މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައިވާ އެސްޓީއޯގެ އަަހަރީ ޢާންމު ޖަލްސާގައި ވީހައި ގިނަ ޙިއްޞާދާރުން ބައިވެރިވެވަޑައިގެންދެއްވުމށް އެކުންފުނިން އެދިއްޖެއެވެ.
އެސްޓީއޯގެ 2017 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް ވަނީ 08 މެއި 2018 ވީ އަންގާރަ ދުވަހު ޢާންމުކޮށްފައެވެ.
މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވާ ބުދަ ދުވަހުގެ 2200 ގައި، ދަރުބާރުގޭ، ދޮށިމޭނާ މާލަމުގައެވެ.
މިޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރެޖިސްޓަރކުރުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލައިފައެވެ.
"އަހަރީ ޢާންމު ޖަލްސާ 2017 އަށް ރެޖިސްޓަރކުރުމަށް އެދޭ ފޯމް" އެސްޓީއޯެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ހުށަހަޅުއްވައިގެން ނުވަތަ [email protected] އީމެއިލް އެޑްރެހަށް އީމެއިލްކުރައްވައިގެން ނުވަތަ 3344533 ނަންބަރަށް ފެކްސް ކުރައްވަގެންވެސް ނުވަތަ ކުންފުނީގެ ވެބްސައިޓްގައި އަހަރީ ޢާންމު ޖަލްސާއަށް ޚާއްޞަކޮށްފައިވާ ވެބްޕޭޖް މެދުވެރިކޮށް ރެޖިސްޓަރކުރެއްވިދާނެއެވެ. ރެޖިސްޓްރޭޝަންއާބެހޭ އިތުރު މަޢުލޫމާތު އެސްޓީއޯގެ ވެބްސައިޓުން އަދި ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް 2017 އިން ލިބިވަޑައިގަންނަވާނެއެވެ.
ހުރިހާ ޙިއްޞާދާރުންވެސް، ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް 2017 ކިޔުއްވުމަށް ކުންފުނިން ވަނީ އެދިފައެވެ.
އަހަރީ ޢާންމު ޖަލްސާގެ ނޯޓިސްގައި، ޖަލްސާގައި ފާސްކުރުމަށް ހުށަހަޅާ އައިޓަމްތަކުގެ ތަފްޞީލްވެސް ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން އެސްޓީއޯއިންވަނީ ކުންފުނީގެ ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާ އިސްލާޙްތަކަށް، ލިބުނު ޙިއްޞާދާރުންގެ ކޮމެންޓްތަކާއި ޙިއްޞާދާރުންނާއެކު ބޭއްވުނު ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް ރިޢާޔަތްކޮށް، ބޯޑުން ނިންމަވާފައިވާ އިސްލާޙްތައްވެސް 08 މެއި 2018 ގައި ޢާންމުކޮށްފައެވެ. އަހަރީ ޢާންމު ޖަލްސާ 2017 ގައި ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާ އިސްލާޙްތަކަށް ވޯޓަށް އަހާނީ މިޑޮކިއުމަންޓްގައި ވާގޮތަށެވެ.
2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ ހިސާބުތަކާއިބެހޭ ގޮތުން އެއްވެސް ސުވާލެއް ކުރައްވަން ބޭނުންފުޅުވާނަމަ، ނުވަތަ އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ލިޔުމަކުން ނުވަތަ އެކުންފުނީގެ އޭޖީއެމް ވެބްޕޭޖް މެދުވެރިކޮށް، 23 މެއި 2018 ގެ ކުރިން ހުށަހެޅުއްވުމަށް، 08 މެއި 2018 ގައި އެކުންފުނިން ވަނީ ޙިއްޞާދާރުންގެ ސަމާލުކަމަށްޓަކައި އިޢުލާންކޮށްފައެވެ.