އުންމީދު ކަނޑައެއް ނުލަން، ދެކުދިން ވެސް އިރާދަކުރެއްވިއްޔާ ފެންނާނެ- މަޔާމިންގެ މަންމަ

ކިޔުމަށް ހޭދަވާނީ 2މ 46ސ
އުންމީދު ކަނޑައެއް ނުލަން، ދެކުދިން ވެސް އިރާދަކުރެއްވިއްޔާ ފެންނާނެ- މަޔާމިންގެ މަންމަ
އިއްޔެއަކީ މުޅި ރާއްޖެ ސިއްސުވާލި އަދި އެހާމެ ހިތްދަތި ދުވަހެކެވެ. އައްޑޫސިޓީ ހިތަދޫ ގައި މޫދަށް އެރި އުޅެނިކޮށް ދެކުއްޖަކު ގެއްލުނު ޚަބަރަކީ މުޅި ޤައުމު ގުޑުވާލި ޚަބަރެކެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ފުއްޓަރު ފަރާތު މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަނީ އެރަށު ޓޮޕާޒް މަޔާމީން އަލީ (14އ.) އާއި އެރަށު ޗަނބޭލީގޭ އަލީ ފަހުމީ (14އ.) އެވެ. މިދެކުދިންނާއިއެކު އަލީ ރާއިފް ނަމަކަށް ކިޔާ، އެކުދިންގެ އެކުވެރިއެއް ވެސް ބައިވެރިވެފައިވެއެވެ. ރާޅާއެކު ދަނިކޮށް އެވަގުތު އެތަނުގައި ހުރި ޙުސެއިން ދީދީ ނަމަކަށް ކިޔާ މީހަކަށް އޭނާ ފެނިގެން، އޭނާ ވަނީ ސަލާމަތް ކޮށްފައެވެ. ނަމަވެސް އެއިރުވެސް މަޔާމީން އާއި ފަހުމީ ވަނީ ބިޔަ ރާޅުތަކާއިއެކު ގެއްލިފައެވެ.

އެދެކުދިން ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި އެމްއެންޑީއެފް އިން ހުއްޓުމެއްނެތި ކުރަމުން ދާއިރު، އެކުދިންގެ އާއިލާއަށް މިހާދިސާއާއި ގުޅިގެން ކުރާނެ އަސަރު ހިތައް ގެނެވޭވަރަށް ވުރެ ވެސް ބޮޑެވެ.

ގެއްލިފައިވާ ދެކުދިންގެ ތެރެއިން، މަޔާމިން ގެ އާއިލާއަކީ މިހާރުވެސް ބޮޑު ހިތާމައެއް ތަޙައްމަލު ކުރަމުން އަންނަ އާއިލާއެކެވެ. ކެންސަރު ބައްޔަށް އޭނާގެ ބައްޕަ ބޭސް ކުރަމުން ދަނިކޮށް، ލިބުނު މިހިތާމަވެރި ޚަބަރާއިއެކު މަޔާމިން ގެ މުޅި އާއިލާއަށް ވަނީ ހިތާމައިގެ ކޮޅިގަނޑެއް ވެރިވެފައެވެ.

އޭނާގެ މަންމަ އައިޝަތު އިބްރާހިމް ދީދީ އިއްޔެ ގެ އެހާދިސާ ހިނގުމުގެ ކުރިން، ދަރިފުޅު އެންމެ ފަހުން ފެނުނު އިރު ކަންތައްވީ ގޮތް ކިޔައިދިނެވެ.

ފުޓުބޯޅަ މުބާރާތަށް ޕްރެކްޓިސް ކުރުމަށް މަޔާމިން އިއްޔެ ހެނދުނު އެންމެ ފުރަތަމަ ދިޔައީ ފުޓުބޯޅަ ކުޅޭށެވެ. އޭގެ ފަހުން ގެއަށް އައިސް ސައިބޯން ހުރީ ކޮން އެއްޗެއްތޯ އަހާ ބޭރަށް ނިކުތީ ސައިބޯން ބިސްކޯދު ޕެކެޓެއް ގަންނަން އޭނާގެ ބައްޕަގެ އަތުން 10 ރުފިޔާ ހިފައިގެން ކަމަށް އައިޝަތު ބުންޏެވެ.

"ކުޅެ ނިންމާފަ ގެއަށް އައި އިރު އެހެން ދެ ކުއްޖެއްގެ ބޫޓު ވެސް ހިފައިގެން އައިސް ބަހައްޓާފަ ހުރީ. ސައިބޯން ހުރީ ކޮން އެއްޗެއްތޯ އެހީމަ ރޮއްޓާއި ރިހައާއި އޭ ބުނީމަ، އެޔެއް ނުކެވޭނޭ ކިޔާފަ ބިސްކޯދު ޕެކެޓެއް ގަންނަން އޭނާގެ ބައްޕަގެ އަތުން 10 ރުފިޔާވެސް ހޯދައިގެން ދިޔަ ފަހުން ގެއަކަށް ނާދޭ" އަސަރާއިއެކު މަޔާމިން ގެ މަންމަ ކިޔައިދިނެވެ.

މަޔާމިން ގެއްލިގެން އުޅޭކަން އޭނާގެ މަންމައަށް އެނގުނީ ދައްތައެއްގެ ފަރާތުންނެވެ. އެއީ އިއްޔެ ހެނދުނު ގާތްގަނޑަކަށް 11:30 ހާއިރުއެވެ.

އާންމުކޮށް ބޭރަށް ވެސް ގޮސް ނުއުޅޭ މަޔާމިން އަކީ ނޭވާ ވެސް ހިއްލާ ކުއްޖެއް ކަމަށް އޭނާގެ މަންމަ ބުންޏެވެ. ނަމަވެސް ފުޓުބޯޅަ ކުޅުމަކީ އޭނާ ވަރަށް ކުރާހިތްވާ ކަމަކަށްވާތީ، ފުޓުބޯޅަ ކުޅެން ފޮނުވަނީ ކަމަށް އައިޝަތު ބުންޏެވެ.

މަޔާމިން ގެ މަންމަ ގެ ހިތްވަރު ދެރައެއް ނޫނެވެ. އޭނާގެ އުންމީދަކީ ދަރިފުޅާއި ފަހުމީވެސް އިރާދަ ކުރެއްވިއްޔާ ވީއެންމެ އަވަހަކަށް ފެނުމެވެ.

"އެއްގޮތަކަށް ވެސް އުންމީދު ކަނޑައެއް ނުލަން. އިރާދަކުރެއްވިއްޔާ މަޔާމީން އާއި އޭނާއާއެކު ގެއްލުނު އަނެއް ކުއްޖާވެސް ފެންނާނެ. އެ ދުއާގައު އަހަރެމެން މުޅި އާއިލާ އޮތީ" މަޔާމިން ގެ މަންމަ އައިޝަތު އިބްރާހިމް ދީދީ ބުންޏެވެ.
އަޅުގަނޑުމެން އެންމެންގެ ދުޢާ އަކީ އިއްޔެ މޫދަށް ގެއްލިފައިވާ މަޔާމީން އަލީ އާއި އަލީ ފަހުމީ، މާތް ﷲ ގެ އިރާދަފުޅާއެކު ވީއެންމެ އަވަހަކަށް ހެޔޮ ހާލުގައި ފެނުމެވެ.

މިއަދު އޮންލައިން