ރާއްޖޭގައި ތިބި ޝެފުންނަށް (ކައްކާއިންނަށް) އަމާޒުކޮށްގެން ބެސްޓްބައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ބީއެމްއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މާސްޓާ ކްލާސް ވޯކްޝޮޕްއޭޕްރިލް 19ގައިބާއްވައިފިއެވެ.
ދުނިޔޭގެ ނަން މަޝްހޫރު ޝެފުންނާއި އެކު ފެށި މި ވޯކްޝޮޕަކީ އެއް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.
150 ޗެފުންނާއެކު ފެށި މި ވޯކްޝޮޕްގެ އަމާޒަކީ ބީއެމްއެމްއިން އިންތިޒާމުކޮށްގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްއަށް ތައްޔާރުވުމެވެ.
މި ވޯކްޝޮޕްގައި މައިގަނޑު ހަތަރު ކަމެއް ބައިވެރިންނަށް ދަސްކޮށްދެވިގެންދާއިރު ވޯކްޝޮޕްގެ ތެރެއިން ކެއްކުމުގައި ބޭނުންކުރަން ޖެހޭ އެންމެ އާދައިގެ އުކުޅުތަކުން ފެށިގެން އެންމެ މަތީ ފަންތީގެ އުކުޅުތަކަށް ދަންދެން ވޯކްޝޮޕްގެ ބައިވެރިވާ ޝެފުންނަށް ކިޔާދޭނެއެވެ.
އަދި ކެއްކުމުގެ މުބާރާތެއްގައި ބައިވެރިވާއިރު ޖަޖުން މާކްސް ދޭ ގޮތާއި މާކްސް ދޭއިރު ބަލާނެ ކަންކަމުގެ އިތުރަށް ކައްކާއިރު ސަމާލުކަން ދޭން ޖެހޭނެ ކަންކަން ބައިވެރިންނަށް ކިޔާދެވޭނެއެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ޝެފުންނަށް އަމާޒުކޮށްގެން ހުޅުލޭ އައިލެންޑް ހޮޓެލްގައި ކުރިއަށްދާ ވޯކްޝޮޕްގައި 40 ދިވެހި ޝެފުން ބައިވެރިވާއިރު އެ ވޯކްޝޮޕަކީ ކެއްކުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.
ވޯލްޑް އެސޯސިއޭޝަން އޮފް ޝެފް އެސޯސިއޭޝަންގެ އޭ ކްލާސް ޝެފުންނާއި އެކު ކުރިއަށް ގެންދާ ވޯކްޝޮޕުގެ ސަބަބުން ކުރިއަށް އޮތް ހޮޓެލް އޭޝިއާ އެކްޒިބިޝަންގައި ބައިވެރިވާ ފަރާތްތަކަށް ކެއްކުމާއި ބެހޭ އެތަށް ކަމެއް ފަންނުވެރި ފަރާތްތަކުގެ ކިބައިން ދަސްވެގެންދާނެއެވެ.
މިއަދު ކުރިއަށް ގެންދާ މާސްޓާ ކުލާސް އާއި ކުރިއަށް އޮތް ހޮޓެލް އޭޝިއާ އެކްޒިބިޝަންއާ ބެހޭ ގޮތުންމައުލޫމާތު ދެއްވަމުން އެމުބާރާތާއި ވޯކްޝޮޕް އިންތިޒާމު ކުރާ ބީއެމްއެމްގެ ހެޑް އޮފް މާކެޓިން އަލީ އަފްރާހް ހަސަން ވިދާޅުވީ ބީއެމްއެމްގެ އަމާޒަކީ ރާއްޖޭގައި ކެއްކުމުގެ އިންޑަސްޓްރީ ކުރިއެރުވުން ކަމަށެވެ.
" އަޅުގަނޑުމެން މިފަދަ މުބާރާތްތަކާއި ވޯކްޝޮޕްތަށް ބޭއްވުމުގެ މައިގަނޑު އަމާޒަކީ ކެއްކުމުގެ ދާއިރާ ކުރިއަރުވާ މިދާއިރާއަށް ގިނަ ދިވެހިން ވެއްދުން. އަޅުގަނޑުމެން ގަބޫލުކުރަން މިއީ ކުރިއަރަން ޖެހޭ ދާއިރާއެއް ކަމަށް. އެއީ ރާއްޖޭގެ އިޤްތިސާދުގެ މައިގަނޑު ހިއްސާދާރަކީ ފަތުރުވެރިކަން. އެހެންކަމުން ރާއްޖެއަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން މީހުން ޒިޔާރަތްކުރާ ގައުމެއް. މި ސަބަބަށްޓަކައި ރާއްޖެއިން ލިބެން ހުންނަ ކާއެއްޗެއްސަކީ އެންމެ ފެންވަރުގެ ކާތަކެއްޗަށް ވާން ޖެހޭ" އަލީ އަފްރާހް ވިދާޅުވިއެވެ.
މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން ކުރިއަށް ގެންދާނީ 24 ކެޓަގަރީއަށް ބަހާލައިގެން ކަމަށާއި އެ މުބާރާތުގެ ޖަޖުންގެ ގޮތުގައި ތިބޭނީ އޭ ކްލާސް ޖަޖުން ކަމަށްވެސް އަފްރާހް ވަނީ ވިދާޅުވެފައެވެ.