ހޮނުއަޅައިގެން އިންޑިއާގަ އަހަރަކު 2،000 މީހުން މަރުވޭ- 13 ގަޑިއިރުތެރޭ 37،749 ހޮނު އެޅުމަކީ ހިތާމަވެރި ރެކޯޑެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ހޮނުއަޅައިގެން އިންޑިއާގަ އަހަރަކު 2،000 މީހުން މަރުވޭ- 13 ގަޑިއިރުތެރޭ 37،749 ހޮނު އެޅުމަކީ ހިތާމަވެރި ރެކޯޑެއް!
އިންޑިއާ އަށް ހޮނު އެޅުމުގެ ސަބަބުން އަހަރަކު 2000 މީހުން މަރުވެއެވެ. 2016 ވަނަ އަހަރު ބިހާރު ސްޓޭޓުން އެކަނިވެސް 93 މީހުން މަރުވެ 20 މީހުން ޒަޚަމްވިއެވެ.

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އަންދްރަ ޕްރަދޭޝް ގައި ވަނީ މިދިއަ އަންގާރަ ދުވަހު ހޮނުއެޅުމުގެ 37،749 ހާދިސާ ރެކޯޑްކުރެވިފައެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ އާއިއެކު ގިނަ އަދަދަކަށް ހޮނު އެޅުމަކީ އިންޑިއާގައި ޢާންމު ކަމެއް ނަމަވެސް މިއީ ރެކޯޑެކެވެ. އެދުވަހު ވަނީ ހޮނުއެޅުމުގެ ސަބަބުން 9 މީހަކު މަރުވެފައެވެ.

ރާއްޖެއަށް ބެލި ނަމަވެސް ފަހަކަށް އައިސް ހޮނު އެޅުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ. ސައިންސްވެރިން ބުނަނީ ހޮނުއެޅުން އިތުރުވުން ފަދަ ކާރިސާތައް އިތުރުވަމުން އަންނަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

ދީނީ ޢިލްމުވެރިން ވިދާޅުވަނީ މިފަދަ ކާރިސާތައް ފަހުޒަމާނުގައި އިތުރުވާނެ ކަމަށާއި މިފަދަ ކާރިސާތައް އިތުރުވަނީ މީސްތަކުންގެ ޖާހިލުކަން ބޮޑުވުމުން ކަމަށެވެ. އަދި މިފަދަ ކަންކަމަކީ މާތްﷲ ދެއްވަވާ އިންޒާރުތައް ކަމަށެވެ. މިފަދަ ކާރިސާތައް އާންމުވެގެން ދިޔުމަކީ ވަރަށް ހިތާމަ ހުރި ކަމެކެވެ.
މިއަދު އޮންލައިން