މަރިޔަމްދިޔެ އަކީ ދެ ކިޑްނީ ފެއިލްވުމުގެ ސަބަބުން އެހީއަށް ބޭނުންވި ހިތްވަރުގަދަ މައެކެވެ.
އުމުރުން ދުވަސްވީ ފިރިއަކާއި ފަސް ދަރިން ތިބިއިރު، އެއެންމެންގެ ކަންތައްތައް ވެސް މަރިޔަމްދިޔެ ފުރިހަމަ ކުރަމުން ގެންދިޔައީ އެއްވެސް ވަރުބަލިކަމެއް ނެތި، ވެވުނު އެންމެ ފުރިހަމަ ކޮށެވެ.
މީގެ ދެ އަހަރު ކުރިން ޖެހުނު ހުންގަނޑަކަށްފަހު މަރިޔަމްދިޔެގެ މުޅި ދިރިއުޅުން ވެސް ބަދަލުވީ، ފަޅި ސިކުންތެއްގެ ތެރޭގައި، ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.
ދެ ކިޑްނީ ވެސް ފެއިލްވެ، ވީ އެންމެ އަވަހަކަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ޖެހިފައިވުމުން، މައިމީހާއަށްތަކައި އެފަދަ ޤުރުބާނީއެއް ވުމަށް ތައްޔާރުވީ، މަރިޔަމްދިޔެ ގެ ދޮށީ ފިރިހެން ދަރިފުޅު މުޙައްމަދު އަޝްރަފު އެވެ.
ނަމަވެސް އެޤުރްބާނީ ވެވުމުގެ ކުރިން، މަރިޔަމްދިޔެ މިއަދު އިރުއޮއްސި 18:00 ހާއިރު މިވަނީ މިފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ.
މަރިޔަމްދިޔެގެ މޫނުދެއްކުން މިހާރު އާސަހަރާ މިސްކިތުގައި ކުރިއަށްދާއިރު، ވަޅުލުމަށް ހަމަޖެހިފައިވަނީ މިރޭ 23:00 ގައެވެ.
މާތް ﷲ މަރްޙޫމާގެ ފުރާނައަށް ބަރަކާތް ލައްވާ ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް ދެއްވާށި. އަދި ހަމައެހެންމެ މަރިޔަމްދިޔެ ގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން