކަމަށެވެ. މިސާލަކަށް ވެހިކަލް ރަޖިސްޓްރީ ކުރުން ފަދަ ޢާންމު ދިރިއުޅުމާއި ގުޅުންހުރި ކަންކަމުގައެވެ.

ސަރުކާރުން ކެނޑިނޭޅި އީޔޫގެ ޤަރާރު ކުށްވެރިކުރަމުން ގެންދާއިރު ނިވްއިޔަރ ޝޯ ބާއްވައި އިސްލާމް ދީނާއި ޚިލާފް މަންޒަރުތައް ދައްކަނީ ކޮން ޖަމާއަތަކުން ނެރުނު ޤަރާރެއްގެ ސަބަބުންކަން އަދި ސަރުކާރުން ބުނެފައެއް ނުވެއެވެ. އެއީ މީގެ 3 މަސް ކުރިއެވެ. 4 މަސް ނުފުރެނީސް އިސްލާމީ އަދަބު އަޚްލާޤްތަކަށް ގޮންޖަހައި ރީތީގެ މުބާރާތެއް މިވަނީ ބާއްވައިފައެވެ. އެއީ ކޮން ޖަމާއަތަކުން އަންގައިގެން ކުރި ކަމެއްކަމެއް ކަމެއްވެސް އަދި ސަރުކާރުން ބުނެފައެއް ނުވެއެވެ.

ސިވިލް ސަރވިސްގައި މަސައްކަތްކުރާ އަންހެނުން އޮފީހަށްދާއިރު ހެދުން އަޅަންވީ ގޮތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޤަރާރަކުން ވަނީ މީގެ އަހަރުތަކެއް ކުރިން އަންގައިފައެވެ. އެ އެންގުން ބާޠިލުކުރިކަން އަދި އެނގިފައެއް ނެތެވެ. ނަމަވެސް ހެދުންތައް ކުރުވެ ސަރުކާރުގެ ރަސްމީ ކަންކަމުގައި މިނި ސްކަރޓާއި ކޮނޑުކެނޑި ހުއްދަވެއްޖެއެވެ. އިސްލާމް ދީނުގައިވާ މަގުން ހެދުން އެޅުން މަނާވެއްޖެއެވެ. އަޅައިފިނަމަ ވަޒީފާ ވެސް ގެއްލެއެވެ.

ވިޔަފާރި ކުރިއަރުވަން ހިންގާ ކަންކަމުގައި ޖުވާގެ އަމަލުތައް ކުރާކަން ފާހަގަކުރައްވައި އެފަދަ އަމަލުތައް ކުރުން ވަގުތުން ހުއްޓާލުމަށާއި ހުއްޓުވުމަށް އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އާއި އައްޝައިޚް އާދަމް ޝަމީމް ގޮވާލެއްވިތާ މި ރަމަޟާން މަހަށް 2 އަަހަރު ފުރޭނެއެވެ. ހުއްޓުވަން ކުރީ ކޮންކަމެއްތޯއެވެ؟

އީޔޫގެ ބަޔާނާއި ގުޅިގެން ސަރުކާރުގެ ފަރާތުން މިހައިތަނަށް ވާހަކަ ދެއްކެވި އެއްވެސް ބޭފުޅަކު ސަރުކާރުން ބާއްވާ ނަމާދުކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވުމަށް ނޫނީ ފަތިސް ނަމާދަށް މިއިން ޒަމާނަކު ވަޑައިގެންނެވި މިސްކިތެއް ވިދާޅުވެދެއްވުން ރަނގަޅުވާނެއެވެ.

މި ހުރިހާ ކަންކަމަށް ބެލުމުން އެނގެނީ ޝައިޚް ލަޠީފް އެވިދާޅުވާ ހާލަތު ރާއްޖޭގައި ޢާންމުވެފައިވާ ކަމެވެ. ފެންނަނީ މުޞްހަފްގެ ބޭރުގަނޑަށް ވެސް އަމަލު ނުކުރެވޭތަން ކަމެވެ. އިސްލާމް ދީނުގެ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމަށް ކަމެވެ.

ކަންކަން މިގޮތަށް ހުރިއިރު ރާއްޖޭގައި އިސްލާމް ދީނުގެ ކަންކަން މިހާރު އޮތް ހާލަތު ދެނެގަތުމަށް ނަމަވެސް ޢާންމު ފޯރަމެއް ބާއްވައިލުން މުހިންމު ކަމަށް ފެނެއެވެ. ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ އަޑު އަހައިލުމަށް ނަމަވެސް މިފަދަ ފޯރަމެއްގެ ބޭނުންތެރިކަން ވަރަށް ބޮޑުކަން ފާހަަގަކުރެވެއެވެ.
މިއަދު އޮންލައިން