އިންސާނުންނަށްވުރެ ޖަނަވާރުންނަށް އިންސާނުން ރަޙްމުކުރާނެ ދުވަހެއް އަންނާނެ ކަމަށާއި އެއީ ފަހު ޒަމާނުގެ އަލާމާތެއްކަން އިސްލާމް ދީނުން އެނގެން އެބައޮތެވެ. އެކަމަކު ވެސް މިއިން އެއްވެސް ކަމަކަށް ނުވިސްނައި އެއް ބައަކު އަދިވެސް އުޅެނީ ފަހު ޒަމާނުގެ ޢަލާމާތެއް ފައުޅުވެއްޖެތޯ ބެލުމުގައެވެ.
އަމިއްލަ ދަރިފުޅު އަތުން ގޭގައި ގެންގުޅޭ ބުޅަލާއި ކުއްތާ ފަދަ ތަކެއްޗަށް އަނިޔާއެއް ލިބިއްޖެނަމަ ބަދަލުގައި ދަރިފުޅަށް އަނިޔާކުރާ މަންޒަރު ނުފެންނަނީ ހެއްޔެވެ؟ ވީއިރު މުހިންމީ އަމިއްލަ ދަރިފުޅު ހެއްޔެވެ؟ ނޫނީ އެ ޖަނަވާރު ހެއްޔެވެ؟
ގޭގައި ގެންގުޅޭ ބުޅަލަށް ގަޑިއަށް ކާން ނުދެވުމުން ގޭގައި ގެންގުޅޭ ނޯކަރަށް އަދަބު ދިނުމުގެ ގޮތުން ކާން ނުދީ އެބަ ބަހައްޓައެވެ. މިއީ ހަަމަ އިންސާފު ހެއްޔެވެ؟
ނިކަން ވިސްނައިލަބަލާށެވެ. ޤައުމުތަކުގައި ތަފާތު ސަބަބުތަކާއިހުރެ މީހުންތައް ބަނޑަށް މަރުވަމުން ދަނީއެވެ. އައުރަ ނިވާކޮށްލެވޭނެ ފޭރާން ނެތިފައި އެތައް ހާސް ބައަކު އެބަތިއްބެވެ. އަދި ކީއްހެއްޔެވެ؟ ސާފު ފެންފޮދެއް ނުލިބިފައި ކިތައް މިލިއަން މީހުން އެބަތިބި ހެއްޔެވެ؟
ދާދި އިހަށް ދުވަހު ލިބުނު ޚަބަރަކީ މީހަކު ގެންގުޅުނު ކުއްތާއަކަށްޓަކައި އޭނާގެ 35 މިލިއަން ޑޮލަރުގެ ސްޓޭޓެއް ވަޤްފްކުރި ވާހަކައެވެ. އެ ވަޤްފާއި ހަވާލުވާނީ ކުއްތާ ހެއްޔެވެ؟ ހަވާލުވެގެން ކުއްތާ ކުރާނީ ކީއްހެއްޔެވެ؟ މިކަމުން ވެސް މިއެނގެނީ އިންސާނުންގެ އަގު ނެތިގެންދާ ކަމާއި ޖަނަވާރުގެ އަގު އަރަމުން އަންނަކަމެވެ.
ދެން ނިކަން ބަލައިލަ ބަލާށެވެ. ބައެއް ޤައުމުތަކުގައި އިންސާނުން ބަންދުކޮށްފައި ބައިތިއްބާ ޖަލުތަކަށެވެ. ކުއްތާ އާއި މިނިކާވަގާއި މުސަޅު ވެސް ޒޫތަކުގައި ބައިތިއްބާފައި ތިބެނީ އެއަށްވުރެ ފެންވަރު ރަނގަޅުކޮށެވެ. ވީއިރު އިންސާނުންނަށް ދެވޭ ކަރާމާތަކީ ކޮބައިހެއްޔެވެ؟
ބައެއް ޤައުުތަކުގައި ބިމު އަޑީގައި ބިންގަރާސް ހަދައި ދުނިޔޭގެ އަލިކަން ނުދައްކައި މީހުން އެބަ ގެންގުޅެއެވެ. އެއީ މުޖުތަައުއަށް އެވަރުގެ ނުރައްކާތެރި ބައެއް ނަމަ މަރުގެ އަދަބުދީ މެރުންވެސް އެއަށްވުރެ މާރަނގަޅުވާނެއެވެ. އެވަރަށް މީހަކު ކުށްވެރިވާއިރު އެމީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުން ހުއްދަ ނުވާނެ އެއްވެސް ސަބަބެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
މިމޭރުމުން ކަންކަން ކުރަމުންވެސް އިންސާނީ ކަރާމާތުގެ ވާހަކަތައް އެބަދައްކަމުއެވެ. އިންސާނިއްޔަތު ދިރުވައި ކުރިއެރުވުމުގެ ވާހަކަތައްވެސް އެބަ ދައްކަމުއެވެ. މިކަންކަން ކުރާ މީހުންނާއި ޖަމާއަތްތަކުން މިކުރަނީ ކީއްކަން ނިކަން ބުނެދީބަލާށެވެ! ހަމަ ގައިމުވެސް މިއީ އިންސާނީ ކަރާމަތަށް އެއްވެސް ސމާލުކަމެއް ދޭ ބައަކު ކަންކަން ކުރާނެ ގޮތެއް ނޫނެވެ.