ފާއިތުވެދިޔަ ހަފުތާއަކީ ރާއްޖޭގެ މަސްރަހުގައި ގިނަ އެތައް ކަމެއް ހިނގައި ދިޔަ ހަފުތާއަކަށްވީއިރު، ފާއިތުވެދިޔަ ހަފުތާ ނިމިދިޔައީ ހިތާމަވެރި ހިތްދަތި ޚަބަރުތަކަކާ އެކުގައެވެ. ފާއިތުވެދިޔަ ހަފުތާގައި ވަނީ މޫދުގައި ހިނގި ހަތަރު ހާދިސާއެއްގައި ހަތަރު މީހުން މަރުވެ، ދެ ކުދިން ގެއްލިފައެވެ.
ފުރަތަމަ ހާދިސާ ހިނގީ މި މަހު 19 ވީ ހުކުރު ދުވަހުގެ ރޭގަނޑެެވެ. ކ.ގުޅީގެ ހަ މޭލު ބޭރުން އިތާފުށި ރިސޯޓުގެ ދެ ލޯންޗެއް ޖެހިގެން ހިނގި ހާދިސާގައި 8 މީހަކަށް އަނިޔާވެ ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދެވުނެވެ. އޭގެ ތެރެއިން އެއް ބިދޭސީއަކު ވަނީ ފަރުވާދެމުންދަނިކޮށް މަރުވެފައެވެ. އެ ހާދިސާގައި ލޯންޗުގެ ކެޕްޓަނަކު ގެއްލުނުއިރު، ޖެހިގެން އައި ދުވަހު އޭނާ ފެނުނީ މަރުވެފައި އޮއްވައެވެ. މޫދުގެ އަޑިން މަރުވެފައި އޮއްވާ ފެނުނީ ދ.ކުޑަހުވަދޫ މުހައްމަދު އަހުމަދުގެ ހަށިގަނޑެވެ.
ހުކުރު ދުވަސް ނިމި ހޮނިހިރު ދުވަސް ވެސް ފެށިގެން ދިޔައީ އަހަރެމެން އެންމެންގެ ހިތަށް ވެސް އަސަރުކޮށްފައި ދޫކޮށްލި ޚަބަރަކާ އެކުގައެވެ. އައްޑޫ ސިޓީ ހިތަދޫއިން މޫދަށް އެރިއުޅެނިކޮށް ތިން ކުއްޖަކު އޮޔާގެންދިޔަ ހާދިސާގައި ދެ ކުދިން ގެއްލިގެން ދިޔުމެވެ. ތިން ކުދިންގެ ތެރެއިން ސަލާމަތް ކުރެވުނީ އުމުރުން 16 އަހަރުގެ ޢަލީ ރާއިފެވެ. އަނެއް ދެ ކުދިން ހޯދުމުގައި ސިފައިންނާއި، ފުލުހުންނާއި، ކަމާ ބެހޭ މުއައްސަސާތަކުގެ އިތުރުން އާންމު ރައްޔިތުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ސިފައިން ދަނީ ކަނޑުގެ މަގުންނާއި ވައިގެ މަގުން ވެސް އެ ދެ ކުދިން ހޯދުމުގައި ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އެ ކުދިން ހޯދުމުގައި މިހާތަނަށް އެދެވޭ ކުރިއެރުމެއް ނުލިބެއެވެ. ހިތަދޫއިން ގެއްލިގެން އުޅޭ ދެ ކުދިންނަކީ އުމުރުން 17 އަހަރުގެ ޢަލީ ފަހުމީއާއި، އުމުރުން 14 އަހަރުގެ މަޔާމިން ޢަލީއެވެ. އެ ދެ ކުދިން ނުފެނި ހަފުތާއެއްހާ ދުވަސްވީއިރު، އެންމެންގެ ވެސް ދުޢާއަކީ އެ ދެ ކުދިން ސަލާމަތުން ފެނުމެވެ.
ތިންވަނަ ހާދިސާ ހިނގީ މިދިޔަ ބުދަ ދުވަހުގެ ހަވީރެވެ. ހުޅުމާލެ ފަތާ ޓްރެކްގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން ހާލު ސީރިއަސްވި ދިވެއްސަކު ވަނީ މަރުވެފައެވެ. މި ހާދިސާ މަރުވީ ދ.މީދޫ ހުސައިން ރިޔާދު (21 އަހަރު) އެވެ.
ހަތަރުވަނަ ހާދިސާ ހިނގީ ބުދަ ދުވަހުގެ ރެއެވެ. ކ.އޮޅުހަލީގައި ތަރައްޤީކުރަމުންދާ ރިސޯޓުގެ މޫދަށް ފޭބި ބިދޭސީ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނުނީ ބުރާސްފަތި ދުވަހު ހެނދުނެވެ. އެނާ ފެނުނުއިރު އޮތީ މަރުވެފައެެވެ.
މޫދުގައާއި އެއްގަމުގައި ހިނގާ އެކްސިޑެންޓްތަކުގައި މަރުގެ ހާދިސާތައް ގިނަވަމުންދާއިރު، މިފަދަ ހާދިސާތައް ތަކުރާރުވެދިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރަން އެބަޖެހެއެެވެ. އެ ގޮތުން ހެދިފައިވާ ޤަވާއިދުތަކަށް ބޯލަނބައި، މިފަދަ ހާދިސާއެއް ހިނގާދާނެކަމަށް އަބަދުވެސް ސަމާލުވެ ތިބުން މުހިންމެވެ.